ކުށްވެރިން ރީފޯމް ކުރުމަށް ކަރެކްޝަނުން ކުރާ ހިދުމަތަށް ނައިބު ރައީސްގެ ޝުކުރު

ނައިބު ރައީސް ފައިސަލް ނަސީމް -- ފޮޓޯ/ރައީސް އޮފީސް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނަކީ ބޭނުންތެރި ބައެއްގެ ގޮތުގައި އަލުން އަނބުރާ މުޖުތަމައުއަށް ނެރުމަށް ކުރަމުން އަންނަ މަސައްކަތަށް، ނައިބު ރައީސް ފައިސަލް ނަސީމް ޝުކުރު އަދާކުރައްވައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 49 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ނައިބު ރައީސް ދެއްވި ހާއްސަ މެސެޖުގައި ވިދާޅުވީ ކަރެކްޝަންސް އަކީ އަމަންއަމާން ކަމާއި އިޖުތިމާއީ އަދާލަތު ގާއިމުކުރުމުގައި ވަރަށް މުހިންމު އިދާރާއެއް ކަމަށެވެ.

އަދި އަދުލު އިންސާފު ގާއިމުކުރުމާއި ގާނޫނު ތަންފީޒުކުރުމުގައި ވެސް ކަރެކްޝަންސްއިން ވަރަށް މުހިންމު ދައުރެއް އަދާކުރާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ގައިދީންގެ ސަލާމަތާއި ރައްކާތެރުކަން ކަށަވަރުކޮށްދީ އެމީހުންގެ ހައްގުތައް ލިބިދިނުމާއެކު ތައުލީމާއި ތަމްރީނު ދީގެން ބޭނުންތެރި ބައެއްގެ ގޮތުގައި އަލުން އަނބުރާ މުޖުތަމައުއަށް ނެރެދިނުމަށް ކޮންމެ ދުވަހަކު ކުރަމުންދާ ހިދުމަތުގެ އަގުވަޒަންކޮށް އެ އިދާރާގެ އެންމެހާ އޮފިސަރުންނާ ހުރިހާ މުވައްޒަފުންނަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ކަރެކްޝަންސް އިން ގައިދީން އިސްލާހުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެމީހުންނަށް ތައުލީމާއި ފަންނީ ކުރިއެރުންތައް ހޯދައިދިނުމަށްޓަކައި ދަނީ ތަފާތު ކޯސްތައް ބާއްވަމުންނެވެ. މީގެ ތެރެއިން ބައެއް ކޯސްތައް ކުރިއަށް ގެންދަނީ އެކި އެކި މަރުކަޒުތަކާއި ޖަމިއްޔާތަކާއި ގުޅިގެންނެވެ.

މި ކޯސްތަކުން ލިބޭ ކޮލިފިކޭޝަނަކީ ޖަލުން ނިކުތުމަށްފަހު އެކި މުއައްސަސާތަކުން ގަބޫލުކުރާ ފެންވަރުގެ ކޮލިފިކޭޝަނެވެ. މީގެ ތެރޭގައި ޖީސީއީ އޯ ލެވެލް އާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ކޯސްތައް ހިމެނެ އެވެ. ގައިދީން ފަންނީ ގޮތުން ކުރިއެރުވުމަށް، ވަޑާން ކުރުން، އިންޖިނިއަރިން، ދަނޑުވެރިކަން ފަދަ ކަންކަން ތަރައްގީ ކުރުމަށްވެސް ކޯސްތަކެއް ކުރިއަށް ގެންދެ އެވެ.

ކަރެކްޝަސް އިން ބުނީ އެ ސާވިސް އިން މަސައްކަތްކުރަނީ ކުށްވެރިން ރިހެބިލިޓޭޓްކޮށް، އެމީހުންނަކީ އަލުން ކުށެއްކޮށްގެން އަނބުރާ ޖަލަށް އަންނަން ނުޖެހޭ ބައެއްގެ ގޮތުގައި ހެދުމަށް ކަމަށެވެ.

އެގޮތުން ކުށުގެ ވެށިން ދުރުހެލިވޭތޯ ގައިދީން ނަފްސާނީ ގޮތުންނާއި އުޅުމުން އިސްލާހުކޮށް، މުޖްތަމައުއަށް ނިކުތުމަށް ތައްޔާރުކުރުމަށް މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ. އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ތައުލީމާއި ފަންނީ ކުރިއެރުން އެކުލަވާލުމުގެ ބޭނުމަކީ، މަޖްތަމައުއަށް އަނބުރާ ނިކުތުމަށްފަހު ތެދުވެރިގޮތުގައި އާމްދަނީއެއް ހޯދުމަށް ބާރުއަޅައި، މުޖްތަމައު ގަބޫލުކުރާފަދަ ފަރުދަކަށް ހެދުން ކަމަށެވެ.

ޖަލުގައި ކޮންމެ މީހަކަށްވެސް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އަދި އެ ފުރުސަތުގެ ބޭނުން ހިފައިގެން ގިނަ ގައިދީން އެމީހުންގެ ތައުލީމީ ހަޔާތް ފުރިހަމަ ކުރުމަށް ގަދައަޅައި މަސައްކަތް ކުރަމުން އަންނަކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

comment ކޮމެންޓް