ދެކޮޅަށް ސޮއިކުރި މެމްބަރުންނަށް ނުބަލަން، މީ އަޅުގަނޑުގެ ފައިޓެއް ނޫން: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް---

އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް ސޮއިކުރެއްވި މެމްބަރުންނަށް ނުގުޅުއްވާނެ ކަމަށާއި އަދި މިއީ އޭނާގެ "ފައިޓެއް" ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވައި ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް އެމްޑީޕީގެ ބަޔަކު އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

މިނިސްޓަރު ފައްޔާޒް މީގެކުރިން ވިދާޅުވެފައި ވަނީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންޖެހޭ ވަރުގެ ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ވެސް މިނިސްޓަރު ވަނީ ހަމަ އެ ވާހަކަތައް ތަކުރާރު ކުރައްވައިފަ އެވެ.

"އަޅުގަނޑުގެ އިތުބާރު ނެތްކަމަށް، އަޅުގަނޑު ކުރާ މަސައްކަތާ ގުޅިގެން ނޫނިއްޔާ ގާނޫނީ ގޮތުން ހަމަ އެންމެ އިންޗިއެއް ވެސް ނޯންނާނެ. އެއީ ހަމަ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. އަޅުގަނޑާ ދޭތެރޭ ހިތްހަމަނުޖެހުމެއް އޮވެދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަ، މިނިސްޓަރު ސިފަކުރެއްވީ އެމްޑީޕީ އިން އެތައް އަހަރެއް ވަންދެން ކުރަމުން އަންނަ އިސްލާހީ މަސައްކަތަށް ލިބިގެން ދިޔަ ކާމިޔާބެއްގެ ގޮތުގަ އެވެ.

މިނިސްޓަރު ވިދާޅުވީ އެމްޑީޕީގެ ސުޕާ މެޖޯރިޓީ އޮތް މަޖިލީހަކުން، އެމްޑީޕީ ސަރުކާރެއްގައި އެމްޑީޕީގެ ވަޒީރަކު ވަކިކުރަން މަސައްކަތް ކުރުމުގެ ހިތްވަރާއި ގާބިލުކަން މިހާރު ރާއްޖޭގައި އުފައްދާދެވިފައިވާ ކަމަށެވެ.

"އެމްޑީޕީ އާއި އިސްލާހަށް މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުން މިދިޔަ އެތައް އަހަރުތަކުގައި ކުރި މަސައްކަތުގެ ނަތީޖާ. އެހެންވީމަ އަޅުގަނޑު ވަރަށް އުފާވާ ކަމެއް ފުރަތަމަ ކަމަކަށް އެއީ. ވަރަށް ރީއްޗަށް އެ ޖާގަ މިއޮތީ ލިބިފައި،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދަން އުޅޭކަން އެނގުނީ އިއްޔެ ނޫން އިހަށް ދުވަހު ކަމަށާއި އެވަރުގެ ކަމެއް ކުރެވިފައި އޮތް ނަމަ އޭގެ ކުރިން ކޮންމެސް ވަރެއްގެ އިޝާރާތެއް ވެސް ލިބޭނެ ކަމަށެވެ.

އަދި ދުވާލެއްގެ 24 ގަޑިއިރު ވަރަށް އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރަމުން ގެންދަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯ އާއި ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް، ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމުގައި ކަމަށެވެ.

ފައްޔާޒް ވިދާޅުވީ އޭނާއަކީ އޭނާއާ ނުބެހޭ ކަންތައްތަކާ ބެހޭ މީހެއް ކަމަށް ވަރަށް ގިނަ މީހުން ބުނާ ކަމަށާއި އެއީ ހަގީގަތެއް ކަމަށެވެ. ދާއިރާއެއްގައި ކަމެއް ނުވެގެން ރައްޔިތުން ނުވަތަ މަޖިލިސް މެމްބަރުން ގުޅުއްވުމުން، އިކޮނޮމިކް މިނިސްޓްރީގެ ކަމެއް ނޫން ނަމަވެސް، އެކަމަކާ ގުޅޭ މިނިސްޓަރުންނަށް ގުޅުއްވައިގެން އެކަމެއް ކޮށްދެވޭނެ ގޮތެއް އޮތްތޯ ބައްލަވާ ކަމަށާއި އެއީ ނުބެހޭ ކަންކަމާ ބެހުން ކަމަށް ވާނަމަ ކުރިއަށް އޮތްތަނުގައި ވެސް އެގޮތަށް އަމަލުކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި މިނިސްޓަރުގެ ވާހަކަދެއްކުން ހުންނަ ގޮތުން، ވެސް ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރާ ކަމަށާއި އެހެން ނަމަވެސް އެއީ ބަދަލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅޭ ސަބަބެއް ސާފެއް ނުވެ އެވެ. ނަމަވެސް މިހާތަނަށް އެ މައްސަލާގައި 25 މެމްބަރުން ސޮއި ހޯދާފައިވާ ކަމަށްވެ އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ސޮއިކުރި މެމްބަރުންގެ އަދަދާއި އެ މެމްބަރުންނަކީ ކޮބައިތޯ ބައްލަވަން ބޭނުންފުޅު ނުވާ ކަމަށެވެ.

"އަޅުގަނޑު ނުވެސް ބަލަން. އެކިއެކި ބޭފުޅުން ސޮއިކުރި ވާހަކަވެސް އިވޭ. އެއިން އެއްވެސް ބޭފުޅަކަށް އަޅުގަނޑު ނުވެސް ގުޅާނަން. މީކީ އަޅުގަނޑުގެ ފައިޓެއް ނޫން. އަޅުގަނޑު ކުރަމުންދާ މަސައްކަތް އަޅުގަނޑު ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވިީ އެމްޑީޕީގެ މެމްބަރުން ވިޔަސް، އަދި އެހެން ޕާޓީއެއްގެ މެމްބަރުން ވިޔަސް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އޭނާ އެ މަގާމުގައި ބަހައްޓަން ނުފެންނަ ކަމަށް ފެނި އެގޮތަށް ވޯޓު ލައިފި ނަމަ އެކަން އެ ހިސާބުން ނިމުނީ ކަމަށެވެ.

"ތަގުދީރުގައި ލިޔެވިފައި އޮންނާނެ މިކަން ވާނެ ގޮތް. އަޅުގަނޑު އެކަމަކާ މާބޮޑު ކަންބޮޑުވުމެއް ނެތް. އަޅުގަނޑުގެ މަސައްކަތާ އެއްކޮށް ކުރިއަށް ދާނަން. ވަކި ކުރީމަ ވަކިވީ. ވަކި ނުކުރާ ކަމަށް ވާނަމަ މަސައްކަތައިގެން ކުރިއަށް ދާނަން. އެއީ އެކަން އޮތް ގޮތަކީ." މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް