ޔޫއޭއީ އާއި އިސްރާއިލުގެ ގުޅުމަށް ހަމާސް އަދި ފަތަހައިން ނުރުހުން ފާޅުކޮށްފި

ހަމާސްގެ ބޮޑުވަޒީރު ހަނިއްޔާ (ކ) އަދި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް--

ޔޫއޭއީން އިސްރާއިލާ ރަސްމީކޮށް ގުޅުން ގާއިމްކުރުމުން ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ފަތަހަ ޖަމާއަތުގެ ނުރުހުން އިންތިހާއަށް އަމާޒުވެއްޖެ އެވެ.

ހަމާސް އިން ބުނީ އިސްރާއިިލުން ޔޫއޭއީއާ ގުޅުން ގާއިމްކުރުމަކީ، އިސްރާއިލުން ފަލަސްތީނުގެ ބިން އިސްތިއުމާރުކޮށްގެން ހިންގަމުންދާ އަނިޔާވެރި ޖަރީމާތައް ބަލައިގަނެ ޔޫއޭއީން އިސްރާއިލަށް އެރުވި ހަދިޔާއެއް ކަމަށެވެ.

"މިއީ ފަހަތުން އައިސް ފަލަސްތީނުގެ މީހުންގެ ގަޔަށް ވަޅި ހެރުން ފަދަ ކަމެއް،" ހަމާސްގެ ތަރުޖަމާނު ފައުޒީ ބަރުހޫމް ވިދާޅުވި އެވެ.

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވެސް ވަނީ ޔޫއޭއީއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ޔޫއޭއީގެ އެ އަމަލަކީ ފަލަސްތީނުގެ މީހުންނާއި މާތްވެގެންވ މަސްޖިދުލް އަގްސާއާއި ގުދުސްގެ މައްސަލައަށް ބީރުކަންފަތެއްދީ ކޮޅުފައިން ޖެހުން ފަދަ ކަމެއް ކަމަށެވެ.

އެމަނިކުފާނު ވަނީ ޔޫއޭއީ- އިސްރާއިލްގެ ގުޅުމާ ދެކޮޅަށް އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ އޯއައިސީން ތެދުވުމަށް ގޮވާލައްވައިފަ އެވެ.

އެ ގުޅުމާ ދެކޮޅަށް ގައްޒާ އަދި އިތުމަތީ ގުދުސްގައި ފަލަސްތީނުގެ މީހުން ވަނީ މުޒާހަރާކޮށްފަ އެވެ. އަދި މިއީ ގައްދާރުންގެ އަމަލެއް ކަމަށާއި ފަލަސްތީނަކީ ވިއްކާލަން އޮތް ތަނެއް ނޫން ކަމަށްބުނެ ފަލަސްތީނުގެ މީހުން ވަނީ އަޑުއުފުލައިފަ އެވެ.

އިރުމަތީ ގުދުސްގައި ކުރިއަށް ދިޔަ އެ މުޒާހަރާގައި ފަލަސްތީނުގެ މީހުން ވަނީ ޔޫއޭއީގެ ވަލީ އަހުދު މުހައްމަދު ބިން ޒައިދުގެ ފޮޓޯތަކަށް ފައިން އަރައި އެ ފޮޓޯތައް އަންދާލައިފަ އެވެ.

އިސްރާއިލުން ޔޫއޭއީއާ ރަސްމީކޮށް ގުޅުން އިއްޔެ ގާއިމްކުރި ނަމަވެސް އެ ގުޅުން އަޑިއަޑިން އޮންނަތާ މިހާރު ވަރަށް ގިނަ އަހަރުތަކެއް ވަނީވެފަ އެވެ.

ޔޫއޭއީގެ ނިންމުމަށް ތާއިދުކުރި އަރަބި ގައުމުތަކުގެ ތެރޭގައި އޮމާން ހިމެނެ އެވެ. އެގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ މިއީ ތާރީހީ މުނާސަބަތެއް ކަމަށެެވެ. އަދި އޭގެ ސަބަބުން މެދު އިރުމައްޗަށް ސުލްހަވެރިކަން އަންނާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ތުރުކީއާއި އީރާނުން ވަނީ ޔޫއޭއީގެ ނިންމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ނަމަވެސް ތުރުކީއަކީ މިހާރު ވެސް އިސްރާއިލާ ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން އޮންނަ ގައުމެކެވެ.

ޔޫއޭއީގެ ނިންމުމަށް ޔޫރަޕިއަން ޔޫނިއަން އިއްތިހާދު އަދި ޗައިނާއިން ވެސް ވަނީ މަރުހަބާކިޔައިފަ އެވެ.

އެމެރިކާގެ ވައިޓް ހައުސްއިން ބުނީ ޔޫއޭއީއާއެކު ގުޅުން ގާއިމްކުރުމަށް އެއްބަސްވީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތައް އިސްރާއިލގެ ބަޔަކަށް ހެދުމަށް ހުއްޓާލަން ޝަރުތުކޮށްފައި ކަމަށެވެ. ފަލަސްތީނުގައި ޔަހޫދީ އާބާދީތައް ހަދަން މަސައްކަތް ކުރާ "ސެޓްލާ" ލީޑަރުން ވަނީ ނަތަންޔާހޫގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި މިއީ އެމީހުންނަށް ގައްދާރުވުންކަމަށްވެސް ވަނީ ބުނެފައެވެ.-- އަލްޖަޒީރާ-

comment ކޮމެންޓް