ރާއްޖޭގައި ތައުލީމީގޮތުން ފިރިހެނުންނަށްވުރެ ކުރީގައި އަންހެނުން

ރާއްޖޭގެ ޒުވާނުންގެ އާބާދީގެ ތެރޭގައި ތައުލީމީ ގޮތުން ކުރީގައި އުޅެނީ ފިރިހެނުންނަށްވުރެ އަންހެނުން ކަމަށް ތަފާސް ހިސާބުން ދައްކައިފި އެވެ.

ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ޒުވާނުންގެ ހާލަތާ ގުޅޭގޮތުން ސްޓެޓިސްޓިކްސް މޯލްޑިވްސް އިން ވަނީ ހާއްސަ ތަފާސް ހިސާބުތަކެއް ހާމަކޮށްފައެވެ.

ރާއްޖޭގައި ޒުވާނުންގެ ގޮތުގައި ބަލަނީ 18 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ. އެހެންނަމަވެސް ބައިނަލްއަގުވާމީގޮތުން ޒުވާނުންގެ ގޮތުގައި ބަލާ އުމުރަކީ 15 އަހަރާއި 24 އަހަރާ ދެމެދެވެ. ރާއްޖޭގައި 18 އަހަރާއި 34 އަހަރާ ދެމެދުގެ އުމުރުގެ 240،584 މީހުން އުޅެއެވެ. އެއީ ރާއްޖޭގެ އާބާދީގެ 43 ޕަސެންޓެވެ.

ސްޓެޓް މޯލްޑިވްސްގެ ތަފާސްހިސާބުން ދައްކާގޮތުގައި ރާއްޖޭގެ ޒުވާނުންގެ އާބާދީގެތެރެއިން ތައުލީމީގޮތުން ކުރީގައި އުޅެނީ އަންހެނުންނެވެ. އެގޮތުން އޯލެވެލް ސެޓްފިކެޓުން ފެށިގެން ޑިގްރީ އާއި ޑިގްރީއިން މަތީގެ ސެޓްފިކެޓުތައް ހޯދައިވާ ފަރާތްތަކުންގެ ތެރޭގައިވެސް ގިނައީ އަންހެނުންނެވެ.

އެގޮތުން 18 އަހަރާއި 34 އަހަރާ ދެމެދުގެ ފަރާތްތަކުގެ ތެރޭގައި އޯލެވެލް އިމްތިހާނު ސެޓްފިކެޓް ހޯދާފައިވަނީ 29،555 އަންހެނުންނާއި 23،238 ފިރިހެނުންނެވެ. އަދި އޭލެވެލް ސެޓްފިކެޓް، 6،266 އަންހެނުންނާއި 5،068 ފިރިހެނުން ހޯދިއިރު ޑިޕްލޮމާ ހޯދާފައިވަނީ 12،591 އަންހެނުންނާއި 6،897 ފިރިހެނުންނެވެ. ޑިގްރީ އާއި އޭގެ މަތީން ތައުލީމު ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 5،023 އަންހެނުންނާއި 2،934 ފިރިހެނުންނެވެ.

އެއްވެސް ސެޓްފިކެޓެއް ނެތް ފަރާތްތަކުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. އެގޮތުން އެއްވެސް ސެޓްފިކެޓެއް ނެތް ޒުވާން ފިރިހެނުންގެ އަދަދު 14،280 ގައި އުޅޭއިރު އަންހެނުންގެ ތެރޭގައި އެ އަދަދު އުޅެނީ 10،508 ގައެވެ.

އެހެންނަމަވެސް ޒުވާނުންގެ މެދުގައި އެސެޓް އޯނަޝިޕް އަށް ބަލާއިރު އެ އަދަދު ގިނައީ ފިރިހެނުންގެ މެދުގައެވެ. އެގޮތުން ފިރިހެނުންގެ އާބާދީގެ 97 ޕަސެންޓު އަތުގައި ފޯނެއް އޮންނައިރު އެ އަދަދު އަންހެނުންގެ މެދުގައި އޮތީ 96 ގައެވެ.

ސައިކަލެއް އޮންނަ ޒުވާނުންގެ އާބާދީއަށް ބަލާނަމަވެސް ފެންނަނީ އެ ޓްރެންޑެވެ. އެގޮތުން ޒުވާނުންގެ 37 ޕަސެންޓު ފިރިހެނުންގެ އަތުގައި ސައިކަލެއް އޮވެއެވެ. އެހެންނަމަވެސް ސައިކަލެއް އޮންނަ އަންހެނުންގެ އަދަދަކީ ޒުވާނުންގެ އާބާދީގެ އަށް ޕަސެންޓެވެ.

ގުޅޭ ޓެގު
comment ކޮމެންޓް