އެއްފަހަރާ ދެމީހުންނަށް ވެރިކަން ނުކުރެވޭނެ، މިހުރީ ރައީސް ސޯލިހުގެ ފަހަތުގައި: ރޮޒޭނާ

ރޮޒައިނާގެ ދެކަނބަރަލުން ރައީސް ސޯލިހާއެކު: ރޮޒައިނާ ވިދާޅުވީ، އެއްފަަހަރާ ދެމީހުންނަށް ވެރިކަން ނުކުރެވޭނެ ކަމަށް --- ފައިލް ފޮޓޯ/ އެމްޑީޕީ

އެއްފަހަރާ ދެމީހުންނަށް ވެރިކަން ނުކުރެވޭނެ ކަމަށާއި މިހުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަހަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒައިނާ މިގޮތަށް ވިދާޅުވީ، ލަވަކިޔުންތެރިޔާ އަދި އެމްޑީޕީގެ ޝޯޝަލް މީޑިއާ އެކްޓިވިސްޓް މުހައްމަދު މާޖިދު (މެޒޯ މޯޑް) ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަ އެވެ.

ރޮޒައިނާ ވިދާޅުވީ، ގައުމެއްގެ ވެރިކަން އެއްފަހަރާ ދެމީހުންނަށް ނުކުރެވޭނެ ކަމަށެވެ. އަދި އެކަން ކުރަން އުޅޭނަމަ، ނުކުންނާނީ ހުސް ގޯސް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"އަޅުގަނޑު ޕާޓީ ފުނޑާކަށް ނޫޅެން، އަދި އަޅުގަނޑު ކަހަަލަ ނިކަމެތި މީހަކަށް މި ޕާޓީއެއް ނުފުޑޭނެ. އެކަން ކުރެވޭނީ ބޮޑުންނަށް. ތި މެސެޖް ރައްދު ކުރަން ޖެހޭ މީހާއަށް ކުރޭ. އަހަރެން މިހުރީ ޕާޓީގެ ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަހަތުގައި،" އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ނުސީދާ ބަހުގެ ހަމަލާތަކެއް ރައްދުކޮށް ރޮޒައިނާ ވިދާޅުވި އެވެ.

މެޒޯ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރައްޔިތުން އެމްޑީޕީއަށް 65 ގޮނޑި ދިނީ ޕާޓީ ފުނޑާކަށް ނޫން ކަމަށާއި އެވާހަކަ ރޮޒައިނާ އަށް ދަންނަވާ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ، ރައްޔިތުން އެމްޑިޕީއަށް ވެރިކަން ދިނުމަށްފަހު، އެ ޕާޓީއަށް 65 ގޮނޑި ދިނީ، އުދަނގުލަކާ ނުލާ މެނިފެސްޓޯ ތަންފީޒު ކުރުމަށް ކަމަށެވެ.

"[65 ގޮނޑި ދިނީ] އިދިކޮޅު ޕާޓީ ހެދިގެން މަޖިލިސް މެދުވެރިކޮށް ރައީސުލް ޖުމްހޫރިއްޔާ [އިބްރާހިމް މުހައްމަދު ސޯލިހަށް]އަށް ޖެއްސުން ކުރާކަށް ނޫން.މިހާރު ދެން ބޮޑު ވަރު،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވަނީ މިކަމާ ގުޅިގެން އިތުރު އެހެން ޓްވީޓްތަކެއް ވެސް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެމްޑީޕީ ކުރި އަރުވަން "ވެހުނުހާ ވާރެއެއްގައި، ދިން އައިވެއްގައި" ހަތް އަހަރު ދުވަހު މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އަދި އެމްޑީޕީއަކީ، ހުރިހާ މެމްބަރުންގެ ޕާޓީއެއް ކަމަށާއި ޕާޓީގެ ކަންކަމަށް އެންމެންނަށްވެސް ގޮތް ކިޔޭނެ ކަމަށެވެ.

"ބައެއް މީހުންނަށް ހީވަނީ، އެމްޑީޕީއަކީ ވަކި މީހެއްގެ ނުވަތަ ވަކި އާއިލާއެްގެ އެއްޗެއް ކަމަށް. އެހެން އޮންނަ ނަމަ، އިލެކްޝަންސް ކޮމިޝަންގައި [އެމްޑީޕީ] ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައި ނޯންނާނެ. އެމްޑީޕީ ކޮންމެ މެމްބަރަކަށްވެސް ޕާޓީގައި ހަމަ އެއް ހައްގުތަކެއް ލިބިގެންވޭ. އަދި ބަޔަކު ކިތަންމެ ރުޅިއަޔަސް އެ ހައްގުތަކުގެ ބޭނުން ކުރާނަން،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ރައީސް ނަޝީދަށް ނުސީދާ ބަހުގެ ހަމަލާތަކެއް ދެއްވި އިރު، އެމަނިކުފާނު އިސްވެ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމަށް އެމްޑީޕީ ތެރެއިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެއާއެކު ޕާޓީ ތެރޭގައި ބައިބައިވުން ވަނީ އުފެދިފަ އެވެ.

މި ސަރުކާރުގެ ނުފޫޒު ގަދަ މިނިސްޓަރުންގެ ތެރޭ ހިމެނިވަޑައިގަންނަވާ ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅުއްވަން އުޅެނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއް ނޫނެވެ.

މަޖިލީހުގައި ޖުމްލަ 87 މެމްބަރުން ތިއްބަވާއިރު، އެމްޑީޕީގެ މެމްބަރުގެ އަދަދަކީ، 65 އެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ 14 މެމްބަރެއްގެ ސޮއި އެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އައުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.

އިކްނޮމިކް މިނިސްޓްރު ފައްޔާޒު އިސްމާއިލް އިއްޔެ ވިދާޅުވީ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަނީ ކޮން ސަބަބަކާ ހެދި ކަމެއް ވިސްނިވަޑައި ނުގަންނަވާ ކަމަށާއި ހުންނެވީ ސާބިތު ކަމާއެކު ކަމަށެވެެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އިތުބާރު ނެތް ކަމުގެ ގަރާރުގައި 15 އަށްވުރެ ގިނަ އެމްޑީޕީ މެންބަރުން ވަނީ ސޮއި ކުރައްވައިފަ އެވެ. އަދި އޭނާގެ ދިފާއުގައިވެސް ބައެއް އެމްޑީޕީ މެމްބަރުން ދަނީ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މިހާތަނަށް ފާޅުގައި 13 އަށްވުރެ ގިނަ މެމްބަރުން ވަނީ ފަައްޔާޒަށް އިތުބާރު އޮތް ކަމަށް ވިދާޅުވެފަ އެވެ.

https://sun.mv/141474

comment ކޮމެންޓް