މާސްކް ނާޅާ 475 މީހުން، ކާފިއުއާ ހިލާފު 311 މީހުން ޖޫރިމަނާ

މާލެ ލޮކްޑައުންގައި އޮއްް އިރު ބަޔަކު ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދުގައި މާސްކު ނާޅާ ގަވާއިދާ ހިލާފަށް ބޭރުގައި އުޅުނު 475 މީހަކާއި އިއުލާންކޮށްފައިވާ ކާފިއު އާ ހިލާފުވި 311 މީހަކު މިހާތަނަށް ޖޫރިމަނާކޮށްފައިވާ ކަމަށް ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މާލޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ. އަދި ބޭރުގައި މާސްކު ނާޅާ އުޅޭ ނަމަ ޖޫރިމަނާ ކުރާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ވަނީ ބުނެފައެވެ. މާލޭގައި ކާފިއު އިއުލާނުކޮށްފައިވަނީ ވެސް މި މަހުގެ ފުރަތަމަ ދުވަހުގައެވެ. މާލޭގައި ކާފިއު ހިންގާނީ ކޮންމެ ރެއެއްގެ 22:00 އިން ފެށިގެން ފަތިހު 05:00 އަށެވެ.

އެންއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް 475 މީހަކު ޖޫރިމަނާކޮށްފައިވާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް 41 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މާސްކް ނާޅައިގެން 41 މީހަކު ޖޫރިމަނާކުރިއިރު 94 މީހަކަށް ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނަސޭހަތްތެރިވެފައި ކަމަށްވެސް ވިދާޅުވިއެވެ.

ޖުމްލަ 311 މީހަކު ކާފިއުއާ ހިލާފުވެގެން މިހާތަނަށް ޖޫރިމަނާކޮށްފައިވާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 80 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި އޭގެއިތުރުން 120 މީހަކު ކާފިއުއާ ހިލާފަަށް އުޅޭތީ ނަސޭހާތް ދީފައި ކަމަށްވެސް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް