ހޮސްޕިޓަލަށް ގެންދިޔަ ދުވަސްވީ މީހަކު މަރުވެއްޖެ، ކޮވިޑަށް ޕޮޒިޓިވް

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭ ހަތެއް ޖެހިއިރު އައިޖީއެމްއެޗަށް ގެންދިޔަ އުރުމުން 83 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށާއި އޮންނަ އުސޫލުގެ ދަށުން ޓެސްޓް ކުރި އިރު އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްއީއޯސީ އިން ބުނެފިއެވެ.

މިރޭ އެޗްއީއޯސީ އިން ބޭއވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މަރުވެފައިވަނީ ފިރިހެނެއް ކަމަށެވެ. އެނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އުސޫލެއްގެ ގޮތުން މިގޮތަށް ގެންދެވޭ ހުރިހާ ފަރާތްތަކެއްވެސް ކޮވިޑަށް ޓެސްޓުކުރެވޭ. އެގޮތަށް ކުރެވުނު ޓެސްޓުން އޭނާ ވަނީ ޕޮޒިޓިވް ވެފަ. އެހެންނަމަވެސް ގެންދެވުމުގެ ކުރިން އޭނާގެ އެ ބަލީގެ އެއްވެސް އަލަމާތެއް ނެތްކަމަށް އަދި އެއްވެސް ކޮންޓެކްޓް ހިސްޓްރީ އެއް ނެތް ކަމަށް މައުލޫމާތު ލިބެނީ، "ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެ މީހާ އަކީ ސީދާ ކޮވިޑުގެ ސަބަބުން މަރުވި މީހެއްތޯ ނޫންތޯ ޔަގީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ކޮވިޑުގައި މަރުވ މީހުންގެ ތެރޭ ގުނާނެތޯ ނުވަތަ ނޫންތޯ ބަލަމުންދާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން 21 މީހަކު ކޮވިޑް ޖެހިގެން މަރުވެފައިވެއެވެ.

މިއަދުގެ ހަވީރު ހަޔަކާއި ހަމައަށް ޖުމްލަ 5،494 މީހަކު ވަނީ ކޮވިޑަސް ޕޮޒިޓިވް ވެފައެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 2،920 އެވެ.

މިވަގުތު ބައްޔަށް ފަރުވާ ދެމުންދަނީ 2،553 މީހުންނަށެވެ. އޭގެ ތެރެއިން 156 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

comment ކޮމެންޓް