ޒަރޫރީ ކާބޯތަކެތީގެ ކޯޓާ އިންޑިއާ އިން އާކޮށްދީފި

މީގެެ ކުރިން އިންޑިއާއިން ހަދިޔާކުރި ކާބޯތަކެތީގެ ޝިޕްމަންޓުގައި ހުރި ބައެއް ތަކެތި--

ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާ ސަރުކާރުން ދީފައިވާ ކޯޓާ އާ ކޮށްދީފި އެވެ.

އެކަން އަންގަވާފައި ވަނީ އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބޭއްވެވި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގަ އެވެ.

ކާބޯތަކެތީގެ ޒަރޫރީ ހަތް ބާވަތެއްގެ އިތުރުން އިމާރާތްކުރުމިގެ ދާއިރާއަށް ބޭނުންވާ ހިލަޔާ ހިލަވެލި އެތެރެކުރުމަށް ދީފައިވާ ކޯޓާވެސް އިންޑިއާ އިން ވަނީ އާ ކޮށްދީފަ އެވެ.

ކޯޓާ އައުކޮށްދިނުމާ ގުޅޭ ގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު ވިދާޅުވީ މިދިޔަ އަހަރަށްވުރެ އިތުރަށް މިއަހަރު ކޯޓާ ދޫކޮށްފައިވާނެ ކަމަށާއި މިކަމުގެ ސަބަބުން ކޮވިޑް-19ގެ މިހާލަތުގައި ރާއްޖެއަށް ޒަރޫރީ ބާވަތްތައް އިމްޕޯޓްކުރުމަށް އިތުރު ޔަގީންކަމެއް ލިބިގެންދާނެ ކަމަށެވެ.

މި ވީޑިއޯ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދުގެ ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާއިން ދީފައިވާ ކޯޓާ އާ ކޮށްދެއްވާފައިވާތީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާ ކަމަށާއި ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން ޒަރޫރީ ގިނަ ބާވަތްތަކެއް ބޭރުކުރުން މަނާކޮށްފައި އޮތްނަމަވެސް، ހާއްސަ އުސޫލެއްގެ ދަށުން މެދުނުކެނޑި ރާއްޖެއަށް އެ ބާވަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދެއްވިކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވާ ކަމަށެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއެކު އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް މެދުނުކެނޑި ރާއްޖެއަށް ލިބޭނެކަމުގެ ޔަގީންކަންދީ، ލޮކްޑައުންގެ ސަބަބުން ރާއްޖެއަށް ތަކެތި ގެނައުމަށް ދިމާވި ދަތިތަކަށްވެސް ހައްލު ހޯދައިދީފައެވެ.

ކޯޓާ އައުކޮށްދީފައިވާ ކާބޯތަކެތީގެ ބާވަތްތައް
1. ހަނޑޫ
2. ހަކުރު
3. ފުށް
4. ފިޔާ
5. ބިސް
6. އަލުވި
7. މުގު


ކޯޓާ އައު ކޮށްދީފައިވާ އިމާރާތްކުރުމަށް ބޭނުންވާ ސާމާނު
1. ހިލަ
2. ހިލަވެލި

comment ކޮމެންޓް