ރިޒާވް ރާސްލާފައި ވެއްޓިއްޖެ، އެ ފައިސާއިން މުދާ ގަނެވޭނީ މަހަކަށް

އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ޔޫސަބަލް ރިޒާވު ބޮޑުތަނުން ދަށްވެ، 152 މިލިއަން ޑޮލަރަށް ވެއްޓިއްޖެ އެވެ. މިއީ އެއް މަހަށް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި އެތެރެ ކުރެވޭ ވަރެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި މަސް ނިމުނުއިރު ޔޫސަބަލް ރިޒާވުގައި ހުރީ 152.6 މިލިއަން ރުފިޔާ ނުވަތަ 2.3 ބިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު ނިމުނުއިރު ޔޫސަބަލް ރިޒާވުގައި 315.8 މިލިއަން ޑޮލަރު ހުރި ނަމަވެސް، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޔޫސަބަލް ރިޒާވް އަންނަނީ ދަށްވަމުންނެވެ.

އެމްއެމްއޭއިން ބުނީ ޖުލައި މަސް ނިމުނުއިރު ޔޫސަބަލް ރިޒާވްގައި ހުރި ފައިސާ ދެތިން މަހުގެ އިމްޕޯޓަށް ބޭނުންކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ މުދާ އެތެރެކުރާ މިންވަރަށް ބަލާއިރު، މިއަހަރު އެންމެ މަދުން ވެސް މުދާ އެތެރެކުރި މަހުގައި 1.5 ބިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. އަދި އެއީ ކޮވިޑް19އާ ގުޅިގެން އިމްޕޯޓު ދަށްވެފައިވާ ހާލަތުގަ އެވެ.

އާންމު ހާލަތުގައި ރާއްޖޭގެ އިމްޕޯޓު ބައެއް މަސް މަހުގައި ތިން ބިލިއަން ރުފިޔާ ވެސް ހުރަސްކޮށްފައި އެބަހުއްޓެވެ.

މިއަހަރު ވެސް ފުރަތަމަ ތިން މަހުންކުރެ ކޮންމެ މަހަކު ވެސް އިމްޕޯޓުކުރި މުދަލުގެ އަގު ތިން ބިލިއަން ރުފިޔާއަށް ވުރެ ބޮޑެވެ.

comment ކޮމެންޓް