ނައިފަރު މޮނީޓަރިން އިން ނަގައިފި

ޅ. ނައިފަރު -- ސަން ފޮޓޯ: އަހުމަދު ހަސަން

ޅ. ނައިފަރާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ ބިދޭސީ ފަޅުވެރިއަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށަށް އަރާ ފޭބުން މަނާކޮށް ރަށް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައި އޮތްއޮތުން އުވާލާ ރަށް އާންމު ހާލަތަކަށް ގެންގޮސްފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނައިފަރު ކައުންސިލަށް އެޑްރެސްކޮށް ފޮނުވި ނޯޓިސްގައި ބުނީ ކޮވިޑް19 އިން ރާއްކާތެރިވުމުގެ ގޮތުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން މޮނީޓަރިންގެ ހާލަތު ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ.

ނައިފަރުން ޕޮޒިޓިވް ވެފައިވަނީ މާލެ ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ ބިދޭސީ ފަޅުވެރިއެކެވެ. އޭނާ ޕޮޒިޓިވްވިކަން އެނގިފައިިވަނީ ބަލީގެ އަލާމާތްތައް ފެނިގެން ހޯމް ކަރަންޓީނަށް ލުމަށްފަހު ހެދި ޓެސްޓުގެ ނަތީޖާއިންނެވެ.

ޕޮޒިޓިވް ވެފައިވަނީ "މެގަ އާރު" ބޯޓުގައި މަސައްކަތްކުރާ ފަޅުވެރިއެކެވެ.

މީގެ ކުރިންވެސް އެކި ރަށްރަށާއި މާލެ އާއި ދެމެދު ދަތުރުކުރާ ބޯޓުތަކުގައި މަސައްކަތް ކުރާ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. ބޯޓުތަކުގައި މަސައްކަތްކުރާ މީހުން މާލެ ފޭބުން މަނާކޮށްފައިވައިރު މާލެ ދަތުރުކުރާ ބޯޓުތައް ބަނދަރު ކުރުމަށް ސިޓީ ކައުންސިލުން ވަނީ ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅައިފައެވެ.

comment ކޮމެންޓް