ބެލަރޫސްގެ މުޒާހަރާތަކުން 6،000 މީހަކު ހައްޔަރުކޮށްފި

ބެލަރޫސްގެ މުޒާހަރާތަކުން 6000 މީހަކު ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ: އޭޕީ

މިންސްކް (އޮގަސްޓު 13): ބެލަރޫސްގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއާ ގުޅިގެން އެގައުމުގައި ކުރިއަށްގެންދާ މުޒާހަރާތަކުގައި ބައިވެރިވި 6،000 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ބެލަރޫސްގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި އެގައުމުގައި އާދިއްތަ ދުވަހު ބޭއްވި މުޒާހަރާތަކުން 3،000 މީހަކާއި ހޯމަ ދުވަހު 2،000 މީހަކާއި އިއްޔެ 1،000 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ރަޝިއާގެ ނޫސްވެރިންތަކެއް ވެސް ހިމެނޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ބެލަރޫސްގައި އެ މުޒާހަރާތައް ފެށީ އެގައުމުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ، އެގައުމުގައި ވެރިކަން ކުރައްވާތާ 26 އަހަރުވެފައިވާ ރައީސް އެލެގްޒެންޑްރާ ލުކަޝެންކޯ ކަން އިލެކްޝަން ކޮމިޝަނުން އިއުލާން ކުރި ފަހުންނެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި އެ އިންތިހާބުން 80 ޕަސެންޓު ވޯޓު ލިބުނީ ލުކަޝެންކޯއަށެވެ. އަދި އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި އިދިކޮޅު ލީޑަރު ސްވެތުލާނާ ތިކަނޯސްކަޔާ އަށް ލިބުނީ 9.9 ޕަސެންޓު ވޯޓެވެ.

ތިކަނޯސްކަޔާ އެ އިންތިހާބުގައި ވާދަ ކުރެއްވީ، އޭނާގެ ފިރިކަލުން ސިއަރުހެއި ސިކަނޫސްކީ އެ އިންތިހާބުގައި ވާދަ ކުރަން މަސައްކަތް ކުރެއްވުމުން މިދިޔަ މެއި މަހު އޭނާ ހައްޔަރު ކުރުމުންނެވެ. ތިކަނޯސްކަޔާގެ ކެމްޕެއިން ތެރޭގައި އޭނާ ވަނީ އޭނާއަށް އިންޒާރުތައް ލިބިފައިވާ ކަމަށް ވިދާޅުވެ، އޭނާގެ ދެ ކުދިން ލިތުއޭނިއާއަށް ފޮނުވާލައްވައިފަ އެވެ.

ބެލަރޫސްގެ ރައީސް އެލެގްޒެންޑްރާ ލުކަޝެންކޯ އާއި އިދިކޮޅު ލީޑަރު ސްވެތުލާނާ ތިކަނޯސްކަޔާ -- ފޮޓޯ: އޭޕީ/އީޕީއޭ

އެ އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމުން، ވޯޓު އަލުން ގުނުމަށް އެދި ތިކަނޯސްކަޔާ މިދިޔަ ހޯމަ ދުވަހު އިލެކްޝަން ކޮމިޝަނަށް މައްސަލަ ހުށަހެޅުއްވި އެވެ. ނަމަވެސް އޭގެ ފަހުން އޭނާ ވަނީ ލިތުއޭނިއާއަށް ވަޑައިގެންފަ އެވެ. އަދި އެގައުމަށް ވަޑައިގަތުމުގެ ކުރިން، އިލެކްޝަން ކޮމިޝަނުގައި ހުންނަވައިގެން އޭނާ ދެއްވި ބަޔާނެއްގެ ވީޑިއޯއެއް ދައުލަތުގެ މީޑިއާއިން ވަނީ ދައްކައިފަ އެވެ. އެ ވީޑިއޯގައި ތިކަނޯސްކަޔާ ވަނީ ސަރުކާރާ ދެކޮޅު އެއްވުންތަކަށް މީހުން ނުދިޔުމަށް އެދިވަޑައިގެންފަ އެވެ.

ތިކަނޯސްކަޔާއަށް ތާއިދު ކުރާ މީހުން ވަނީ އެއީ އޭނާ އިލެކްޝަން ކޮމިޝަނަށް ޝަކުވާ ހުށަހެޅުމުން އޭނާއަށް ބިރު ދައްކައިގެން ކިޔުއްވި ބަޔާނެއް ކަމަށް ބުނެފަ އެވެ. އަދި އެ މައްސަލަ ހުށަހެޅުމުން އޭނާ އެ ކޮމިޝަނުގައި ހަތް ގަޑިއިރު ވަންދެން ބެހެއްޓި ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ތިކަނޯސްކަޔާ ބެލަރޫސްއިން ފުރާވަޑައިގެންނެވި ފަހުން ރެކޯޑުކޮށްފައިވާ ކަމަށް ބެލެވޭ ވީޑިއޯއެއްގައި އޭނާ ވަނީ، އޭނާ ގައުމު ދޫކޮށް ވަޑައިގެންނެވީ އޭނާގެ އާއިލާއަށް އޮތް ނުރައްކަލެއްގެ ސަބަބުން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވައިފަ އެވެ.

"އަޅުގަނޑަށް ދިމާވި ފަދަ ގޮތެއް އެހެން މީހަކަށް ދިމާ ނުވާނެ ކަމަށް އުއްމީދު ކުރަން. އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެންމެ މުހިއްމު ބަޔަކީ [އަޅުގަނޑުމެންގެ] ދަރިން،" އެ ވީޑިއޯގައި ތިކަނޯސްކަޔާ ވިދާޅުވި އެވެ.

ލިތުއޭނިއާއިން ވަނީ ތިކަނޯސްކަޔާއަށް މިހާރު އެގައުމުގައި ހުންނަވާނެ ތަނަކާއި އެއް އަހަރުގެ ވިސާ ދީފައިވާ ކަމަށް ބުނެފަ އެވެ.

ބެލަރޫސްގެ ރިޔާސީ އިންތިހާބުގެ ނަތީޖާއާ ގުޅިގެން ކުރިއަށްގެންދާ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ވަނީ ސްޓަން ގްރެނޭޑާއި ރަބަރު އުންޑަ އާއި ކަރުނަ ގޭސް ބޭނުންކޮށްފަ އެވެ. އަދި އެ މުޒާހަރާތަކުގައި މިހާތަނަށް އެކަކު ވަނީ މަރުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް