އޭސީސީ މެމްބަރުން ގާނޫނީ ވާޖިބު އަދާނުކުރި މައްސަލައެއް މަޖިލީހަށް

އޮކްޓޯބަރ 15، 2019: އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒުމޫސާ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ގާނޫނީ ވާޖިބު އަދާ ނުކުރި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް އަމިއްލަ ފަރާތަކުން ފޮނުވި ސިޓީގައި ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އޭސީސީއިން ހަދަން ޖެހޭ ގަވައިދެއް ހަދާފައި ނުވާ ކަމަށެވެ.

އެ ގަވައިދަކީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ކޮންމެ ފަރާތަކުން އެފަރާތަކަށް މައްސަލަ ހުށަހެޅޭނެ އިޖުރާއަތުތައް ބަޔާންކުރާ ގަވައިދެވެ. އެ ސިޓީގައި ބުނެފައިވަނީ އެއީ ތިން މަސް ދުވަހުގެ ތެރޭގައި ހަދަން ޖެހޭ ގަވައިދެއް ކަމަށާއި ނަމަވެސް އަދި މިހާތަނަށްވެސް އެ ގަވައިދު ހަދާފައި ނުވާ ކަމަށެވެ.

ތަހުގީގު އިދާރާތަކަށް މައްސަލަ ހުށަހެޅޭނެ އިޖުރާއަތު ބަޔާންކުރާ ގަވައިދެއް ނެތް ނަމަ އެމައްސަލައެއް ތަހުގީގުކުރަން ފެށުނު ގޮތާމެދު ސުވާލު އުފެދޭނެ ކަމަށްވެސް އެ ސިޓީގައި ވަނީ ބުނެފަ އެވެ.

"ތަހުގީގު ހިންގި އިޖުރާއަތުގެ ސައްހަ ކަމާއި. އަދި ތަހުގީގުގެ ނިޔަތާމެދު ސުވާލު އުފެއްދުމަށް ޖާގަލިބޭ." ސިޓީގައި ބުނެފައިވެ އެވެ.

އެ ގަވައިދު ނުހެދުމަކީ ގާނޫނުލްއުގޫބާތުގެ 512 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ކުށެއް ކަމަށް ސިޓީގައި ބުނެފައިވެ އެވެ. އެ މާއްދާގައި ބުނެފައިވަނީ ދައުލަތުގެ މުވައްޒަފަކަށް ހުރެ ރަސްމީ ހައިސިއްޔަތުން އޭނާގެ އަދާކުރުމުގައި އެނގިހުރެ ގާނޫނުގައި ވާގޮތުގެ މަތިން އަދާ ކުރަން ޖެހޭ ވާޖިބެއް އަދާނުކޮށް ދޫކޮށްލުން އެއީ ކުށެއް ކަމަށެވެ.

އޭސީސީގެ މެމްބަރުން އައްޔަރު ކުރެވުނުތާ 11 މަސް ދުވަސްވެފައިވާއިރު ގާނޫނުން ލާޒިމްކުރި އިލްތިމާޒް އަދާކޮށްފައި ނުވާތީ އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ބަލައިދިނުމަށް އެ ސިޓީގައި ވަނީ އެދިފަ އެވެ.

އޭސީސީގެ މެމްބަރުން މައްސަލަތައް ބެލުމުގައި ލަސްކަމަށް ބުނެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން މިހާރުވެސް އަންނަނީ މައްސަލަތަކެއް ބަލަމުންނެވެ.

comment ކޮމެންޓް