އޭސީސީ އިން ބުނަނީ އިޖުރާއަތު ގާނޫނުގެ ދަށުން ގަވައިދު ހެދި ކަމަށް!

މަޖިލީހުގެ ކޮމިޓީއެއްގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވާހަކަދައްކަވަނީ -- ފޮޓޯ/ މަޖިލިސް

ޖިނައީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދު ހެދި ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން މިގޮތަށް ބުނީ، ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދެއް ނަހަދާ ކަމަށް ބުނެ، އަމިއްލަ ފަރާތުން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވާފައި ވަނިކޮށެވެ.

އެ ގަވައިދަކީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ކޮންމެ ފަރާތަކުން އެފަރާތަކަށް މައްސަލަ ހުށަހެޅޭނެ އިޖުރާއަތުތައް ބަޔާންކުރާ ގަވައިދެވެ. އެ ސިޓީގައި ބުނެފައިވަނީ އެއީ ތިން މަސް ދުވަހުގެ ތެރޭގައި ހަދަން ޖެހޭ ގަވައިދެއް ކަމަށާއި ނަމަވެސް އަދި މިހާތަނަށްވެސް އެ ގަވައިދު ހަދާފައި ނުވާ ކަމަށެވެ.

ނަމަވެސް މިރޭ އޭސީސީން ބުނީ، އެ ގަވައިދު ކޮމިޝަނުން ހަދާފައިވާ ކަމަށާއި ކޮމިޝަނަށް މައްސަލަހުށަހެޅޭނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެއް ނެތްކަމަށްބުނުމަކީ ކަނޑައެޅިގެން ހަހީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

އޭސީސީން ބުނީ، ޖިނާއީ އިޖުރާތުގެ ގާނޫނު ވުޖޫދުވުމުގެ ކުރީން އެ ކޮމިޝަނުން މައްސަލަތައް ތަހުގީގުކުރުމުގައި އަމަލުކުރަމުން ދިޔަ އިޖުރާއަތުތައް ލިޔެވިފައިވާނީ 23 ޑިސެމްބަރ 2010 ގައި ގެޒެޓްކުރެވުނު އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އާންމު ގަވާއިދުގައި ކަމަށެވެ.

އަދި ޖިނާއީ އިޖުރާތުގެ ގާނޫނު ވުޖޫދުވުމަށްފަހު، އެ ގަވައިދުގެ ދަށުން ހަދަން ތަހުގީގުކުރުމާގުޅޭ ކަންކަމުގައި ގަވާއިދު ހެދުމަށް ލާޒިމްކޮށްފައިވާތީ، ކުރީގައި ތަހުގީގުކުރުމުގެ އިޖުރާއަތްތަކާ ގުޅޭގޮތުން އަމަލުކުރަމުންދިޔަ އެންޓި ކޮރަޕްޝަން ކޮމިޝަންގެ އާންމު ގަވައިދު އުވާލައި، މުޅިން އާ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އާންމު ގަވާއިދު 18 އެޕްރީލް 2017 ގައި އަމަލު ކުރަން ފެށުނު ކަމަށެވެ.

"ޖީނާއީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދު އެކުލަވާލައި އެންމެ ފުރަތަމަ ގެޒެޓްކުރި އިދާރާއަކީވެސް އޭސީސީއެވެ. އަދި ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އޭސީސީން ހަދަންޖެހޭ ގަވާއިދު ހަދާފައިވާކަމަށް 2017 ވަނަ އަހަރުގެ ތެރޭގައި މީޑިއާ އިން ފާހަގަކޮށްފައިވެއެވެ." އޭސީސީން މިރޭ ބުންޏެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނު އަށް އަމަލުކުރަން ފެށުނީ ދޭއް ޖެނަވަރީ 2017 ގައެވެ. އަދި އެ ގާނޫނުގެ ދަށުން އޭސީސީން ހަދަން ޖެހޭ ގަވައިދު ހަދަން ޖެހޭނީ ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ކަމަށް އެ ގާނޫނުގައި ބުނެފައުވެއެވެ. އައީ 2 އެޕްރީލް 2017 އެވެ.

އޭސީސީން ބުނާ، އެ ގަވައިދުގައި ބުނާގޮތުން އެ ގަވައިދަކީ، އެންޓިކޮރަޕްޝަން ކޮމިޝަނުންގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދެކެވެ. އަދި އެ ގަވައިދުގެ ދެވަނަ ބާބުގައި، ޖިނާއީ އިޖުރާތުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ، ޖިނާއީ މައްސަލަތައް ހުށަހެޅުމާއި ތަހުގީގު ކުރުމުގެ އިޖުރާއަތްތައް ބަޔާން ކޮށްފައިވެއެވެ.

އެހެން ނަމަވެސް، ސީދާ ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން އޭސީސީން ގަވައިދެއް ހަދާފައި ނުވެއެވެ.

އޭސީސީއިން ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ކޮންމެ ފަރާތަކުން އެފަރާތަކަށް މައްސަލަ ހުށަހެޅޭނެ އިޖުރާއަތުތައް ބަޔާންކުރާ ގަވައިދު އެ ކޮމިޝަނުން އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ ގަވައިދުގެ ތައާރަފުގައި އިޖުރާއަތު ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދު ކަމަށް ބަޔާންކޮށްފައި ނެތް ނަމަވެސް އެއީ އެ ގަވައިދު ކަމަށް އޭސީސީއިން ބުންޏެވެ.

އަމިއްލަ ފަރާތުން ރައީސް ނަޝިދަށް ފޮނުވި ސިޓީގައި ބުނީ، ޖިނާއީ އިޖުރާތުގެ ދަށުން ހަދަން ޖެހޭ ގަވައިދު މިހާތަނަށް ކޮމިޝަނުން ހަދާފައި ނުވުމުން، އެމައްސަލައެއް ތަހުގީގުކުރަން ފެށުނު ގޮތާމެދު ސުވާލު އުފެދޭނެ ކަމަށެވެ. އޭސީސީގެ މެމްބަރުން އައްޔަރު ކުރެވުނުތާ 11 މަސް ދުވަސްވެފައިވާއިރު ގާނޫނުން ލާޒިމްކުރި އިލްތިމާޒް އަދާކޮށްފައި ނުވާތީ އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ބަލައިދިނުމަށް އެ ސިޓީގައި ވަނީ އެދިފަ އެވެ.

https://sun.mv/141516

ގުޅޭ ޓެގު
comment ކޮމެންޓް