ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން ސޮއި ހޯދަނީ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށްޓަކައި، އެމްޑީޕީގެ މެމްބަރުންތަކެއް ސޮއި ހޯދަން ފަށައިފި އެވެ.

ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީގެ މަޖިލިސް ދެ މެމްބަރަކު "ސަން" އަށް ކަށަވަރުކޮށްދެއްވި އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ މެމްބަރަކު "ސަން" އަށް ވިދާޅުވީ، ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށް އެމްޑީޕީ ތެރެއިން ސޮއި ހޯދުމަށް މަސައްކަތް ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެ ކަމށެވެ.

"މިހާ ދުވަހު މަޑުކޮށްގެން ހުރީ އެކަށީގެންވާ އަދަދަށް ސޮއި ނުލިބުމުން. އެކަމަކު މިހާރު ކޮންމެވެސް ވަރަކަށް ސޮއި ލިބިފައިވާ ކަމަށް މައުލޫމާތު ލިބޭ. އެހެން ނަމަވެސް ބޭނުންވާ އަދަދަށް އަދި ހަމަވި ކަމެއް ޔަގީނެއް ނޫން،" އެމްޑީޕީ މެމްބަރަކު ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އެކަމަކީ، ޕާޓީގެ އިސް ފަރާތްތަކެއް ފަހަތުގައި ތިބެގެން ކުރާ ކެމެކެވެ.

އެހެން މެމްބަރަކު ވިދާޅުވި ގޮތުގައި، މައްސަލަ މަޖިލީހަށް ވެއްދުމަށް ބޭނުންވާ އަދަދަށް މިހާރު ސޮއި ލިބިފައިވާ ކަމަށެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ 14 މެމްބަރެއްގެ ސޮއި އެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އައުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.

ފައްޔާޒާ ދެކޮޅަށް މައްސަލަ ވައްދަނީ، ކޮން ސަބަބަކާ ހުރެ ކަމެއް އަދި ޔަގީނެއް ނޫނެވެ. ފައްޔާޒަކީ، މި ސަރުކާރުގެ ނުފޫޒުގަދަ ވަޒީރުންގެ ތެރެގައި ހިމެނިވަޑައިގަންނަވާ ވަޒީރެކެވެ.

މަޖިލީހުގައި ޖުމްލަ 87 މެމްބަރުން ތިއްބަވާއިރު، އެމްޑީޕީގެ މެމްބަރުގެ އަދަދަކީ، 65 އެވެ. އެ ޕާޓީއަތުގައި ސުޕަ މެޖޯރިޓީ އޮތް ނަމަވެސް، ޕާޓީ ތެރޭގައި ވަކި ވަކި ފެކްޝަންތައް ހެދި، ކޮންމެވެސް ވަރެއްގެ ބައިބައިވުން އޮވެ އެވެ.

comment ކޮމެންޓް