ޗައިނާ އަށް އެތެރެކުރި ކުކުޅުގައި ވައިރަހުގެ އަސަރު

ބްރެޒިލް އިން ޗައިނާ އަށް އެތެރެކުރި ގަނޑުކުރި ކުކުޅުން ކޮރޯނާ ވައިރަސްގެ އަސަރު ފެނިއްޖެ އެވެ.

އެގައުމަށް އެތެރެކުރާ ކާބޯތަކެތި ޓެސްޓު ކުރުމަށް ނަގާ ރޫޓިން ސާމްޕަލުގެ ތެރެއިން ފްރޯޒަން ޗިކަން ވިންގްސް އިން ނެގި ސާމްޕަލްގައި ކޮވިޑް19 ގެ އަސަރު ހުރި ނަމަވެސް، ކާބޯތަކެތީގެ ޒަރިއްޔާ އިން ބަލި ނުފެތުރޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.

ޗައިނާގެ ޝެންޒެން އަށް އެތެރެކުރި ގަނޑުކުރި ކުކުޅުގެ ބާވަތަކުން ކޮވިޑުގެ އަސަރު ފެނުނު ނަމަވެސް، އެއީ ކޮން ބްރޭންޑެއްގެ ކުކުޅެއް ކަމަށް ބުނެފައެއް ނުވެއެވެ.

ގަނޑުކުރި ކުކުޅުގެ ބާވަތަކުން ކޮވިޑުގެ އަސަރު ފެނުމުން ޝެންޒެންގެ ސަރުކާރުން ވަނީ އެ ބާވަތުގެ ކުކުޅު ގަތް މީހުން ކޮންޓެކްޓް ޓްރޭސްކޮށް އެމީހުން ބައްޔަށް ޓެސްޓު ކޮށްފައެވެ. ނަމަވެސް އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަސަރު ފެނިފައެއް ނުވެއެވެ. އަދި އެ އެންމެންވެސް ވަނީ ބައްޔަށް ނެގެޓިވް ވެފައެވެ.

އަދި އެ ސްޓޮކްގައި ހިމެނޭ އެހެން ބާވަތްތަކުން ވެސް ސާމްޕަލް ނެގިކަމަށާއި ނަމަވެސް އެ ސާމްޕަލްތައްވެސް ނެގެޓިވް ވެފައިވާ ކަމަށް ވެއެވެ.

ބްރެޒިލް އިން އެތެރެކުރި ގަނޑުކުރި ކުކުޅުން ކޮވިޑްގެ އަސަރު ފެނުމާ ގުޅިގެން ބްރެޒިލްގެ އެސޯސިއޭޝަން އޮފް އެނިމަލް ޕްރޮޓީން އިން ބުނެފައިވަނީ އެތަކެތީގައި ވައިރަސްގެ އަސަރު އެކުލެވުނީ އެތަކެތި ބަންދުކުރި އިރުކަމެއް ނުވަތަ އެކްސްޕޯޓު ކުރުމުގެ ތެރޭގައި ކަމެއް އަދި ޔަގީންނުކުރެވެ ކަމަށެވެ.

ބްރެޒިލްގެ އެގްރިކަލްޗާ މިނިސްޓްރީ އިން ބުނީ މިކަމާ ގުޅޭގޮތުން ޗައިނާއިން ރަސްމީކޮށް އެ ގައުމާ އެއްވެސް ކަމެއް ހިއްސާ ކޮށްފައި ނުވާ ކަމަށެވެ.

ޗައިނާގެ އެހެން ޕްރޮވިންސަކަށް މި ފަހުން އެތެރެކުރި ޝްރިމްޕް ޝިޕްމެންޓަކުންވެސް ވަނީ ކޮވިޑްގެ އަސަރު ފެނިފައެވެ.

comment ކޮމެންޓް