ބުރިޖަށް އިންޑިއާއިން ދޭ ލޯނުން ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ނުޖެހޭނެ: ރައީސް ނަޝީދު

އިންޑިއާގެ ބޮޑުވަޒީރު ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރެއްވުމަށް ފަހު މެންބަރުންނާ ސަލާމް ކުރެއްްވުން -- ފޮޓޯ/ މަޖިލިސް

އިންޑިއާއިން ރާއްޖެއަށް ދޭން ނިންމައި، މިއަދު އިއުލާނުކުރި އެހީއަކީ، ރާއްޖެއަށް އެންމެ ބޭނުންވާ ފަދަ ލުއި އެހީއެއް ކަމަށާއި، އޭގެ ސަބަބުން ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާލެ ތިލަފުށި ބްރިޖް މަޝްރޫއަށް އިންޑިއާއިން 500 މިލިއަން ޑޮލަރުގެ ލޯނު އެހީއަކާއި، ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރުގެ އެހީއެއް ދޭން އިންޑިއާއިން ނިންމާފައިވާކަން ވަނީ ހާމަކޮށްފައެވެ.

އެކަން ހާމަ ކުރެއްވީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު މިއަދު ރާއްޖޭގެ ފޮރިން މިނިސްޓަރަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އިންޑިއާގެ އެހީއާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއީ ރާއްޖެއަށް އެންމެ ބޭނުންވާ ފަދަ އެހީ ކަމަށެވެ. އަދި އެއީ ރާއްޖޭގެ މުހިންމު އިންފްރާސްޓްރަކްޗާ ހެދުމަށް ގާތް އެކުވެރިޔަކު ހެޔޮހިތުން ދިން އެހީއެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޓުވީޓުގައި އިތުރަށް ވިދާޅުވީ އިންޑިއާއިން ދިން އެހީއަކީ ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖައްސާނެ ފަދަ ކޮމާޝަލް ލޯނެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވެފައި ވާއިރު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ސިނަމާލެ ބުރިޖު މަޝްރޫއު އާއި ހިޔާ މަޝްރޫއުއަށް ޗައިނާ އިން ބޮޑު އަދަދުން ލޯނު ދީ، ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖައްސާފައިވާކަމަށް އެމަނިކުފާނު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ޗައިނާ އިން ވަނީ ލޯނުގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 72 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ބްރިޖްގެ މަޝްރޫއަށް ދިނެވެ.

މާލެ ވިލިނގިލި ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށް އަޅާ ބްރިޖަކީ އިންޑިއާގެ ހިލޭ އެހީ ހިމަނައިގެން އަޅާ ބްރިޖެއް ކަމަށް ސަރުކާރުން މީގެ ކުރިންވެސް ވަނީ ބުނެފަ އެވެ.

6.695 ކިލޯ މީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫޢު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫއު ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ. މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ ތިން ބްރިޖް މި މަޝްރޫއުގެ ތެރެއިން ހެދުމަށް ވަނީ ނިންމާފަ އެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ދަށުން މާލެ، ވިލިގިނލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމުން ރާއްޖޭގެ އިގްތިސާދަށް އޭގެ ގިނަ ފައިދާތަކެއް ލިބި، ވިޔަފާރިތަކަށާއި އާއްމު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން ވަނީ އެކި ގޮތްގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން ޗައިނާގެ ވޫހާން ސިޓީގައި ތިބި ނުވަ ދިވެހިން ރާއްޖެ ގެނެސްދިނުމާއި، އިންޑިއާގެ އެކި ހިސާބުތަކުގައި ތިބި ހާހެއްހާ ދިވެހިން ރާއްޖެ ގެނެސްދިނުމަށް އެހީތެރިވުމުގެ އިތުރުން ރާއްޖެއަށް ބޭނުންވާ ބޭހާއި ކާބޯތަކެތި ހުއްޓުމެއް ނެތި ރާއްޖެއަށް ލިބޭނެ މަގު ފަހިކޮށްދިނުމާއި، ގިނަ އަދަދެއްގެ ބޭހާއި ކާބޯތަކެތި ހިލޭ އެހީގެ ގޮތުގައި އެ ގައުމުން ރާއްޖެއަށް ފޮނުވާފައިވެ އެވެ. އަދި އިންޑިއާގެ މެޑިކަލް ޓީމަކުން ރާއްޖެއަށް އައިސް، ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ.

މީގެ އިތުރުން އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައިވުމާއެކު، ރާއްޖެއިން ލިބެން ނެތް ފަރުވާ ބޭނުންވާ ކްރިޓިކަލް ޕޭޝަންޓުންނަށް އިންޑިއާއަށް ދަތުރުކުރުމުގެ މަގު އިންޑިއާއިން ފަހިކޮށްދީފައިވާތީ، ގިނަ އަދަދެއްގެ ދިވެހިން ދަނީ އިންޑިއާގައި ފަރުވާ ހޯދަމުންނެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން މީގެ ކުރިން، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވަނީ، އިންޑިއާގެ މަރުކަޒީ ބޭންކް ރިޒާވް ބޭންކު އޮފް އިންޑިއާޔާ އެކު ހަދާފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޑޮލަރު ވެސް ރާއްޖެއަށް ނަގައިފަ އެވެ.

comment ކޮމެންޓް