އެއްގަމާއި ކަނޑުމަތީ ހާދިސާތައް މަދުކުރުމަށް މަޝްވަރާކުރައްވައިފި

ހާދިސާތައް މަދުކުރުމަށް ކަމާ ބެހޭ ފަރާތްތަކާއެކު ނައިބު ރައީސް މިއަދު ވަނީ ވާޗުއަލްކޮށް މަޝްވަރާކުރައްވާފައި--

އެއްގަމާއި ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރުމާއި، އެކަމާމެދު ހޭލުންތެރިކަން އިތުރުކުރުމާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް، ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.

ވާޗުއަލްކޮށް މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކަނޑުމަތީގެ ހާދިސާތަކާއި އަލިފާނުގެ ހާދިސާތައް ފަދަ ކަންކަން މަދުކުރުމާއި، އަދި ވަކިން ހާއްސަކޮށް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

ތެލާއި ގޭސް ފަދަ ނުރައްކާތެރި ތަކެތި ގެންގުޅެންޖެހޭ ފަރާތްތަކުން އެތަކެތި ގެންގުޅެނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށްތޯ ކަށަވަރުކުރުމުގެ މުހިއްމު ކަމަށް އެމަނިކުފާނު އަލިއަޅުއްވާލާފައިވެއެވެ. އެއީވެސް ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަމެއް ކަމަށް އިޝާރާތްކުރައްވާ އެކަންތައް ގަވާއިދުން ބަލަމުން ގެންދެވުމަށް ފައިސަލް ނަސީމް އެދިވަޑައިންނެވިއެވެ.

ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ކަންކަމާއި، އަލިފާނުގެ ހާދިސާތައް ހިނގުމަށް މެދުވެރިވާ ސަބަބުތަކާމެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށް ޕްރޮގްރާމްތައް ހިންގަންޖެހޭކަމަށް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

އެ ބައްދަލުވުމުގައި ސަރުކާރުގެ ގިނަ މުއައްސަސާތަކެއް ވަނީ ބައިވެރިވެފައެވެ. އެގޮތުން މާލެ ސިޓީ ކައުންސިލާއި އެމްއެންޑީއެފް އާއި ފަޔާ ރެސްކިއުގެ އިތުރުން ޕޮލިސް ސާވިސް އަދި ސްޓެލްކޯ ފަދަ ކުންފުނިތައްވެސް ވަނީ އެ ބައްދަލުވުމުގައި ބައިވެރިވެފައެވެ.

އެބައްދަލުކުރެއްވުމުގައި ބައިވެރިވި ކަމާގުޅޭ އެކިއެކި އިދާރާތަކުގެ އިސްވެރިން ވަނީ މި ކަންކަން ޙައްލުކުރުމުގައި އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ފާހަގަކޮށް، އެ ބޭފުޅުންގެ ހިޔާލުތައް ވަނީ ފައިސަލް ނަސީމަށް ހިއްސާކުރައްވާފައެވެ.

comment ކޮމެންޓް