ބިދޭސީ ސޭޓުންނަށް ނުތިބެވޭ ސަަބަބެއް ނުވިސްނޭ: ފައްޔާޒް

ފެބްރުއަރީ 19، 2020: ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ / އަހްމަދު ސައީދު

ފިހާރަތަކުގައި ބިދޭސީ ކޭޝިއަރުން ތިބުން މަނާކުރަންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ކޭޝިއަރުންގެ ގޮތުގައި ބިދޭސީން މަސައްކަތް ކުރުމަކީ މަނާ ކަމެއްކަމަށް ހަމަޖެއްސީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ.

ރާޢްޖެޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެއީ ރައީސް ޔާމީންގެ ސަރުކާރުން ގެނައި ކުއްލި ބަދަލެއް ކަމަށާއި، އެ ބަދަލަކީ 90،000 ވަޒީފާ އުފެއްދުމަށް ގަދަބާރުން ނިންމެވި ނިންމުމެއް ކަމަށެވެ.

އެ ނިންމެވުމުގެ ސަބަބުން އެތައް ވިޔަފާރިތަކެއް ހުއްޓާލަން ޖެހި، އެތައް ފިހާރަތަކެއް ބަންދުކުރަން ޖެހުނު ކަމަށެވެ.

"އަޅުގަނޑު އެއް ގޮތަކަށް ވެސް ތާއީދެއް ނުކުރަން، މީ ވަރަށް ގިނަ ބޭފުޅުން އަޅުގަނޑު ދެކެ ހިތްހަމަނުޖެހި ރުޅި އަންނާނެ ވާހަކައެއް. އެހެން ނަމަވެސް އަޅުގަނޑަކަށް އެއްވެސް ޒާތެއްގައި ނުފެނޭ ކޭޝިއަރުން ކޮންމެހެން ނުބަހައްޓަން ޖެހޭ ސަބަބަކީ ކޮބައިތޯ އެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބޭރު މީހުން ވިޔަފާރި ކުރާއިރު ވިޔަފާރިކުރަނީ ކައުންޓަރުގައި ކޭޝިއަރެއްގެ ގޮތުގައި ތިބެގެން ނޫން ކަމަށެވެ. އަދި އެކަމުގެ ފަހަތުގައި ތިބެނީ ދިވެހީން ކަމަށާއި، ވިޔަފާރިކުރަނީ ބިދޭސީއެއްކަން އެނގޭ ނަމަވެސް ކޯޓެއްގައި އެކަން ސާބިތުކޮށްނުދެވޭނެ ކަމަށެވެ.

"އެއީ އަޅުގަނޑަށް އޮތް ދަތިކަމަކީ. އަޅުގަނޑުމެން މި އައީ ގާނޫނު، ރޫލް އޮފް ލޯ ހިފަހައްޓަން. ސާބިތުކޮށްދެވެން ޖެހޭނެ އޭނާގެ ވިޔަފާރިއެއްކަން. އެހެން ނޫނީ އަޅުގަނޑު ވާނީ ބޮޑު ޑިކްޓޭޓަރަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގައުމު ތަރައްގީކުރެވޭނީ ވިޔަފާރިކޮށްގެން ކަމަށާއި، ދިވެހިން "ތަންމިނަށް" ވިޔަފާރުކުރަންވީ ކަމަށެވެ. އަދި ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އެ ފުރުސަތު ފަހިކޮށްދީ އެފަރާތްތަކުގެ އަތުން ޓެކްސް ނަގައި ރައްޔިތުންނަށް ކަންކަން ކޮށްދޭންވީ ކަމަށެވެ.

"އެއީ އަޅުގަނޑުގެ ފިލޯސޮފީއަކީ. ވިޔަފާރި ބޮޑަށް ކުރާށޭ. ކޮށްގެން އެއަށް ޓެކްސް ދައްކާށޭ. ވިޔަފާރިއަށް ހުރި ބޭކާރު ހުރަސްތައް ނައްތާލާށޭ. ކޮންމެހެން އަޅަންޖެހޭ ހުރަސްތަކަކޭ އަޅާނީ. ނޫނީ ސަރުކާރަށް ރެވެނިއު ލިބޭނެ ގޮތަށް ކުރަންޖެހޭ ކަންކަމޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޭޝިއަރުންގެ ގޮތުގައި ބިދޭސީން ތިބުން މަނާކުރި ނަމަވެސް އެކަން އެންމެ ރަނގަޅަށް މޮނިޓާ ނުކުރެވޭ ކަމަށެވެ. އަދި އެންމެ ރަނގަޅަށް އެކަން ނުކުރެވެނީ ބަޖެޓުގެ ތާށިކަމުގެ އިތުރުން އިންސްޕެކްޓަރުން ވެސް ނެތުމުން ކަމަށެވެ.

މިނިސްޓަރު ވަނީ ބިދޭސީން ނުލާ އިގްތިސާދެއް ނުހިންގޭނެ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވައިފަ އެވެ. މިނިސްޓަރު ވިދާޅުވީ އިގްތިސާދު ހިންގަން އިންސާނުން ބޭނުންވާ ކަމަށާއި އެވަރަށް ދިވެހިން ނެތް ކަމަށެވެ.

"ރާއްޖޭގައި ތިބި ގިނަ ދިވެހިން އެމްޕްލޯއިމަންޓަށް އެއްކޮށް އައި ނަމަވެސް އަދި ބައިވަރު އިތުރު ބިދޭސީން، އިތުރު އިންސާނުން އެބަ ބޭނުންވޭ އިގްތިސޯދު ކުރިއަށް ގެންދަން،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް