ބަޖެޓް ސަޕޯޓަށް އިންޑިއާއިން ރާއްޖެއަށް 3.9 ބިލިއަން ރުފިޔާ ދެނީ

މަރުކަޒީ ބޭންކް، އެމްއެމްއޭ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ)ގެ އެހީއެއް ދީފި އެވެ.

ފޮރިން މިނިސްޓްރީއިން ބުނީ މި ފައިސާ ރާއްޖެއަށް ދޭނެކަން އިންޑިއާއިން ހާމަކުރީ، މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާގެ ހާރިޖީ ވަޒީރު ޑރ އެސް ޖައިޝަންކަރާއެކު ބޭއްވި ޑިޖިޓަލް ވީޑިއޯ ބައްދަލުވުމުގެ ތެރެއިން ކަމަށެވެ.

މިއަހަރުގެ ބަޖެޓުގައި ދައުލަތަށް 29.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ފިނޭންސް މިނިސްޓްރީން ލަފާކޮށްފައި ވަނީ އެންމެ ރަނގަޅު ހާލަތުގައި ވެސް އާމްދަނީގެ ގޮތުގައި ލިބޭނީ 15.2 ބިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން، ހަރަދުތައް ކުރަން އަދި މިއަހަރު އިތުރަށް 12 ބިލިއަނެއްހާ ރުފިޔާ ބޭނުންވާނެކަން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން ވަނީ އެކި ގޮތްގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން ޗައިނާގެ ވޫހާން ސިޓީގައި ތިބި ނުވަ ދިވެހިން ރާއްޖެ ގެނެސްދިނުމާއި، އިންޑިއާގެ އެކި ހިސާބުތަކުގައި ތިބި ހާހެއްހާ ދިވެހިން ރާއްޖެ ގެނެސްދިނުމަށް އެހީތެރިވުމުގެ އިތުރުން ރާއްޖެއަށް ބޭނުންވާ ބޭހާއި ކާބޯތަކެތި ހުއްޓުމެއް ނެތި ރާއްޖެއަށް ލިބޭނެ މަގު ފަހިކޮށްދިނުމާއި، ގިނަ އަދަދެއްގެ ބޭހާއި ކާބޯތަކެތި ހިލޭ އެހީގެ ގޮތުގައި އެ ގައުމުން ރާއްޖެއަށް ފޮނުވާފައިވެ އެވެ. އަދި އިންޑިއާގެ މެޑިކަލް ޓީމަކުން ރާއްޖެއަށް އައިސް، ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ.

މީގެ އިތުރުން އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައިވުމާއެކު، ރާއްޖެއިން ލިބެން ނެތް ފަރުވާ ބޭނުންވާ ކްރިޓިކަލް ޕޭޝަންޓުންނަށް އިންޑިއާއަށް ދަތުރުކުރުމުގެ މަގު އިންޑިއާއިން ފަހިކޮށްދީފައިވާތީ، ގިނަ އަދަދެއްގެ ދިވެހިން ދަނީ އިންޑިއާގައި ފަރުވާ ހޯދަމުންނެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން މީގެ ކުރިން، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވަނީ، އިންޑިއާގެ މަރުކަޒީ ބޭންކް ރިޒާވް ބޭންކު އޮފް އިންޑިއާޔާ އެކު ހަދާފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޑޮލަރު ވެސް ރާއްޖެއަށް ނަގައިފަ އެވެ.

ސީދާ އެމްއެމްއޭއިން ސަރުކާރުގެ ހަރަދުތަކަށް 4.4 ބިލިއަން ރުފިޔާއިން މަނިޓައިޒް ކުރުމަށް މަޖިލީހުން ހުއްދަ ދީފައިވެ އެވެ. މިހާތަނަށް އެކި ގައުމުތަކުން ރާއްޖެއަށް، 2.9 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ހިލޭ އެހީ ލިބިފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.

comment ކޮމެންޓް