25 އަހަރަށްފަހު ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް

އެޓްލަންޓާ ކޮޅަށް ގޯލު ޖެހުމަށްފަހު ޕީއެސްޖީ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ// ލައިވްސްކޯ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރޭ ފަހު ވަގުތުކޮޅު ޖެހި ދެ ގޯލާ އެކު އެޓްލަންޓާ ބަލިކޮށް 25 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ޕީއެސްޖީ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ކޮވިޑްގެ ސަބަބުން މުބާރާތުގެ ކުއާޓާ ފައިނަލުން ފަށައިގެން މެޗުތައް ޕޯޗުގަލް ވެރިރަށް ލިޒްބަންގައި ކުރިއަށްދާއިރު، ސެމީގެ ފުރަތަމަ ޖާގަ ޕީއެސްޖީ ހޯދީ ރޭ ކުޅުނު ކުއާޓާގެ ފުރަތަމަ މެޗުގައި ފަހުވަގުތު އެޓަލާންޓާ އަތުން 2-1 ން މޮޅުވެގެންނެވެ. މިއީ 1995 ވަނަ އަހަރަށްފަހު ޕީއެސްޖީ މި މުބާރާތުގެ ސެމީއަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ޕީއެސްޖީގެ އެންހެލް ޑި މާރިއާ ސަސްޕެންޝަނުގެ ސަބަބުން ނުކުޅޭއިރު މާކޯ ވެރާޓީ ހުރީ އަނިޔާގަ އެވެ. އެކަމަކު ފްރެންޗް ކަޕް ފައިނަލް މެޗުގައި އަނިޔާވި ކިލިއަން އެމްބާޕޭއަށް ކޯޗު ތޯމަސް ޓުޗެލް ވަނީ ބެންޗުން ފުރުސަތު ދީފައެވެ. އަނެއްކޮޅުން އިދިކޮޅު ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނި މީގެ ކުރިން މޮޅު ކުޅުމެއް ދެއްކި ސްލޮވީނިއާގެ 32 އަހަރުގެ ފޯވާޑް ޖޯސިޕް އިލިސިޗް އާއިލީ ސަބަބަކާއި ގުޅިގެން ރޭގެ މެޗުގައި ކުޅެފައެއް ނުވެ އެވެ.

ރޭގެ މެޗު ފަށައިގެން ޕީއެސްޖީން ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ އެޓްލާންޓާއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާރިއޯ ޕަސަލިޗްއެވެ. އޭރިޔާ ތެރެއިން ލިބުނު ބޯޅަ ޕެސަލިޗް ވާތުފައިން އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.

މުޅި މެޗުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި ޕީއެސްޖީގެ ނޭމާ ޖޫނިއާ ވަނީ ފުރަތަމަ ހާފުގައި ވެސް އެޓްލަންޓާއަށް ގިނަ އުނދަގޫތަކެއް ކުރިމަތިކުރުވާފަ އެވެ. ނަމަވެސް ނޭމާ ރޭގެ މެޗުގައި އުފެއްދި ހަމަލާތައް އެޓަލާންޓާގެ ގޯލްކީޕަރު މާކޯ ސްޕޯޓިއެލޯ ވަނީ ދިފާއުކޮށްފަ އެވެ.

މި މެޗުގައި ޕީއެސްޖީން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލީ ފަހުވަގުތު ގާތްގާތުގައި ޖެހި ދެ ލަނޑާއެކުއެވެ. މެޗުގެ 90 ވަނަ މިނެޓުގައި މާކީނިއޯސް ޕީއެސްޖީއަށް ނަތީޖާ އެއްވަރުކޮށްދިންއިރު، އޭގެ ތިން މިނެޓު ފަހުން އެޓީމަށް ލީޑު ނަގައިދިނީ ޗޫޕޯ-މޯޓިންގެވެ.

ސެމީ ފައިނަލުގައި ޕީއެސްޖީ ނުކުންނާނީ، މިރޭ ކުޅޭ ކްއާޓާ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑާއި ލައިޕްޒިގް ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

comment ކޮމެންޓް