މާލޭގެ ގެއަކުން 30 އަށްވުރެ ގިނަމީހުން ޕޮޒިޓިވް، އެތައް ޝަކުވާއެއް

މާލޭގެ ގެއަކުން ކޮވިޑް19އަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުމަށް ކަމާބެހޭފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ގެއެއްގައި އުޅޭ 30 އަށް ވުރެ ގިނަ މީހުން ކޮވިޑް 19 އަށް ޕޮޒިޓިވްވެ، އެޗްޕީއޭގެ ފަރާތުން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާތީ ކަންބޮޑުން ފާޅުކޮށްފި އެވެ.

ޓްވިޓާގައި ކަންބޮޑުވުން ފާޅުކޮށް އާއިޝަތު އިޔާދު ބުނީ އޭނާ ދިރިއުޅޭ ހ.މޫންލައިޓް ވެލީ އިން ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވުމުންވެސް އެ ގެ މޮނީޓަރިން އަށް ލާފައި ނުވާ ކަމަށެވެ. އެތައް ފަހރެއްގެ މަތިިން އެޗްޕީއޭ އަށް ގުޅި ކަމަށާއި އަދި ފުލުހުންނަށްވެސް ގުޅި ކަމަށް ބުނެ އިޔާދު ބުނީ އެއްެސް ފަރާތަކުން އެކަމަށް އިޖާބަ ދީފައި ނުވާ ކަމަށެވެ.

ގޭގައި އުޅޭ އިތުރު މީހުން ޕޮޒިޓިވްވެ އައިޮލޭޝަނަށް ގެންދިޔުމަށް އެތައް ފަހަރަކު ގުޅުމުން އެޗްޕީއޭ އިން އައިސް ބަޔެއް މީހުން އައިސޮލޭޝަނަށް ގެންދިޔަ އިރު ގޭގައި އުޅެ ހައި ރިސްކު މީހުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ބައިތިއްބާފައި ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

"އަހަރެމެން އައިސޮލޭޝަން ފެސިލިޓީ އަށް ގެންދިޔަ އިރު ގޭގައި ތިބީ ހައރިސްކު، ޕޮޒިޓިވް މީހުން. ކަންކުރަންވީ ގޮތުގެ އެއްވެސް އިރުޝާދެއް އެޗްޕީއޭ އަކުން ނުދޭ. އެހެންވެ އޮޅުންފިލުވަން ތަކުރާރުކޮށް އެޗްޕީއޭ އަށް ގުޅަމުން ދިޔައީ،" އިޔާދު ޓްވީޓުކޮށްފައިވެ އެވެ.

ކޮވިޑު19ގައި އެ އާއިލާގެ މީހަކު މަރުވުމުން އެޗްޕީއޭ އިން އެގޭގައި މޮނީޓަރިން ނޯޓިސް ތަތްކުރީ "ބެކް ޑޭޓަށް" ކަމަށް އޭނާ ބުންޏެވެ. ކޮވިޑް19ގައި ރާއްޖެއިން މަރުވި އުމުރުން 67 އަހަރުގެ މީހާގެ ޖަނާޒާގެ ކަންތައް ކުރިއަށް ދަނިކޮށް އެޗްޕީއޭ އިން ވަނީ އެނާ އައިސޮލޭޝަނަށް ގެންދިޔުމަށް ގުޅާފައި ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. ފަހުން އެޗްއީއޯސީ އިން ވަނީ އެކަމަށް މައާފަށް އެދިފަ އެވެ. އެއީ މި އާއިލާއަށް ނިސްބަތްވާ މީހެކެވެ.

އާއިލާގެ ފަރާތުން ސޯޝަލް މީޑިއާގައި މައުލޫމާތު ހާމަކުރަމުން ބުނެފައި ވަނީ، މިކަމުގައި އެޗްޕީއޭ އިން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން އޭނާއަކީ ހައި ރިސްކް ގްރޫޕުގެ މީހަކަށް ވާތީ، އައިސޮލޭޝަނަށް ގެންގޮސްދޭން ތަކުރާރުކޮށް އާދޭސް ކުރަމުން ދިޔަ ކަމަށާއި، ނަމަވެސް ނިޔާވި އިރުވެސް އައިސޮލޭޝަނަށް ގެންދެވިފައި ނުވާކަމަށް އާއިލާއިން ބުންޏެވެ.

އެޗްޕީއޭގެ އިހުމާލު އޮތް މިންވަރު ހާމަކޮށް އިޔާދު އިތުރަށް ޓްވިޓާގައި ބުނީ އާއިލާގެ މީހަކު ބަލީގަައި މަރުވި އިރު އެ ގޭގައި ކޮވިޑަށް ޕޮޒިޓިވް 20 މީހުން ތިބި ކަމަށެވެ. އެގެ ތެރޭގައި ހިތުގެ ބަލި މީހުންނާއި ކުޑަކުދިން ތިބި ކަމަށާއި ޕޮޒިޓިވް މީހުންނާ ޑައިރެކްޓް ކޮންޓެކްޓުވި ހައިރިސްކު މީހުންވެސް ތިބި ކަމަށެވެ.

"އެތައް ފަހަރެއްގެ މަތިން އެ މީހުން ޓެސްޓުކޮށްދޭން އެދުނިން. އެކަމަކު އެޗްޕީއޭ އިން ބުނީ ޑައިރެކްޓު ކޮންޓެކްޓުން ޓެސްތުކުރާނީ އެމީހުންގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނުމުން ކަމަށް،" އިޔާދު ބުނެފައިވެއެވެ.

މިހާރު އެ ގެއިން 30 އަށް ވުރެ ގިނަ މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި 60 އަހަރުން މަތީގެ މީހުންނާއި ކުޑަކުދިން އަދި ނޭވާ ހިއްލުމާއި ހިތުގެ މައްސަލަތައް އަދި ކޮލެސްޓްރޯލު ހުންނަ މީހުންވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

އެކި ފަހަރުމަތިން އެޗްޕީއޭ އަށް ގުޅަިއ މިކަން ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް އޭނާ ބުންޏެވެ.

"އެތައް ފަހަރެއްގެ މަތިން ރިޕޯޓު ކުރެވިއްޖެ. އެއް އާއިލާއަކުން ކިތައް މީހުން ދުނިޔެ ދޫކުރީމާތޯ އެޗްޕީއޭ އިން މިކަމުގައި އަވަސް ފިޔަވަޅު އަޅާނީ؟" އިޔާދު ބުނެފައިވެއެވެ.

ކޮވިޑް ކޮންޓްރޯލުކޮށް މެނޭޖު ކުރުމުގައި އެޗްޕީއޭ ފެއިލްވެފައިވާ ކަމަށް ގިނަ ބަޔަކު ބުނަމުން ދާއިރު ބުރާސްފަތި ދުވަހު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމަނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެދުވަހުގެ ނިޔަލަށް ބައްޔަށް ޕޮޒިޓިވް 359 މީހަކު ފެސިލިޓީތަކަށް ނުގެންދެވި އެބަތިބި ކަމަށެވެ.

ބަލި ފެތުރޭ މިންވަރު އިތުރވާނީ އެޗްއީއޯސީގެ މަސައްކަތް ފުޅާކުރަން ނިންމާފައިވަކަމަށްވެެސް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

ރޭގެ އިރުއޮއްސި 6:00 އާއި ހަމައަށް ރާއްޖެއިން ޖުމްލަ 5،572 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު މިހާރު ބައްޔަށް ފަރުވާދޭ 2،540 މީހުން ހިމެނެއެވެ. ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 22 އަށް އަރައިފައެވެ.

comment ކޮމެންޓް