ދިވެހި ހާރިޖީ ވަޒީރު އެކި ބަސްބަހުން ތަގުރީރު ކުރައްވަނީ

އޭޕްރީލް 2، 2020: ފޮރިން މިނިސްޓަރު ޝާހިދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަޑައިގަންނަވާ ގައުމެއްގެ ބަހުން އެ ގައުމެއްގައި ވާހަކަ ދެއްކުމަކީ ނުވަތަ މީހަކާ ބައްދަލު ކުރާއިރު އެ މީހެއްގެ ގައުމުގެ ބަހުން ވާހަކަ ދައްކައި އެއްޗެއް ބުނެލުމަކީ ދުނިޔޭގެ ތަޖުރިބާކާރު ޑިޕްލޮމެޓުން ކުރައްވާ ކަމެކެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަގާމާ ހަވާލުވެ ވަޑައިގަތްފަހުން އަބަދުހެން އުޅުއްވަނީ، އެކި ގައުމުތަކަށް ދަތުރު ކުރެއްވުމުގައި އަވަދިނެތި އެވެ. އެމަނިކުފާނު ރާއްޖޭގައި ނުހުންނެވޭ ވަރަށް އަވަދިނެތި އުޅުއްވާތީ އެކަމާ ފާޑުކިޔުން ވެސް އޮވެ އެވެ. އެ ދަތުރުތަކާ މެދު ޝައްކުގެ ނަޒަރަކުން ވެސް ބަލަ އެވެ.

ކޮވިޑް-19އާ އެކު ފޮރިން މިނިސްޓަރު ޝާހިދުގެ ދަތުރުފުޅުތައް ވެސް ހުއްޓުނު ނަމަވެސް، ދިވެހި ހާރިއްޖިއްޔާއިން ކުރަން ހުރި މަސައްކަތަށް ހުހެއްނުވެ އެވެ. ކުރިއަށް ވުރެ ގިނަވެ، އެ މަސައްކަތްތައް މުހިންމު ވެއްޖެ އެވެ.

މިފަހުން ބޭރުގެ ގައުމުތަކުގެ ޑިޕްލޮމޭޓުން ބައިވެރިވެގެން ކުރިއަށްގެންދިޔަ ރިސެޕްޝަންތަކުގައި މިނިސްޓަރު ވަނީ ގުޅުން ބަދަހި ކުރަން ޑިޕްލޮމެސީގެ އާ ޓެކްޓިކްއެއް ބޭނުން ކުރައްވަން ފައްޓަވައިފަ އެވެ. އެ ގައުމެއްގެ މީހުން ވާހަކަ ދައްކައި މާދަރީ ބަހުން ތަގުރީރު ކުރައްވަން މިނިސޓަރު ޝާހިދު ވަނީ ފައްޓަވައިފަ އެވެ. އޮންލައިންކޮށް، ކޮންފަރެންްސް ކޯލް މެދުވެރިކޮށް ބާއްވާ ބައްދަލުވުންތަކުގައި މުހިންމު މެސެޖެއް ނަމަވެސް އެ ގައުމެއްގެ ބަހުން ޝާހިދު ވަނީ ވިދާޅުވާން ފައްޓަވައިފަ އެވެ.

އެގޮތުން ރާއްޖޭގެ މިނިވަންދުވަހާއި ގުޅިގެން ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީ އިން ބޭއްވި ރިސެޕްޝަނުގައި ބައިވެރިވެ ވަޑައިގެން މިނިސްޓަރު ވަނީ އަރަބި ބަހުން ތަގުރީރު ކުރައްވައިފަ އެވެ.

މީގެ އިތުރުން ތައިލެންޑުގައި ކުރިއަށްގެންދިޔަ ރިސެޕްޝަނުގައި މިނިސްޓަރު ވާހަކަ ދެއްކެވީ ތައި ބަހުންނެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ކުރިއަށް އޮތްތަނުގައިވެސް މިނިސްޓަރު މިގޮތަށް ބައިވެރިވެލައްވާ ހަފްލާތަކުގައި އެ ހަފްލާއެއް އޮންނަ ގައުމެއްގެ ބަހުން ވާހަކަ ދައްކަވާނެ ކަމަށެވެ. އެގޮތުން މެލޭޝިއާގައި ބާއްވާ ރިސެޕްޝަނުގައި މިއަދު މިނިސްޓަރު ވަނީ މެލޭ ބަހުން ވާހަކަ ދައްކަވައިފަ އެވެ.

މީގެ ކުރިން އިންޑިއާގެ ކުރީގެ ހާރިޖީ ވަޒީރު ސުޝްމާ ސުވަރާޖު ރާއްޖެ ވަޑައިގެން ބޭއްވި ހަފްލާއެއްގައި މިނިސްޓަރު ޝާހިދު ވަނީ ހިންދީ ބަހުން ވާހަކަ ދައްކަވައިފަ އެވެ.

މީގެ އިތުރުންވެސް އެކި ގައުމުތަކަށް ވަޑައިގެން މިނިސްޓަރު ވަނީ އެ ގައުމެއްގެ ބަހުން އޮފިޝަލް ބައްދަލުވުންތަކުގައި ވާހަކަ ދައްކަވައިފައެ ވެ. މިގޮތަށް އެގައުމެއްގެ ބަހުން ވާހަކަ ދެއްކެވުމަކީ ގައުމުތަކުން އެކަން ފާހަގަ ކުރާ ކަމެކެވެ. އަދި އެއީ އެއްގައުމު އަނެއް ގައުމުގެ ގާތްކަން އޮންނަ މިންވަރު ހާމަކުރުމަށް ޑިޕްލޮމެޓުން ގެންގުޅުއްވާ އުކުޅެކެވެ.

ހާރިޖީ ވަޒީރުކަމާ ހަވާލުވެ ވަޑައިގެންފަހުން މިނިސްޓަރު ޝާހިދު ވަނީ 100 އަށްވުރެ ގިނަ ގައުމުގެ ހާރިޖީ ވަޒީރުންނާ މަތީފަންތީގެ ޑިޕްލޮމޭޓުންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި ކޮވިޑާ އެކު ބައިނަލްއަގުވާމީ އެހީތައް ރާއްޖެއަށް ހޯދުމަށް މިނިސްޓަރު ގެންދަވަނީ އެކި މަޝްވަރާތައް ކުރައްވަމުންނެވެ.

comment ކޮމެންޓް