ނިލަންދޫ ހޯމް ކަރަންޓީނުގައި ތިބި މީހުންނާ ނުވަ މީހަކު ބައްދަލުވި

ފ. ނިލަންދޫ: އެރަށަށް މިހާރު ވަނީ އާންމު ހާލަތައް ގެނެސްފައި މަނާކޮށްފައި ---

އިއްޔެ ފ. ނިލަންދޫ އިން ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސީން އިން ނުވަ މީހަކު ދެނެގަނެވިއްޖެ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ނިލަންދޫ މޮނީޓަރިން ހާލަތައް ގެނެސް ރަށަށް އަރާ ފޭބުން ވަގުތީ ގޮތުން މަނާ ކުރީ، އެރަށު ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

މިހާތަނަށް އައިއިރު، ޖުމްލަ ހަތަރު މީހަކު ވަނީ އެރަށުން ޕޮޒިޓިވްވެފައެވެ. އެ ހަތަރު މީހަކީވެސް، މާލެއިން ފުރައިގެން އެރަށް ގޮސް ކަރަންޓީނުގައި ތިބި މީހުންނެވެ. އެ މީހުން ޕޮޒިޓިވި ކަން އެނގުނީ ކަރަންޓީންގެ 14 ދުވަހުގެ މުއްދަތަށްފަހު ހެދި ޓެސްޓުތަކުންނެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް މިއަދު "ސަން"އަށް ވިދާޅުވީ، އެ މީހުންނާ ބައްދަލުވި ނުވަ މީހަކު ދެނެގެނެވިފައިވާ ކަމަށެވެ. އަދި މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމި، ރަށް މޮނިޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ނުވަ މީހުން ވަނީ، ކަރަންޓީންގައި ތިބި މީހުން ގޭގެ ދޮރު ކައިރިއަށް ގޮސް އެ މީހުންނާ ވާހަކަ ދައްކާ ހަދާފައި،" ކަރަންޓީންގައި ތިބި ބަަޔަކާ އެހެން ބަޔަކާ ކޮންޓެކްޓްވީ ކިހެނެއްތޯ ސުވާލު ކުރުމުން ޖަލީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ނުވަ މީހުން އެކަހެރި ކުރެވި، މިހާރު ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 78 މީހުންނެވެ. އޭގެ ތެރެއިން ހަތަރު ކޭސް އަކީ މާލެއިން ބޭރުން ފެނުނު ހަތަރު ކޭސް ކަމަށް ރޭ އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. ނަމަވެސް އެ ރަށްރަށުގެ ތަފްސީލެއް އެޗްޕީއޭ އިން އަދި ހާމައެއް ނުކުރެ އެވެ.

މިހާތަނަށް ރާއްޖެއިން 5،500އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު، 3،010 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އޭގެ ތެރޭގައި މިއަދު ބަލިން ރަނގަޅުވި 90 މީހުން ހިމެނެ އެވެ. އަދި 22 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ. މިހާރު ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 2،540 އެވެ.

comment ކޮމެންޓް