ފައްޔާޒުގެ އިތުބާރު ނެތް ކަމަށް ނަގާކަށް ނޫޅެ، އެއީ ޑްރާމާއެއް: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް --- ފޮޓޯ/ މަޖިލިސް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްލާމާއީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނަގަން އުޅޭ ކަމަށް ބުނެ ކުޅެނީ ޑްރާމާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން ސޮއި ހަމަ ކުރުމުގެ މަސައްކަތް އެމްޑީޕީގެ ޕާލިމެންޓް މެމްބަރުންތަކެއް ވަނީ ފައްޓަވައިފަ އެވެ. އެމަސައްކަތުގައި އެންމެ ކުރީގައި އުޅުއްވަނީ އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.

އެކަމާ ގުޅިގެން ޝިޔާމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނަގާ ވާހަކައެއް ދައްކަނީ ރައްޔިތުންގެ ފޯކަސް ގެއްލުވާލަން ކަމަށެވެ.

"ސަރުކާރު ނާގާބިލު ކަމުގެ ނާޖާއިޒު ފައިދާ ނަގައި ބައެއްގެ ދަންމަޅިތަކެއްގެ ބޮޑު ބޮޅެއް އިތުރުވާތީވެ ރައްޔިތުންގެ ފޯކަސް ގެއްލުވާކަން ކުރާ ކަމެއް. ގައުމުގެ މިސްރާބު ނުކިއްސަރު. ރައްޔިތުން ހޭލާ." ޝިޔާމް ވިދާޅުވި އެވެ.

ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނަގަން ސޮއި ހޯދުމުގެ މަސައްކަތް އެމްޑީޕީ ތެރެއިން ކުރަމުން އަންނައިރު އެކަމާ ދެކޮޅަށްވެސް އެމްޑީޕީގެ މަޖިލިސް ބައެއް މެމްބަރުން ވަނީ އަޑު އުފުލާފަ އެވެ. އެ މެމްބަރުން ވިދާޅުވަނީ ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މިނިސްޓަރު ފައްޔާޒް މަގާމުން ދުރުކުރަން އެމްޑީޕީން މަސައްކަތް ފެށި ސަބަބެއް ސާފެއް ނުވެ އެވެ.

އެކަމާ ގުޅިގެން ފައްޔާޒް "ސަން" އަށް ވިދާޅުވީ އޭނާ އިތުބާރު ގެއްލޭވަރުގެ ކަމެއް ނުކުރައްވާ ކަމަށާއި، ހުންނެވީ ސާބިތު ކަމާއެކު ކަމަށެވެ. އަދި އޭނާއާ ގުޅޭ ގޮތުން އިތުބާރު ނެތް ކަމުގެ މައްސަލައެއް އެމްޑީޕީގެ މެންބަރުންތަކެއް ހުށަހަޅުއްވަން އުޅެނީ ކީއްވެ ކަމެއް އެއްގޮތަކަށް ވެސް ވިސްނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް