ބެލަރޫސްގެ މުޒާހަރާއަކުން ހައްޔަރު ކުރި މީހަކު މަރުވެއްޖެ

ބެލަރޫސްގެ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ކަރުނަ ގޭހާއި ސްޓަން ގްރެނޭޑް ބޭނުން ކުރޭ -- ފޮޓޯ: އޭޕީ

މިންސްކް (އޮގަސްޓު 15): ބެލަރޫސްގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއާ ގުޅިގެން އެގައުމުގައި ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން ހައްޔަރު ކުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވެއްޖެ އެވެ.

ބެލަރޫސްގެ ގޮމެލް ސިޓީގައި މިދިޔަ އާދިއްތަ ދުވަހު ހައްޔަރު ކުރި 25 އަހަރުގެ އެ ފިރިހެން މީހާ މަރުވީ ބުދަ ދުވަހު ކަމަށް އެގައުމުގެ އިންވެސްޓިގޭޓިވް ކޮމިޓީން ބުންޏެވެ. އަދި އޭނާގެ ބަންދަށް 10 ދުވަސް ޖެހީ ގާނޫނާ ހިލާފަށް ބޭއްވި މުޒާހަރާއެއްގައި ބައިވެރިވުމުން ކަމަށާއި އޭނާ ބަންދުގައި ހުއްޓާ ބަލިވުމުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އެ ކޮމިޓީން ބުންޏެވެ.

އޭގެ ފަހުން އެ މީހާ މަރުވި ސަބަބެއް އަދި ނޭނގޭ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

އެ މީހާ ހައްޔަރު ކުރީ މުޒާހަރާ ތެރެއިން ކަމަށް ބެލަރޫސްގެ އިންވެސްޓިގޭޓިވް ކޮމިޓީން ބުނި ނަމަވެސް އެ މީހާގެ އާއިލާއިން ވަނީ އޭނާ މުޒާހަރާގައި ބައިވެރި ނުވާ ކަމަށް ބުނެފަ އެވެ. އަދި އޭނާ އަކީ ހިތުގެ މައްސަލަތައް ހުންނަ މީހެއް ކަމަށާއި އޭނާ ހައްޔަރު ކުރުމަށް ފަހު ގިނަ އިރުވަންދެން ޕޮލިސް ވޭނެއްގައި ބޭންދި ކަމަށް ބުނެފަ އެވެ.

ބެލަރޫސްގައި ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ފެށީ އެގައުމުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ، އެގައުމުގައި ވެރިކަން ކުރައްވާތާ 26 އަހަރުވެފައިވާ ރައީސް އެލެގްޒެންޑްރާ ލުކަޝެންކޯ ކަން އިލެކްޝަން ކޮމިޝަނުން އިއުލާން ކުރި ފަހުންނެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި އެ އިންތިހާބުން 80 ޕަސެންޓު ވޯޓު ލިބުނީ ލުކަޝެންކޯއަށެވެ. އަދި އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި އިދިކޮޅު ލީޑަރު ސްވެތުލާނާ ތިކަނޯސްކަޔާ އަށް ލިބުނީ 9.9 ޕަސެންޓު ވޯޓެވެ.

ބެލަރޫސްގެ ރައީސް އެލެގްޒެންޑްރާ ލުކަޝެންކޯ އާއި އިދިކޮޅު ލީޑަރު ސްވެތުލާނާ ތިކަނޯސްކަޔާ -- ފޮޓޯ: އޭޕީ/އީޕީއޭ

އެ ވޯޓު އަލުން ގުނަން މިދިޔަ ހޯމަ ދުވަހު ތިކަނޯސްކަޔާ އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމުން އޭނާ އެ ކޮމިޝަނުގައި ހަތް ގަޑި އިރު ވަންދެން ހިފެހެއްޓި ކަމަށް އޭނާއަށް ތާއިދު ކުރާ ފަރާތްތަކުން ބުންޏެވެ. އަދި މުޒާހަރާތަކުގައި މީހުން ބައިވެރި ނުވުމަށް އޭނާ އެދޭ ވީޑިއޯއެއް މަޖުބޫރުން ރެކޯޑު ކުރުވި ކަމަށް ވެސް އެ މީހުން ބުނެ އެވެ. އެ ވީޑިއޯ ވަނީ ބެލަރޫސްގެ ދައުލަތުގެ މީޑިއާއިން ދައްކައިފަ އެވެ.

އޭގެ ފަހުން ތިކަނޯސްކަޔާ ވަނީ ގައުމު ދޫކުރައްވައި ލިތުއޭނިއާއަށް ވަޑައިގެންފަ އެވެ. އަދި އޭނާ ފުރާ ވަޑައިގަތީ އޭނާގެ އާއިލާއަށް އޮތް ނުރައްކަލެއްގެ ސަބަބުން ކަމަށް ދޭހަވާ ގޮތަށް ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ވިދާޅުވެފަ އެވެ.

ތިކަނޯސްކަޔާ އެ އިންތިހާބުގައި ވާދަ ކުރެއްވީ، އޭނާގެ ފިރިކަލުން ސިއަރުހެއި ސިކަނޫސްކީ އެ އިންތިހާބުގައި ވާދަ ކުރަން މަސައްކަތް ކުރެއްވުމުން މިދިޔަ މެއި މަހު އޭނާ ހައްޔަރު ކުރުމުންނެވެ.

ބެލަރޫސްގެ މުޒާހަރާތަކުގައި މިހާތަނަށް އެކަކު މަރުވެ، 200 މީހަކަށް ވަނީ އަނިޔާވެފަ އެވެ. އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ ހޯމަ ދުވަހު މިންސްކްގައި ބޭއްވި މުޒާހަރާއެއްގައި އެ މީހާ މަރުވީ އޭނާގެ އަތަށް ގޮވާ ޒާތުގެ އެއްޗެއް ގޮވުމުންނެވެ. އަދި އެ މުޒާހަރާތަކުން މިހާތަނަށް 6،000 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުން ވަނީ ބުނެފަ އެވެ.

ބެލަރޫސްގެ ސަރުކާރާ އިދިކޮޅު މީހުންނާއި ބޭރު ގައުމުތަކުން ވެސް ވަނީ މުޒާހަރާގައި ބައިވެރިވާ މީހުންނަށް ފުލުހުން އަނިޔާ ކުރާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އދ.އިން ބުނި ގޮތުގައި ފުލުހުން ދަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ރަބަރު އުންޑަ އާއި ސްޓަން ގްރެނޭޑް ބޭނުން ކުރަމުންނެވެ. އަދި މީހުން ހައްޔަރު ކުރާ އިރާއި ހައްޔަރު ކުރުމަށް ފަހު އެ މީހުންނަށް އަނިޔާ ދެމުންނެވެ.

އެ މައްސަލައާ ގުޅިގެން ބެލަރޫސްއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ބެހޭ ގޮތުން ޔޫރަޕިއަން ޔޫނިއަންގެ ފޮރިން މިނިސްޓަރުން މާދަމާ ބައްދަލު ކުރައްވަން ވަނީ ހަމަޖެހިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް