ޒުވާނުންގެ ދައުރު އޮތީ މާދަމާ އަކު ނޫން، އެއީ މިއަދުގެ ލީޑަރުން: މަހްލޫފް

ޖެނުއަރީ 8، 2020: "ރަން އަހަރު 2019" ގެ ނަމުގައި ޔޫތު މިނިސްޓްރީ އިން ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ ކުރިން އަބަދުވެސް ހީވެފައި އޮންނަނީ މިހާރުގެ ޒުވާނުންގެ ދައުރު އޮތީ މާދަމާއަށް ކަމަށް ވިޔަސް، ހަގީގަތަކީ މިއަދުގެ ޒުވާނުންނަކީ މިއަދުގެ ވެސް ލީޑަރުން ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެ އެވެ.

ބައިނަލް އަގުވާމީ ޒުވާނުންގެ ދުވަހާއި ގުޅިގެން މިނިސްޓަރު މިއަދު ދެއްވި ވީޑިއޯ މެސެޖެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މިއަހަރުގެ މިދުވަސް ފާހަގަ ކުރަން މިޖެހުނީ ކޮވިޑުގެ ސަބަބުން މި ގައުމަށާއި، މުޅި ދުނިޔެ ވެސް ބޮޑެތި ގޮންޖެހުމެއްގެ ތެރޭގައި އޮތް ދަނޑިވަޅެއްގައި ކަމަށެވެ. އެހެން ނަމަވެސް އެ ގޮންޖެހުންތަކުން އަރައިގަތުމަށް ޒުވާނުންގެ ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް މިހާރުވެސް ލިބެމުންދާ ކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

މިދިޔަ އަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަދަ ގޮތެއްގައި ނ.ވެލިދޫގައި ވަނީ ފާހަގަ ކޮށްފަ އެވެ. ފޯރިގަދަ ހަރަކާތްތަކަކާއި އެ ދުވަސް ފާހަގަ ކުރެއްވުމަށް އދގެ ސެކްރެޓަރީ ޖެނެރަލްގެ ސްޕެޝަލް އެންވޯއި އޮން ޔޫތު ޖަޔަތުމާ ވިކްރަމަންޔަކަ ވެސް ވަނީ ވަޑައިގެންފަ އެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން މިފަހަރު ރަސްމީ ގޮތެއްގައި ޒުވާނުންގެ ދުވަހުގެ ރަސްމިއްޔާތުތައް ނުބާއްވަން ވަނީ ނިންމާފަ އެވެ.

"އަޅުގަނޑުމެންނަށް އަބަދުވެސް ގަބޫލުކުރެވިފައި އޮންނަނީ، ޒުވާނުންނަކީ މާދަމާގެ ލީޑަރުން ކަމަށް. އެހެން ނަމަވެސް މިއަދުގެ ހަގީގަތަކީ މިއަދުގެ ޒުވާނުންނަކީ މިއަދުގެ ލީޑަރުން ކަމަށް،" މިއަދު ދެއްވި ވީޑިއޯ މެސެޖުގައި މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ކަމެއްގައި ވެސް ޒުވާނުންގެ ހިއްސާ އޮވެމެ ކުރިއަށްދާން ކަމަށާއި، މިހާރުވެސް ޒުވާނުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް އެކަންކަން ހައްލު ކުރާނީ ޒުވާނުންގެ ބައިވެރިވުމާ އެކު އެމީހުންގެ މަޝްވަރާއާއި ޙިޔާލު ހޯދައިގެން ކަމަށެވެ.

"މިހާރުވެސް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު އެކި ދާއިރާތަކުން ތަފާތު އެކި ކަންކަން ކުރިއަށްދާކަން އަޅުގަނޑު ފާހަގަކޮށް، އެ ފުރުސަތުތައް އިތުރަށް ތަނަވަސްކޮށްދިނުމަށް އަޅުގަނޑުމެންނަށް ކުރެވެން ހުރި ކަންކަން ކުރާނަން."

comment ކޮމެންޓް