ނިޔާވި ފަހުން އައިސޮލޭޓް ކުރަން ގުޅުމުން މައާފަށް އެދިއްޖެ

ޑރ. ނަޒްލާ މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---

އިއްޔެ ކޮވިޑް19 ޖެހިގެން ރާއްޖެއިން މަރުވި މީހާ މަރުވިފަހުން، އޭނާ އައިސޮލޭޝަނަށް ގެންދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގުޅާފައިވާ ކަމަށާއި، އެކަމަށް އާއިލާގެ ފަރާތުން މައާފަށް އެދޭކަމަށް، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

އިއްޔެ މަރުވެފައި ވަނީ އުމުރުން 67 އަހަރުގެ މީހެކެވެ. އޭނާއަކީ އިއްޔެ އައިޖީއެމްއެޗަށް ގެންގޮސް އެމަޖެންސީ ރެސްޕޮންސް (އީއާރު)ގައި ފަރުވާ ދެމުންދިޔަ މީހެކެވެ.

އޭނާގެ އާއިލާގެ ފަރާތުން ސޯޝަލް މީޑިއާގައި މައުލޫމާތު ހާމަކުރަމުން ބުނެފައި ވަނީ، މިކަމުގައި އެޗްޕީއޭ އިން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން އޭނާއަކީ ހައި ރިސްކް ގްރޫޕުގެ މީހަކަށް ވާތީ، އައިސޮލޭޝަނަށް ގެންގޮސްދޭން ތަކުރާރުކޮށް އާދޭސް ކުރަމުން ދިޔަ ކަމަށާއި، ނަމަވެސް ނިޔާވި އިރުވެސް އައިސޮލޭޝަނަށް ގެންދެވިފައި ނުވާކަމަށް އާއިލާއިން ބުންޏެވެ.

އަދި އޭނާ އައިސޮލޭޝަނަށް ގެންދަން އެޗްޕީއޭ އިން ގުޅީ، ޖަނާޒާގެ ކަންކަން ކުރިއަށް ދަނިކޮށް ކަމަށް ވެސް އާއިލާއިން ވަނީ ބުނެފައެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، އޭނާ ނިޔާވި ފަހުން، އައިސޮލޭޓް ކުރަން އެޗްޕީއޭގެ ޓީމުން ގުޅާފައިވާ ކަމަށެވެ.

"އެކަން އެގޮތަށް ހިނގާފައި ވާތީ ފުރަތަމަ ކަމަކަށް އާއިލާގެ ފަރާތުން އަޅުގަނޑުމެން ހަމަ ނިހާޔަތަށް މައާފަށް އެދެން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ނިޔާވި އައިސޮލޭޓްކުރަން ގުޅިފައި ވަނީ، ނިޔާވިތާ 30 ވަރަކަށް މިނެޓު ފަހުން ކަމަށެވެ. އަދި އައިސޮލޭޓް ކުރުމަށް ގުޅީ، މީހުން އައިސޮލޭޓް ކުރުމުގައި ޕޮޒިޓިވްވާ އުމުރުން ދުވަސްވީ މީހުންނަށް އިސްކަން ދިނުމަށް ގެންގުޅޭ އުސޫލުގެ ދަށުން، އިސްކަން ދޭ ލިސްޓުގައި އޭނާގެ ނަން އޮތުމުން ކަމަށެވެ.

އެހެން ނަމަވެސް ޕޭޝަންޓް އެވަގުތު އޮތީ އައިޖީއެމްއެޗްގައި ކަމަށް މައުލޫމާތު ލިބިފައި ނުވާކަމަށެވެ. އަދި އެކަން ރަނގަޅުކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޕޭޝަންޓު އައިޖީއެމްއެޗްގައި ބާއްވައިގެން ޓެސްޓުކޮށްފި ނަމަ، އެގޮތަށް އެނގޭނެ ގޮތަށް ސިސްޓަމް ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިކަހަލަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް އިންތިޒާމްތައް ހަރުދަނާކުރާނެ ކަމުގެ ޔަގީންކަން، އަޅުގަނޑާ އަޅުގަނޑުގެ ޓީމުން ދެން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

comment ކޮމެންޓް