ދެވަނަ ޓާމްގެ ކިޔެވުން އަންނަ އަހަރުގެ ޖެނުއަރީން ޖޫންއަށް ތާވަލްކޮށްފި

ޖުލައި 1، 2020: ކޮވިޑް19ގެ ނުރައްކަލާއެކު ސްކޫލްތައް ބަންދު ކުރުމަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލްތައް އަލުން ހުޅުވުން: އަދި ސްކޫލްތަކުގައި ކިޔަވައިދޭން ފެށީ ގްރޭޑް 9-12 އަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ސްކޫލްތަކުގެ ދެވަނަ ޓާމްގެ ކިޔެވުން އަންނަ އަހަރުގެ ޖެނުއަރީން ޖޫންއަށް ކުރިއަށް ގެންދަން ތާވަލްކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދި އާންމު ކުރި އެކެޑެމިކް ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ ޑިސެމްބަރު މަހު ތިނެއްގަ އެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން ކުރިއަށް ގެންދާނީ އަންނަ އަހަރު ޖެނުއަރީ 12 އިން 24 ޖޫން އަށެެވެ.

އެހެންކަމުން އަންނަ އަހަރު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ 10 އޮގަސްޓުގަ އެވެ.

ދިރާސީ އާ އަހަރު އަންނަ އޮގަސްޓު މަހާ ހަމައަށް ލަސްކުރީ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްއާ ގުޅިގެން ސްކޫލްތަކުގެ ކިޔެވުން މެދުކެނޑި ގިނަ ދުވަސްތަކެއް ވަންދެން ފިލާވަޅުތައް ގެއްލިފައިވާތީ އެވެ.

އަންނަ އަހަރު ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާއިރު 2022 ވަނަ އަހަރުވެސް ދިރާސީ އާ އަަހަރު، އަހަރުގެ މެދުތެރެއިން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހިޔާލު ހޯދަން ހުޅުވާލައިފަ އެވެ.

މިދިޔަ މާޗްމަހުން ފެށިގެން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ސްކޫލްތައް ހުޅުވީ މިދިޔަ މަހު އެވެ. ނަމަވެސް ކޮރޯނާ ވައިރަސް ފެތުރޭލެއް އިތުރުވާތީ އަނެއްކާވެސް މާލޭގެ ސްކޫލްތަކުގައި ކިޔަވައިދިނުން ވަނީ ވަގުތީ ގޮތުން މަދުކަނޑާލައި މިހާރު ކްލާސްތައް ގެންދަނީ އޮންލައިންކޮށެވެ.

އޭގެ އިތުރުން އަތޮޅު ތަކުގައި ކޮރޯނާ ވައިރަސް ފެތުރޭ ރަށްތަކުގައިވެސް ކިޔެވުން ވަގުތީ ގޮތުން ސްކޫލްތައް މެދުކަނޑާލަ އެވެ.

comment ކޮމެންޓް