ވޯލްޑް ކަޕް ކޮލިފައިންްގް މެޗުތައް އަނެއްކާވެސް ފަސްކޮށްފި

ރާއްޖެ އާއި ގުއާމް ބައްދަލުކުރާ މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

އަންނަ އޮކްޓޫބަރު މަހާއި، ނޮވެމްބަރު މަހަށް ތާވަލުކޮށްފައި އޮތް 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި، 2023 އަހަރުގެ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގް މެޗުތައް އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އޭއެފްސީ އާއި ފީފާއިން ވަނީ މާޗު މަހާއި ޖޫން މަހު ކުޅެން ތާވަލުކޮށްފައި ހުރި މެޗުތައް ފަސްކޮށްފައެވެ. އަދި ފަހުން ވަނީ އެ މެޗުތައް އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހު ކުޅުމަށް ތާވަލުކޮށްފައެވެ. އެކަމަކު ކޮވިޑްގެ ނުރައްކާ އަނެއްކާވެސް ގައުމުތަކުގައި އިތުރުވަމުން ދިއުމާ ގުޅިގެން ފީފާއިން ވަނީ އަނެއްކާވެސް މެޗުތައް ފަސް ކުރަން ނިންމާފަ އެވެ.

އޭއެފްސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19ގެ ސަބަބުން ހާލަތު ބަދަލުވަމުންދާ ގޮތް ބެލުމަށް ފަހު މެޗުތަކުގެ ޝެޑިއުލް އާންމުކުރާނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި އޭއެފްސީން މެޗުތައް ފަސްކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ އަދިވެސް ގައުމުތަކަށް ދަތުރުފަތުރު ކޮށްގެން މެޗުތައް ކުޅެވޭނެ މާހައުލެއް ގިނަ ގައުމުތަކުގައި ގާއިމްވެފައި ނެތުމުންނެވެ.

"ފީފާއާއި އޭއެފްސީން ގައުމުތަކުގެ ހާލަތު ވަރަށް ގާތުން ބަލަމުން މިދަނީ، މެޗުތައް ދެން ކުޅެވޭނެ ތާރީހެއް ބުނަން އިނގޭނީ އަދި މިކަން ރަނގަޅަށް ދިރާސާ ކުރުމަށްފަހު." އޭއެފްސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އޮކްޓޯބަރު މަހަށް މީގެ ކުރިން މެޗުތައް ތާވަލުކުރުމް، ކޮވިޑް-19 ގެ ބްރޭކަށްފަހު ގައުމީ ފުޓްބޯޅަ ޓީމުން ޖުލައި މަހުގެ ކުރީކޮޅު ފަރިތަކުރުންތައް ފެށިއެވެ. އެކަމަކު މާލެ ސިޓީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނާތީ، ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން ދިން ލަފާޔާ އެއްގޮތަށް މި މަހުގެ ކުރީކޮޅު ފަރިތަކުރުންތައް އަލުން މެދުކަނޑާލި އެވެ.

ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ގްރޫޕުގެ ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. ރާއްޖޭގެ ފަހަތުން ފަސް ވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ރާއްޖޭގެ ޓާގެޓަކީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. މި ގްރޫޕްގައި ރަނގަޅު ހިސާބެއްގައި އޮވެ ނިންމާލައިފިނަމަ އޭގެ ސަބަބުން އޭޝިއަން ކަޕް ކޮލިފައިންގައި ކުރިއަށް ދިއުމަށް ރާއްޖެ އަށް ފަސޭހަތަކެއް ވެގެންދާނެ އެވެ.

comment ކޮމެންޓް