ލިވަޕޫލް އަތުން ހޯދި ކާމިޔާބީގެ އަސަރު ލައިޕްޒިގް މެޗަށް ނުކުރާނެ: ސިމިއޯނޭ

އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ -- ފޮޓޯ: އޭޕީ

ވޭތުވެ ދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ތަށި އުފުލާލި ލިވަޕޫލް ކަޓުވާލައި ކުއާޓާއަށް ދަތުރު ކުރުމުގެ އަސަރު ލިޕްޒިގް މެޗުން ނުފެންނާނެ ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނޭ ބުނެފި އެވެ.

މުބާރާތުގެ ދެވަނަ ބުރުގައި 2-4ގެ އެގްރިގޭޓް ނަތީޖާއަކުން ލިވަޕޫލް ބަލިކޮށް އެތުލެޓިކޯ ކުއާޓާގެ ޖާގައެއް ހޯދި އިރު އެ ޓީމަަށް ގުރުއަތުން ލައްވާލީ ޖަރުމަނު ލީގުގައި ފަހަކަށް އައިސް ތަފާތު ކުޅުމެއް ދައްކަމުން އަންނަ ލިޕްޒިގާ އެވެ. އެއާ އެކު އެތުލެޓިކޯއަށް މެޗު ފަސޭހަވާނެ ކަމަށް ގިނަ ބަޔަކު ދެކުނު ނަމަވެސް ލިޕްޒިގްގެ ފެންވަރު ތަސައްވަރު ކުރެވޭނީ މެޗު ކުޅުމުން ކަމަށް އެތުލެޓިކޯގެ ކޯޗު ސިމިއޯނޭ ވަނީ ބުނެފަ އެވެ.

ކޮވިޑްގެ ސަބަބުން މުބާރާތުގެ ކުއާޓާ ފައިނަލުން ފަށައިގެން މެޗުތައް ޕޯޗުގަލް ވެރިރަށް ލިޒްބަންގައި ކުރިއަށްދާއިރު، ރޭ ކުޅުނު ކުއާޓާގެ ފުރަތަމަ މެޗުގައި އެޓްލަންޓާ ކަޓުވާލުމަށް ފަހު މުބާރާތުގެ ފެވަރިޓެއްގެ ގޮތުގައި އޮތް ޕީއެސްޖީން ވަނީ ސެމީގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފަ އެވެ. އެ ޓީމާ ދެކޮޅަށް ސެމީގައި ނުކުންނާނެ ޓީމެއް މިރޭ ޔަގީންވާ އިރު އެތުލެޓިކޯއިން މެޗަށް ނުކުންނާނީ އިދިކޮޅު ޓީމަކީ ވެސް ވަރުގަދަ ޓީމެއް ކަމަށް ބަލައިގެން ކަމަށް ސިމިއޯނޭ ވަނީ ބުނެފަ އެވެ.

"ލިވަޕޫލްގެ އަތުން ލިބުނު ކާމިޔާބީއަކި ކުލަބުގެ ތާރީހުގައި ވެސް ލިޔެވިފައިވާ މުހިއްމު މޮޅެއް. އެކަމަކު އެ މެޗުގެ އަސަރު މިރޭގެ މެޗުގައި ކުރާނެ ކަމަކަށް ނުބެލެވޭ. އޭގެ ފަހުން އެތައް މަހެއް ވޭތުވެ ގޮސްފި. އޭރު ޓީމު އޮތް ހާލަތާއި މިހާރުގެ ހާލަތު ވަރަށް ތަފާތު،" ސިމިއޯނޭ ބުންޏެވެ.

ލައިޕްޒިގް ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ ދެ ވަނަ ބުރުގައި އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިރޭގެ މެޗަށް ނުކުންނަ އިރު އެތުލެޓިކޯއަށް މެޗުން މޮޅުވުމުގެ ފުރުސަތު ބޮޑުވެފައި އޮތް ކަމަށް ދެކެވުނު ނަމަވެސް ލައިޕްޒިގުން ދޫ ނުދޭނެ ކަމަށް އެ ޓީމުގެ ކޯޗު ހޫލިއަން ނަގެލްސްމަން ވަނީ ބުނެފަ އެވެ.

"އެތުލެޓިކޯ އަކީ ދެ ލެގުގެ ތަޖުރިބާ ބޮޑު ޓީމެއް. އެކަމަކު އެ ލެގުގެ މެޗެއްގައި ކޮންމެ ކަހަލަ ނަތީޖާއެއް ވެސް ނުކުމެދާނެ. މިއީ އެތުލެޓިކޯ އަށް ކުރެވޭ އާ ތަޖުރިބާއެއް؛" ލައިޕްޒިގް ގޮވައިގެން ތާރީހީ މެޗަކަށް ނުކުންނަ ކޯޗު ބުންޏެވެ.

މިރޭގެ މެޗުން މޮޅުވާ ޓީމެއް ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭނީ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުން މޮޅުވީ ޕީއެސްޖީއާ އެވެ. ލައިޕްޒިގާއި އެތުލެޓިކޯ ވާދަކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12:00 ގަ އެވެ.

comment ކޮމެންޓް