ހާއްސަ އިނާޔަތެއްގެ ދަށުން ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އިދިކޮޅުން އިމްރާންގެ އަރިހުގައި އެދިއްޖެ

އިދިކޮޅުން ހޯމް މިނިސްޓަރާ ބައްދަލު ކުރައްވަނީ --- ފޮޓޯ/

މަނީލޯންޑަރިންގެ ދައުވާ ސާބިތުބެ، ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސިއްހީ ހާލަތު ހުރި ގޮތުން، އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީޏް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އަރިހުގައި އެދިވަޑައިގެންފިއެވެ.

މިއަދު އިދިކޮޅު ޕީޕީއެމް-ޕީއެންސީ ލީޑާޝިޕުން ވަނީ، ހޯމް މިނިސްޓަރު އިމްރާނާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅާ ބައްދަލު ކުރައްވާފައެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އިދިކޮޅުން އިމްރާންއާ ބައްދަލު ކުރީ، ރައީސް ޔާމީނަށް ޖަލުން ލިބޭ ހިދުމަތްތައް އިތުރުކުރުމާގުޅޭގޮތުން ކަމަށެވެ.

އިދިކޮޅުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން --

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި އިދިކޮޅުން ވަނީ، ޖުމްލަ ހަތަރު ކަމަކަށް އެދިވަޑައިގެންފައެވެ.

އެގޮތުން ރައީސް ޔާމީންގެ ސިއްހީ ހާލަތު ގޯސްކަމަށް ބުނެ، އެމަނިކުފާނު ހާއްސަ އިނާޔަތެއްގެ ދަށުން ގެއަށް ބަދަލުކޮށްދިނުމަށާއި މޫދަށް އެރޭނެ ގޮތާއި، ލޯކަލް ޓީވީ ޗެނެލްތައް ބެލޭނެ އިންތިޒާމް ހަމަަޖައްސައި ދިނުމަށް އިދިކޮޅުން ވަނީ އެދިފައެވެ. އޭގެ އިތުރުން ގާނޫނީ ވަކީލުންނަށް ބައްދަލު ކުރެވޭނެ ގޮތް ހަދައި ދިނުމަށްވެސް އެދިވަޑައިގެންނެވިއެވެ.

އެނގިފައިވާ ގޮތުގައި ޖަވާބުގައި މިނިސްޓަރު އިމްރާން ވިދާޅުވީ، ރައީސް ޔާމީން ގެއަށް ބަދަލުކުރަން އެދިވަޑައިގަންނަވާނަމަ، ސިއްހީ ހާލަތު ބެލުމަށް ޓެސްޓުތަކެއް ހެދިދާނެ ކަމަށެވެ. އަދި އެ ޓެސްޓުތަކަށް ހެދުމަށްފަހު ދެން ހުރި މަރުހަލާތަކާއިގެން ކުރިއަށް ދެވޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އޭގެ އިތުރުން ދެންވެސް އިދިކޮޅުން އެދުނު ކަންކަން ފުރިހަމަ ކުރައްވާނެ ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

އެނގިފައިވާ ގޮތުގައި މިދޭތެރެއިން ޖަލުގައި ޓީވީގެ ހިދުމަތްތައް މެދުކެނޑުމަށްފަހު އަނެއްކާވެސް އެ ހިދުމަތް ދަނީ ލިބެމުންނެވެ. އަދި މިހާރު ޖަލުގައި ބެލެނީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޗެނެލްތައް އެކަންޏެވެ. އިދިކޮޅުން އެދުނީ ދެން ހުރި މީޑިއާތަކުގެ ޗެނަލްތައްވެސް ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ. ދެން ހުރި ޗެނަލްތައްވެސް ވަރަށް އަވަހަށް ބެލޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމަށް އިމްރާން މިއަދު ވަނީ ވިދާޅުވެފައެވެ.

ބައްދަލުވުމުގައި އިމްރާން ވަނީ، މިހާރުވެސް ގާނޫނީ ވަކީލުންނަށް ބައްދަލު ކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި އެ މަރުހަލާ ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދުތަކެއް ދެއްވާފައެވެ.

ޕީޕީއެމްގެ އިސް ތަރުޖަމާނު ހީނާ ވަލީދު "ސަން" އަށް ވިދާޅުވީ، އިދިކޮޅުން ބައްދަލު ކުރީ ރައީސް ޔާމީނަށް ވަކީލުންނާ ބައްދަލު ނުކުރެވޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަން ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން މީގެ ކުރިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ކޮވިޑް19 ގެ ސަބަބުން ކަމަށް ބުނެ މިދިޔަ މާޗު މަހުގެ ފަހުކޮޅުން ފެށިގެން އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކޮށް ގާނޫނީ އެހީތެރިކަން ހޯދުމުގެ ހައްގަށް ކަރެކްޝަންސް އިން ހުރަސް އަޅަމުން އަންނަ ކަމަށެވެ. ނަމަވެސް ކަރެކްޝަންސް އިން ބުނަނީ، ރައީސް ޔާމީނަށް ގާނޫނީ އެހީތެރިކަން ހޯދުމަށް ހުރަސް ނާޅާ ކަމަށެވެ.

ރައީސް ޔާމީން ޖަލަށްލީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަން ސާބިތުވެގެންނެވެ. އެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރީ ފަސް އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރަށް ޖޫރިމަނާ ކުރިމަށެވެ. މިހާރު އެ ހުކުމް އޮތީ ހައި ކޯޓުގެ އިސްތިއުާފު މަރުހަލާގައެވެ. އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި، އެ ހުކުމަކީ މި ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ކުރި ސިޔާސީ ހުކުމެކެވެ.

comment ކޮމެންޓް