އިންޑިއާ ކްރެޑިޓް ލައިންގެ ތެރެއިން ހަތް މަޝްރޫއެއް ފަށަނީ

ހުޅުމާލޭގައި އިންޑިއާ އެމްބަސީ އިމާރާތުގެ ބިންގާ އެޅުމުގެ ތެރެއިން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި، އިންޑިއާއިން ރާއްޖެއަށް ދޭން އިއުލާންކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރެއިން ހަތް މަޝްރޫއެއް ކުރިއަށް ގެންދިޔުމާ ބެހޭ ގޮތުން ފޮރިން މިނިސްޓަރި އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަން ޖައިޝަންކަރު މިއަދު މަޝްވަރާކުރައްވައިފިއެވެ.

ރައްޔިތުންނާ ގުޅިފައިވާ، އަދި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައިވެސް ހިމެނޭ މި މަޝްރޫއުތައް ވީހާވެސް އަވަހަށް ކުރިއަށް ގެންދިޔުމުގެ މުހިއްމުކަން ދެ ގައުމުގެ ހާރިޖީ ވަޒީރުންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ސޯލިހު، 2018 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިއުލާންކުރެވުނު ކްރެޑިޓް ލައިންގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފިނޭންސްއާއި އިންޑިއާގެ އެގްޒިމް ބޭންކާ ދެމެދު ސޮއިކުރީ 2019 ވަނަ އަހަރުގެ މާޗު މަހުއެވެ.

މީގެ އިތުރުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ހައި އިމްޕެކްޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކުގެ ދެވަނަ ބުރަކަށް ހިލޭ އެހީ ދިނުމާ ގުޅޭ ގޮތުންވެސް އިންޑިއާ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއެކު މިނިސްޓަރު ޝާހިދު މަޝްވަރާކުރެއްވިއެވެ.

މި ޕްރޮޖެކްޓްގެ ފުރަތަމަ ބުރުގައި އިންޑިއާއިން ދިން 106 މިލިއަން ރުފިޔާއިން، 19 ޕްރޮޖެކްޓަކަށް ފައިނޭންސް ކޮށްފައިވެއެވެ. މި ޕްރޮޖެކްޓްތައް ހިންގަނީ 18 އަތޮޅެއްގެ 74 ރަށެއްގައެވެ.

ކްރެޑިޓް ލައިންގެ ދަށުން ހިންގާނެެ ހަތް މަޝްރޫއު:

  • 34 ރަށެއްގެ ފެނާ ނަރުދަމާގެ ނިޒާމް ގާއިމްކުރުން
  • އައްޑޫގެ ތަރައްގީގެ މަޝްރޫއު (މަގު ހެދުން، އައްޑޫގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުން، ބިން ހިއްކުން)
  • ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމެއް ގާއިމްކުރުން
  • ބައިނަލްއަގްވާމީ ޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް
  • ހުޅުމާލޭގައި 100 އެނދުގެ ކެންސަރު ހޮސްޕިޓަލެއް ގާއިމްކުރުން
  • ގެމަނަފުށި އަދި ފެލިވަރު މިފްކޯ ފެސިލިޓީ ތަރައްގީކުރުން
  • ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުން
comment ކޮމެންޓް