މަޖިލިސް މެމްބަރުންނަކީ ވެސް ފްރަންޓްލައިން މީހުން: މަޖިލިސް ރައީސް

މޭ، 26، 2020: "ނިއު ނޯމަލް"ގެ ދަށުން ރައްޔިތުން މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ބޭއްވި ޖަލްސާ: އެޗްޕީއޭގެ ލަފާގެ މަތިން މެންބަރުން ތިއްބަވަނީ މާސްކް އަޅައިގެން އަދި ދުރުދުރުގައި -- ފޮޓޯ/ މަޖިލިސް އިދާރާ

ކޮވިޑް19 އާ ގުޅިގެން ފްރަންޓްލައިންގައި ހަރަކާތްތެރިވާ މަސައްކަތްތެރިންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް ރައީސް އެހެން ވިދާޅުވީ މިއަދު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަޖިލީހަށް ހާޒިރުކޮށް، ކޮވިޑް19 އާ ގުޅިގެން ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިންނެވެ.

އެމަނިކުފާނު ވިދާޅުވީ، ނިއުޒީލެންޑުގެ ޕްރައިމް މިނިސްޓަރު، ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުން ކަނޑައަޅާ އިއުލާނުކުރެއްވި އިރު ކުޑަކުދިން ނިދާއިރުގައި ގެންގުޅޭ ކަހަލަ ކުޅޭ އެއްޗެއް، ފްރަންޓްލައިން ވޯކަރެއްގެ ގޮތުގައި ކަނޑައެޅުއްވި ކަމަށެވެ.

އަދި އެމަނިކުފާނުގެ ނަޒަރުގައި މަޖިލީހުގެ މެމްބަރުންނަކީ ވެސް ކޮވިޑް19 އާ ގުޅިގެން ފްރަންޓްލައިންގައި މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށެވެ.

"މި ކޮވިޑްގެ ހާލަތުގައި ތިބޭފުޅުން ފްރަންޓްލައިން ވޯކަރުންގެ ގޮތުގައި މަސައްކަތް ކުރައްވަމުން ނުގެންދެވި ނަމަ، އަޅުގަނޑު ނުދަންނަވާނަން މި ނިޒާމުތައް މިގޮތަށް ފުރޮޅެމުން ހިނގަމުން ދިޔައީސް ކަމަކަށް. ހާއްސަކޮށް ފައިސާގެ ކަންކަން، އަދި އެހެންވެސް އިޖުރާއަތުތައް. ކޮވިޑުގެ ފްރަންޓްލައިން ވޯކަރުންގެ ގޮތުގައި ހަމަކަށަވަރުން ވެސް އަޅުގަނޑު ތި އިއްޒަތްތެރި މެމްބަރުން ބަލައިގަންނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ މެމްބަރުން ފްރަންޓްލައިން ވޯކަރުންގެ އެލަވަންސް ނުހޯއްދަވާ ކަމަށާއި، އޭގެ ބަދަލުގައި މުސާރައިން ބައެއް އުނިކުރެއްވި ކަމަށެވެ.

އެހެންކަމުން މަޖިލިސް މެމްބަރުންނަށް އެމަނިކުފާނު ވަނީ ފަށްފަށުން ޝުކުރު އަދާކުރައްވައިފައެވެ.

comment ކޮމެންޓް