ޖޫންމަހާ އަޅާބަލާއިރު ޖުލައި މަހު ޓެކްސް އާމްދަނީ އިތުރު

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއަހަރުގެ ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން އާންމުކޮށްފައިވާ ޖުލައި މަހުގެ ޓެކްސް އަމްދަނީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި ޖުލައި މަހު 656.10 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ ތެރޭގައި ޑޮލަރުން ލިބުނު 4.75 މިލިއަން ވެސް ހިމެނެ އެވެ.

މިއަހަރުގެ ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނި އަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލައިރު 69.6 ޕަސެންޓް ދަށް އަދަދެކެވެ. މީރާ އިން ބުނީ ޖުލައި މަހުގެ އާމްދަނީ ދަށްވި މައިގަނޑު އެއް ސަބަބަކީ ޓޫރިޒަމް ދައިރާ އިން ލިބޭ ގްރީން ޓެކްސް އާއި ޓީޖީއެސްޓީ އަދި ޓޫރިޒަމް ލޭންޑް ޓެކްސް މަދުވުން ކަމަށެވެ.

ކޮވިޑް19ގެ ސަބަބުން ޓޫރިޒަމް ދާއިރާ ހުއްޓިފައި އޮތުމަށްފަހު އަލުން ޓޫރިސްޓުން އަންނަން ފަށާފައިވަނީ މިދިޔަ މަހުގެ 15 އިން ފެށިގެންނެވެ.

މިދިޔަ މަހު އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ މުދަލާއި ހިދުމަތުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ އިންނެވެ. އާމްދަނީގެ 43.3 ޕަސެންޓަކީ ޖީއެސްޓީ އާމްދަނީ އެވެ. ޖުލައި މަހު ޖީއެސްޓީގެ ގޮތުގައި 248.3 މިލިއަން ރުފިޔާ ލިބުނުއިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 23.7 ޕަސެންޓް ދަށް އަދަދެކެވެ.

މިދިޔަ މަހު ދެވަނަ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ އާމްދަނީ އިން ނަގާ ޓެކްސް ނުވަތަ އިންކަމް ޓެކްސް އިންނެވެ. ޖުމްލަ އާމްދަނީގެ 41.2 ޕަސެންޓަކީ އިންކަމް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އިންކަމް ޓެކުހުގެ ގޮތުގައި ޖުމްލަ 270.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ ތެރޭގައި ފަރުދުންގެ އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު 7.5 މިލިއަން ރުފިޔާ ހިމެނެ އެވެ.

އާމްދަނީގެެ 4.2 ޕަސެންޓަކީ ރެޒިޑެންޝަލް ޕާމިޓު ދޫކޮށްގެން ލިބުނު ފައިސާ އެވެ. ރެޒިޑެންޝަލް ޕާމިޓް ދޫކިޮށްގެން 27.55 މިލިއަން ރުފިޔާގެ އާމްދަނީއެއް ޖުލައި މަހު ލިބިފައިވެ އެވެ.

އާމްދަނީގެ 3.1 ޕަސެންޓަކީ ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީގެ) ގޮތުގައި ލިބުނު އާމްދަނީ އެވެ. ބީޕީޓީގެ ގޮތުގައި ޖުލައިމަހު ދައުލަތަށް 20.5 މިލިއަން ރުފިޔާ ލިބުނެވެ،

އާމްދަނީގެ 1.8 ޕަސެންޓް ހިއްސާ ކުރަނީ ވެހިކަލް ފީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ވެހިކަލް ތަކުން ނަގާ ފީގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް 11.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ މަހު ޖޫރިމަނާގެ ގޮތުގައި 7.7 މިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބުނެވެ.

އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް ލިބުނީ 1.6 މިލިއަން ރުފިޔާއެވެ. އެއާޕޯޓު ސާވިސްޗާޖުގެެ ގޮތުގައިވެސް 1.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ކޮވިޑް19 އާއި ގުޅިގެން މީރާ ބަންދުކޮށްފައި ހުރުމަށްފަހު މީރާ ހުޅުވައި، އަލުން ޓެކްސް ބަލައިގަންނަން ފަށާފައިވަނީ ޖުލައި މަހު އެވެ.

comment ކޮމެންޓް