ކޮވިޑް-19 އާ ގުޅޭ ދޮގު މައުލޫމާތު ފަތުރަމުންދޭ: ނަޒްލާ

ޑރ. ނަޒްލާ ރަފީގު ---

ސޯޝަލް މީޑިއާގައި އަދި އެނޫން ވެސް ޕްލެޓްފޯމްތަކުގައި ކޮވިޑް-19 އާ ގުޅިގެން ތެދު ނޫން މައުލޫމާތު ބައެއް ފަރާތްތަކުން އާންމުކުރަމުންދާ ކަމަށް ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރޭ އެޗުއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރަނގަޅު ނޫން މައުލޫމާތު ޝެއާ ކުރަމުން ގެންދާ ކަމަށެވެ.

އެހެންނަމަވެސް ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންނަށް ލިބެން ޖެހޭ މައުލޫމާތާއި އެނޫންވެސް ކަންތައްތައް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ ތިޔަ ބޭފުޅުންނަށް މިކަމާ ގުޅޭ އެންމެ ފުރިހަމަ މައުލޫމާތާއި އިރުޝާދު ދޭން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެހެންކަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އިރުޝާދުތައް އަޑުއެހުމަށް ޑރ. ނަޒްލާ ވަނީ އިރުޝާދު ދެއްވައިފަ އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލުކުރުމަށް ޓަކައި ގިނަ މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ކޭސްތައް މަދުކުރުމަށް ފެންނަ ފިޔަވަޅުތައް ޓެކްނިކަލް ޓީމުން އަޅާނެ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދޮގު މައުލޫމާތު ސޯޝަލް މީޑިއާގައި ފެތުރޭ މައްސަލަ ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ.

ރިސާޗަރުން ބުނާ ގޮތުގައި މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި މިސް އިންފޮމޭޝަންގެ ގޮތުގައި ވެސް 800 ވަރަކަށް މީހުން މުޅި ދުނިޔެއިން މަރުވެފައިވާ ފަދަ ހަބަރުތަކެއް ފެތުރިފައިވެ އެވެ. އެހެންނަމަވެސް އެފަދަ ހަގީގަތެއް ނެތް މަރުތަކަކީ ކޮވިޑް-19 އާ ގުޅުމެއްވެސް ނުވާ މަރުތައް ކަމަށް ރިސާޗަރުން ބުނެފައިވެ އެވެ.

comment ކޮމެންޓް