ކޮވިޑް ޓެސްޓުގެ އަގު 1،500 ރުފިޔާ އިން ފެށިގެން

މާލޭގައި މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާރް އާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް ބޭނުންވާ ކޮވިޑް ޓެސްޓް ހަދައިދޭނެ މަރުކަޒުތަކާއި އެ މަރުކަޒުތަކުން ޓެސްޓު ހަދައިދޭ އަގުތައް އާންމުކޮށްފި އެވެ.

އެޗްޕީއޭ އިން އިއްޔެ އާންމުކުރި ލިސްޓުގައި ޓެސްޓު ހަދައިދޭ ފަސް ތަނެއް ހިމަނާފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން އައިޖީއެމްއެޗާއި އޭޑިކޭ އަދި ޓްރީ ޓޮޕް އެވެ. މީގެ އިތުރުން ކުޅުދުއްފުށީ ރިޖަނަލް ހޮސްޕިޓާލް (ކޭއާރުއެޗް) އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން (އޭއީއެޗް)އިން ވެސް ކޮވިޑް ޓެސްޓު ހަދައިދޭނެ އެވެ.

ޓެސްޓުގެ އަގު އުޅެނީ، އޭޑީކޭ އިން 1،500 ރުފިޔާ އަށެވެ. އައިޖީއެމްއެޗް، ކޭއާރުއެޗް އަދި އޭއީއެޗް އިން ޓެސްޓު ހަދައިދެނީ 1،534 ރުފިޔާ އަށެވެ. ޓްރީ ޓޮޕް އިން 2،000 ރުފިޔާ އަށެވެ.

ރާއްޖެއިން ބޭރަށް ފުރާ ފަރާތްތަކުން ބޭނުންވާ، ކޮވިޑް ޓެސްޓު ހެދޭނެ އިންތިޒާމާ މެދު ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ.

އެޗްޕީއޭ އިން ބުނީ ފުރާ މީހުންނަށް ބޭނުންވާ މީހުން ޓެސްޓްކޮށް ނަތީޖާ ހޯދުމަށް ފުރުމުގެ 48 ގަޑިއިރު ކުރިން ލެބޯޓްރީ އަށް ސާމްޕަލް ލިބެން ޖެހޭނެ ކަމަށެވެ. އަދި ފުރާ މީހުންގެ ސާމްޕަލް ނަގައިދޭނީ ފުރާ މީހެއްކަން އަންގައިދޭ ލިޔުމަކާއި އަދި ލެބޯޓްރީ އިން އެދޭ އެހެން ލިޔުންތައް ހުށަހެޅުމުން ކަމަށް ވެސް ބުންޏެވެ.

ފަތުރުވެރިންގެ ތެރެއިން ރާއްޖެއިން ފުރާ ފަރާތްތަކުގެ ޓެސްޓު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު މެދުވެރިކޮށް ހެދޭނެ އިންތިޒާމު ވަނީ ހަމަަޖައްސައިފަ އެވެ.

comment ކޮމެންޓް