ޕާކިސްތާނާއި ސައޫދީގެ ގުޅުންތައް ނާޒުކު ފައްތަރަކަށް ދިޔުމުން ޕާކިސްތާނު ސިފައިންގެ ވެރިޔާ ސައޫދީއަށް ވަަޑައިގަތުމަށް ނިންމައިފި

ޕާކިސްތާނުގެ ބޮޑުވަޒީރާއި ސައޫދީ ވަލީއުލްއަހްދު

އިސްލާމް އާބާދު (އޮގަސްޓް 13) : ޕާކިސްތާނާއި ސައޫދީ އަރަބިޔާއާ ދެމެދު އުފެދިފައިބާ ނުތަނަވަސްކަން ހައްލުކުރުމަށް ޓަކައި ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާމީ ޗީފް އޮފް ސްޓާފް ބްރިގޭޑިއާ ޖެނެރަލް ގަމަރު ޖާވީދު ބަޖްވާ އަންނަ ހަފްތާގައި ސައޫދީ އަށް ޒިޔާރަތް ކުރެއްވުމަށް ނިންމަވައިފި އެވެ.

ނަން ހާމަކުރަން ނޭދޭ ޕާކިސްތާން ސިފައިންގެ އިސް ބޭފުޅަކާ ހަވާލާދީ ރޮއިޓާސް ބުނާ ގޮތުން ސައޫދީގެ އެއްބާރުލުން ނުލިބިގެން ކަޝްމީރުގެ މައްސަލާގައި އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ (އޯއައިސީ)ގެ ބައްދަލުވުމެއް ނުބޭއްވޭ މައްސަލާގައި ޕާކިސްތާނުން ސައޫދީއަށް ފާޑުކިޔުމުން ސައޫދީގެ އިސް މަސްއޫލުވެރިން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.

އެ މައްސަލަ އަވަސްގޮތަކަށް ހައްލުކުރުމަށް ދެގައުމުވެސް ބޭނުންވާ ކަމަށާއި ޖެނެރަލް ޖާވީދު ސައޫދީ އަށް ވަޑައިގަންނަވަނީ އެކަން އަވަސް ގޮތަކަށް ހައްލުކުރުމަށްކަމަށް ޕާކިސްތާނުގެ އަސްކަރީ މަސްއޫލުވެރިއާ ހަވާލާދީ ރޮއިޓާސް ބުނެ އެވެ.

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަހްމޫދު ގުރައިޝީ ދާދިފަހުން ވަނީ އިންޑިއާ އިން ކަޝްމީރު ރައްޔިތުންގެ ހައްގުތަކަށް ތަކުރާރުކޮށް އަރައިގަންނަމުންދާއިރު އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ (އޯއައިސީ) އިން އަޅާނުލާ މައްސަލާގައި ޕާކިސްތާނަށް އަބަދު ހިމޭނުން ނޯވެވޭނެ ކަމަށް ވިދާޅުވެ، އެ ޖަމްއިއްޔާ އިން ވަކިވުމާމެދު ޕާކިސްތާނު ސީރިޔަސްކޮށް ވިސްނަމުން ދާކަމުގެ އިންޒާރު ދެއްވައިފަ އެވެ.

އަރަބިލީގު މިސްރުގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ގޮތަށް 54 އިސްލާމީ ގައުމު ހިމެނޭ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ވަނީ ސައޫދީގެ ކޮންޓްރޯލްގެ ދަށުގައިކަން އެއީ މުޅި ދުނިޔެ ވެސް ދަންނަ ހަގީގަތެކެވެ. މިކަމާ މެދު ހިތްހަމަނުޖެހޭ އިސްލާމީ ގައުމުތަކުގެ އަޑުތައް ސައޫދީން ކަނޑުވާލަނީ ފައިސާއާއި އެނޫން ވެސް އެހީތައް ދީގެންނާ އަދި ހައްޖު ކޯޓާ ކުޑަކުރާނެކަމުގެ ބިރު ދައްކައިގެންކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ

ސައޫދީއާއި ޕާކިސްތާނަކީ ޒަމާނުއްސުރެ ސްޓްރެޓީކް ގުޅުންތަކެއް އޮންނަ ވަރަށް ގާތް ދެގައުމު ކަމަށް ވުމުގެ އިތުރުން ސައޫދީ އަކީ ކުރިން ޕާކިސްތާނަށް ބޮޑެތި މާލީ އެހީތަކެއް ވަމުންދިޔަ ގައުމެކެވެ. އޭގެ ބަދަލުގައި ޕާކިސްތާނުން ސައޫދީއަށް އަސްކަރީގޮތުން އެހީތެރިވެ އެވެ.

ނަމަވެސް 2015 ވަނަ އަހަރު ސައޫދީން ޔަމަނާ ދެކޮޅަށް ފެށި ހަނގުރާމައިގާ ބައިވެރިވުމަށް ޕާކިސްތާން ދެކޮޅު ހެދުމުން ސައޫދީއާއި ޕާކިސްތާނުގެ ގުޅުންތަކަށް ބުރޫއެރި އެވެ. ޕާކިސްތާން ދެކޭ ގޮތުގައި ޔަމަންގައި ސައޫދީ ކުރަނީ ސަރަހައްދަށް ބާރާއި ނުފޫޒު ހިންގުމަށް ޓަކައި ކުރާ ސިޔާސީ ހަނގުރާމައެކެވެ. ޔަމަނުން ސައޫދީގެ ސަލާމަތަށް ނުރައްކާކޮށްގެން ސައޫދީގެ އަމިއްލަ ނަފްސުގެ ދިފާއުގައި ކުރާ ހަނގުރާމައެއް ނޫނެވެ. ޕާކިސްތާނުން ސައޫދީ އަށް އަސްކަރީގޮތުން އެހީވާނީ އެހެންގައުމަކުން ސައޫދީއަށް އިސްވެ ހަަމަލާދީގެން ސައޫދީން އަމިއްލަ ނަފްސުގެ ދިފާއުގައި ކުރާ ހަނގުރާމައަކަށެވެ.

މިފަދަ އެއްވެސް ހާލަތެއް ކުރިމަތިނުވެ ސައޫދީން ޔަމަންގެ ދާޚިލީ މައްސަލަގައިގެ ތެރެއަށްވަދެގަނެ ޔަމަންގެ ހޫޘީންނާ ދެކޮޅަށް ހަނގުރާމަފަށައި ސައޫދީއާއި ޔޫއޭއީގެ ހަމަލާތަކުގައި ޔަމަންގެ އެތައްް ހާސް ބަޔަކު މަރުވެ، ޔަމަންގެ އާންމުން ބަނޑަށްޖެހި ޔަމަންގެ އިންފްރާސްޓްރަކްޗާ މުޅިން ހަލާކުކޮށްލުމުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންވަނީ ހިތްޕުޅު ހަމަނުޖެހިގެން ޔަމަންގެ ހަނގުރާމައަކީ ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ކަމަށް ސިފަކުރައްވައި އެއީ ހުއްޓާލަން ޖެހޭ ހަނގުރާމައެއްކަމަށް ވިދާޅުވެފަ އެވެ.

އެ މައްސަލާގައި ވެސް ސައޫދީ ވަނީ ޕާކިސްތާން ދެކެ ރުޅިއައިސްފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ސައޫދީއަށް ކުރައްވާ ދަތުރުފުޅާ ބެހޭ ގޮތުން ޕާކިސްތާނުގެ އަސްކަރީ ތަރުޖަމާނު މޭޖާ ޖެނެރަލް ބާބާ އިފްތިޚާރު ވިދާޅުވީ އެއީ ކުރިންވެސް ރާވާފައިވާ ދަތުރުފުޅެއް ކަމަށާއި މިހާރު ގެނައި ބަދަލަކީ ދަތުރުގެ ތާރީޚު އަވަސްކުރުން ކަމުގަ އެވެ. ޖާވީދުގެ ދަތުރުފުޅުގެ ބޭނުމަކީ ސައޫދީއާއި ޕާކިސްތާނުގެ އަސްކަރީ ގުޅުންތައް ބަދަހިކުރުން ކަމަށް ވެސް އިފްތިޚާރު ވިދާޅުވި އެވެ.

ސައޫދީގައި އެކި މަސައްކަތްތައްކުރާ ބޭރުގެ ވޯކްފޯސްގައި ޕާކިސްތާނުގެ ތިން މިލިޔަން މީހުން ހިމެނޭއިރު އެއީ ޕާކިސްތާނަށް ބޭރު ފައިސާ ވަންނަ މުހިއްމު ދޮރެކެވެ. ނަމަވެސް ސައޫދީ ވަލީއުލްއަހްދުކަމަށް މުހައްމަދު ބިން ސަލްމާން އިސްވެވަޑައިގަތުމަށް ފަހު ސައޫދީ ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަމުންދާ އަދަޔާ ޚިލާފު ބަދަލުތަކާއެކު ސައޫދީ ވަނީ ކުރިޔާ ޚިލާފަށް އިންޑިއާއާ ވަރަށް ބޮޑަށް ގުޅުންތައް ބަދަހިކޮށްފަ އެވެ.

މިއާއެކު ޕާކިސްތާން ވަނީ ސައޫދީއާ ކުރިޔަށްވުރެ ބޮޑަށް ދުރުވެ ސައޫދީގެ ވާދަވެރިން ކަމަށްވާ ތުރުކީއާއި އީރާނާ ގާތްވާން ފަށައިފަ އެވެ. އަދި ދާދިފަހުން ސައޫދީން ވަނީ ޕާކިސްތާނަށް ތެޔޮ ފޯރުކޮށްދިނުމުގެ ކަންތައް މަޑު ޖައްސާލައިފަ އެވެ. ނަމަވެސް އޭގެބަދަލުގައި ޕާކިސްތާނާއި ސަރަހައްދީ ރޮނގުން ގުޅިފައިވާ އީރާނުން ތެޔޮހޯދަން ޕާކިސްތާން މަސައްކަތް ކޮށްފިނަމަ ސައޫދީ އިތުރަށް ރުޅިއަންނާނެތީ މިމައްސަލާގައި ޕާކިސްތާން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

މީގެ އިތުރުން ޕާކިސްތާން ވަނީ ޕާކިސްތާނުގެ ޒަމާންވީ ރަހްމަތްތެރިޔާ ކަމަށްވާ އެމެރިކާގެ އަމަލުތައް ހުންނަގޮތުން އެމެރިކާއާ ވެސް ކުރިޔަށްވުރެ ދުރުވާންފަށައިފަ އެވެ. ސައޫދީ އާއި ޗައިނާއާ ދެމެދުގައި އާދަޔާ ޚިލާފު އިގްތިސާދީ ގުޅުންތަކެއް ބަދަހިކޮށް އިގްތިސާދީ ކޮރިޑޯގެ ގޮތުގައި ޗައިނާގެ އެހީގައި ޕާކިސްތާނުން ސިނާއީ ބޮޑު ސަރަހައްދެއް ތަރައްގީކުރަން ފެށުމަކީ އެމެރިކާ ވެސް އަދި އިންޑިއާ ވެސް ވަރަށް ބޮޑަށް ރުޅިއަންނަ ކަމެކެވެ.

ޕާކިސްތާނުގެ އިގްތިސާދީ ކޮރިޑޯގައި ޗައިނާ އިން 60 ބިލިޔަން ޑޮލަރު އިންވެސްޓްކުރާއިރު އޭގެ ތެރޭގައި އަރަބި ކަނޑަށް އައްސޭރިވާގޮތަށް އޮންނަ ޕާކިސްތާނުގެ ގުވާދަރު ބަނދަރު ތަރައްގީ ކުރުމާއި ކާރުޚާނާތައް ބިނާކުރުމާއި ރިއަލް އެސްޓޭޓްގެ ދާއިރާއާއި އައިޓީ އަދި އިންފްރާސްޓްރަކްޗާގެ ދާއިރާ ގައި ވަރުގަދަ އިންވެސްޓްމަންޓްތަކެއް ކުރުން ހިމެނެ އެވެ.

ޗައިނާއާ އެކު ޕާކިސްތާނުން ކުރިޔަށް ގެންދާ މި އަގުބޮޑު މަޝްރޫޢު ހުއްޓާލުމަށް އެމެރިކާ އަޑީގައި އޮވެގެން ސައޫދީ މެދުވެރިކޮށް އެެމެރިކާއިން ޕާކިސްތާނަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކުރަމުން ގެންދާކަމަށާއި ނަމަވެސް އެ ފިއްތުންތަކަށް ޕާކިސްތާން ކަނޑައެޅިގެން ދެކޮޅު ހަދަމުން ގެންދާ ކަމަށް ޕާކިސްތާނުގެ ބައެއް މުހައްލިލުން ޓީވީ އެކި ޕްރޮގްރާމުތަކުގައި ވިދާޅުވެފައިވެ އެވެ. ނަމަވެސް ޕާކިސްތާން ސަރުކާރުން މިކަމާ ބެހޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެ އެވެ.(ނޫސްއެޖެންސީތައް)

comment ކޮމެންޓް