ށ. ފުނަދޫ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދިން އުމުރުން ދުވަސްވީ މީހަކު ބަލިން ރަނގަޅުވެ، ދޫކޮށްލައިފިއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މިއީ އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީއެއްގައި އެޑްމިޓްކޮށްގެން ފަރުވާދިން މީހަކު ރަނގަޅުވެގެން ދޫކޮށްލި ފުރަތަމަ ފަހަރު ކަމަށެވެ.
އޭނާ އަކީ އުމުރުން ދުވަސްވީ މީހެއް ކަމަށާއި، އަދި އެޑްމިޓްކޮށް ފަރުވާދޭން ޖެހޭ މީހެއް ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
"މިއީ ހަމަ ފެސިލިޓީތަކުގެ މިކަމަށް ކޭޓާކުރުމުގެ ކޭޕެބިލިޓީ ހުރިކަން އަޅުގަނޑުމެންނަށް މީގެން އެބަ އެނގޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިވަގުތު ބ. އޭދަފުށީ ކޮވިޑް ފެސިލިޓީގައި ވެސް އެޑްމިޓްކޮށްގެން މީހަކަށް ފަރުވާދެމުން އަންނަ ކަމަށް ޑރ. ނަޒްލާ މިރޭ ވިދާޅުވިއެވެ.
ށ. ފުނަދޫ އާއި ބ. އޭދަފުށީގައި ގާއިމްކޮށްފައިވާ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީ ރަސްމީކޮށް ހުޅުވީ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ.
އެ ދެ ރަށުގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީގައި 20 އައިސީޔޫ ބެޑާއެކު 37 އައިސޮލޭޝަން ބެޑް ހުންނާނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ފުނަދު އާއި އޭދަފުށީގެ އިތުރުން ލ. ގަމާއި ގއ. ވިލިނގިލި އަދި އައްޑޫ ސިޓީ ގައި ވެސް ކޮވިޑް ފެސިލިޓީތައް ވަނީ ގާއިމުކޮށްފައެވެ.