އެޕަލްގައި ނުވަ އަހަރަށް ފަހު ޓިމް ބިލިއަނަރަކަށް

އެޕަލްގެ ސީއީއޯ ޓިމް ކުކް

އެޕަލްގައި ނުވަ އަހަރު ސީއީއޯގެ މަގާމުގައި ހުންނެވުމަށްފަހު ޓިމް ކުކް އެންމެ ފަހުން ބިލިއަނަރަކަށް ވެއްޖެ އެެވެ.

ބްލޫމްބާގްގެ ބިލިއެނެއާ އިންޑެކްސުން ދައްކާގޮތުގައި ޓިމް ކުކްގެ މިލްކިއްޔާތު މިހާރު ވަނީ އެއް ބިލިއަން ޑޮލަރަށް އަރާފަ އެވެ. އޭނާގެ މިލްކިއްޔާތު ކުއްލިގޮތަކަށް އިތުރުވެފައިވަނީ އެޕަލްގެ ޝެއާތައް އިތުރުވެ އެކުންފުނިި ދެ ޓްރިލިއަން ޑޮލަރުގެ މާކަށް ގާތްކުރުމާ ގުޅިގެންނެވެ.

އެޕަލްގެ މާކެޓް ކެޕް މިވަގުތު ހުރީ 1.9 ޓްރިލިއަން ޑޮލަރުގަ އެވެ. އެކުންފުނީގެ ހިއްސާގެ އަގުވެސް ވަނީ މައްޗަށް ޖެހިފަ އެވެ. އެގޮތުން ހިއްސާގެ އަގު ވަނީ މިހާރު 451 ޑޮލަރަށް އަރާފަ އެވެ. އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 54 ޕަސެންޓު އިތުރު އަދަދެކެވެ.

ޓެކް ދުނިޔެއިން ވަނީ އެތައް ބިލިއަނަރެއް އުފައްދާފަ އެވެ. އެގޮތުން ދުނިޔޭގެ އެންމެ މުއްސަނދި ފަރާތްކަމަށްވާ، އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސް އަކީވެސް ޓެކް ދުނިޔެއިން އުފެދިގެން އައި ބިލިއަނަރެކެވެ. އެގޮތުން ޖެފް ބެޒޯސްގެ މިލްކިއްޔާތު ވަނީ 100 ބިލިއަން ޑޮލަރު ފަހަނައަޅާ ގޮސްފަ އެވެ. އަދި ފޭސްބުކްގެ ކޯ ފައުންޑާ މާކް ޒަކަބާގްގެ މިލްކިއްޔާތުވެސް ވަނީ ދާދި ފަހުން 100 ބިލިއަން ޑޮލަރު ފަހަނައަޅާ ގޮސްފަ އެވެ.

ޓިމް ކުކްގެ މިލްކިއްޔާތު އެއް ބިލިއަނަށް އެރުން ހާއްސަވާ ސަބަބެއް އެބައޮތެވެ. އެއީ ޓިމް އަކީ އެޕަލްގެ ފައުންޑަރަކަށް ނުވުމެވެ.

އެޕަލްގެ މަތީ މަގާމެއްގައި ހުންނެވި ނަމަވެސް އޭނާ އެޕަލް އިން ހޯދާފައިވަނީ ކުންފުނީގެ ޝެއާގެ އެންމެ 0.02 ޕަސެންޓެވެ. އެއީ ގާތްގަނޑަކަށް 375 މިލިއަން ޑޮލަރެވެ.

comment ކޮމެންޓް