އައިސީޔޫގައި 10 މީހުން، ދެމީހުން ވެންޓިލޭޓަރުގައި

މެއި 27، 2020: މީހަކު ކަރަންޓީން މަރުކަޒަށް ގެންދިއުމަށް އެމްބިއުލައިންސްއަށް އަރުުމުގެ މަސައްކަތުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ ތެރެއިން 10 މީހަކަށް ފަރުވާދެނީ އައިސީޔޫގައި ކަމަށާއި، އަދި ދެ މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިވަގުތު 150 މީހަކު ހޮސްޕިޓަލުތަކުގައި އެޑްމިޓް ކޮށްފައި ތިބި ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ޑީއެޗް11ގެ އައިސީޔޫގައި ތިބި ފަސް މީހުންނާއި، ޑީއެޗް16 ގެ ވޯޑުގައި ތިބި ފަސް މީހަކާއި ބ. އޭދަފުށީ ކޮވިޑް ފެސިލިޓީގެ ވޯޑުގައި ފަރުވާ ދެމުން އަންނަ މީހަކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ތިބި 139 މީހުންނެވެ.

ހުޅުމާލޭ ފެސިލިޓީގައި ތިބި މީހުންގެ ތެރެއިން ފަސް މީހުން ތިބީ އައިސީޔޫގައި ކަމަށާއި އޭގެ ތެރެއިން ދެ މީހަކު މިވަގުތު އޮތީ ވެންޓިލޭޓަރުގައި ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިއަދު ރާއްޖެއިން 143 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 5،366 އަށް އަރައިފައެވެ.

މިހާތަނަށް ބަލި ޖެހުނު 2،884 މީހަކު ރަނގަޅުވެފައި ވާއިރު، އެކްތިވް ކޭސްތަކުގެ ގޮތުގައި 2،461 މީހުން އެބަތިއްބެވެ.

ބަލީގައި ރާއްޖެއިން 21 މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް