އެތުލެޓިކޯ ރޮއްވާލައި، ލައިޕްޒިގް ފުރަތަމަ ފަހަރަށް ސެމީއަށް

ޗެމްޕިއަންސް ލީގުގައި ރޭ ލައިޕްޒިގް ކުޅުންތެރިން އެތުލެޓިކޯ ބަލިކުރުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ//ދަގާޑިއަން

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ވަރުގަދަ އެތުލެޓިކޯ މެޑްރިޑް ބަލިކޮށް އާރްބީ ލައިޕްޒިގުން ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.

ޕޯޗުގަލްގެ އެސްޓާޑިއޯ ހޯސޭ އަލްވަލޭޑްގައި ރޭ ކުޅުނު ފޯރިގަދަ ކުއާޓާ ފައިނަލުގައި އެތުލެޓިކޯގެ މައްޗަށް ލައިޕްޒިގް ކުރި ހޯދީ 1-2ގެ ނަތީޖާއަކުންނެވެ. މިއީ 2009 ވަނަ އަހަރު އުފެދިގެން އައި ލައިޕްޒިގުގެ ތާރީހުގައި ވެސް ޔޫރޮޕު މުބާރާތެއްގައި އެ ޓީމު ސެމީއަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ.

ކޮވިޑްގެ ސަބަބުން މުބާރާތުގެ ކުއާޓާ ފައިނަލުން ފަށައިގެން މެޗުތައް ޕޯޗުގަލް ވެރިރަށް ލިޒްބަންގައި ކުރިއަށްދާއިރު، ސެމީގެ ފުރަތަމަ ޖާގަ ޕީއެސްޖީ ހޯދީ ބުދަ ދުވަހުގެ ރޭ ކުޅުނު ކުއާޓާގެ ފުރަތަމަ މެޗުގައި ފަހުވަގުތު އެޓަލާންޓާ އަތުން 2-1 ން މޮޅުވެގެންނެވެ. އެ ޓީމާއި ސެމީގައި ވާދަކުރާނެ ޓީމެއް ޔަގީން ކުރުމަށް ރޭ ކުޅުނު މެޗުގައި އެތުލެޓިކޯ ބަލިކޮށް ލައިޕްޒިގް ސެމީގެ ދެވަނަ ޖާގަ ޔަގީން ކުރި އެ ދެ ޓީމު ބައްދަލު ކުރާ ސެމީފައިނަލް މެޗު އޮންނާނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.

ޔޫރޮޕުގެ މުބާރާތެއްގައި ސްޕެނިޝް ޓީމަކާ ދެކޮޅަށް ފުރަތަމަ ފަހަރަށް ނުކުން ލައިޕްޒިގް ރޭގެ މެޗަށް ނުކުތީ މިދިޔަ އަހަރުތަކުގައި ޖަރުމަނު ލީގުގައި މޮޅު ކުޅުމެއް ދެއްކި 23 އަހަރުގެ ވާނާ އެ ޓީމު ދޫކޮށްލާފައި ވަނިކޮށެވެ. ޗެލްސީ އަށް ބަދަލުވުމުގެ ކުރިން ލައިޕްޒިގް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ގެންގޮސްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިއަކީ ވާނާ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް އުފެއްދި އިރު ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެން އެއް ޓީމަކަށް ވެސް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. ޒުވާން ހަލުވި ކުޅުންތެރިންތަކެއްގެ މައްޗަށް ބިނާވެފައި އޮތް ލައިޕްޒިގުން ތަޖުރިބާކާރު އެތުލެޓިކޯ ގާތުގައި އިތުބާރާ އެކު ކުޅެމުން ދިޔަ އެ މެޗުގައި ލައިޕްޒިގަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ މެޗުގެ 50 ވަނަ މިނަޓުގައި ޑެނިއެލް އޯމޯ އެވެ.

އެއަށް ފަހު އެތުލެޓިކޯއިން ކުޅުންތެރިން ބަދަލުކޮށް އެޓޭކް ވަރުގަދަ ކުރި އިރު އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 71 ވަނަ މިނަޓުގައި ޔާއޯ ފީލެކްސް އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ އިސާހިތަކު ތަފާތު ދެއްކި ފީލެކްސް އެ ގޯލު ޖެހީ އޭނާ ހޯދި ޕެނަލްޓީ އަކުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނަޓަށް ވެފައިވަނިކޮށް ލައިޕްޒިގް ކުރަމުން އައި އުންމީދުތައް ހަގީގަތަކަށް ވެގެން ދިޔައީ ޓައިލާ އެޑަމްސްގެ ގޯލުންނެވެ. އޭނާ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ އެތުލެޓިކޯ ކުޅުންތެރިއެއް ފައިގައި ޖެހި މިސްރާބު ބަދަލުވެގެން ދިޔަ ބޯޅައަކުންނެވެ.

comment ކޮމެންޓް