އޭއެފްސީގެ ހުރިހާ މެޗެއް ގަލޮޅު ދަނޑުގައި ކުޅެން ނިންމާ، ޝެޑިއުލް އާއްމު ކޮށްފި

ފެބްރުއަރީ 19، 2020: އޭއެފްސީ މުބާރާތުގެ ޕްލޭ އޮފުގެ ފުރަތަމަ ލެގުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސްއާ އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅުނު މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19ގެ ސަބަބުން މެދުކަނޑާލާފައިވާ އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ ހުރިހާ މެޗެއް ރާއްޖޭގައި ބާއްވަން ކުރި ބިޑު ކާމިޔާބު ކޮށްފައިވާ އިރު، ހުރިހާ މެޗެއް ގައުމީ ފުޓްބޯޅަ ދަނޑުގައި ބާއްވަން ނިންމައިފި އެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް އީގެ މެޗުތައް ހޯސްޓް ކުރުމުގެ ބިޑް ރާއްޖޭން ކާމިޔާބުކުރިއިރު މެޗުތައް ކުޅެން ހަމަޖެއްސީ ގަލޮޅު ދަނޑުގެ އިތުރުން އައްޑޫ ޒޯން ސްޓޭޑިއަމް އެވެ. އެއީ ފަހު ބުރުގެ ދެ މެޗު އެއް ގަޑިއެއްގައި ކުޅެން ޖެހުމުންނެވެ.

އެހެން ނަމަވެސް ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާތީއާ އެކު ވީހާވެސް ދަތުރު ފަތުރު މަދުކުރުމަށް ކަމާ ބެހޭ އިދާރާތަކުން ލަފާ ދީފައިވާތީ، އޭއެފްސީ އާއި އެފްއޭއެމުން ބޭއްވި މަޝްވަރާތަކަށް ފަހު މެޗުތައް ކުޅޭނީ ހަމައެކަނި ގަލޮޅު ދަނޑުގައި ކަމަށްވަނީ ކަނޑައަޅައިފަ އެވެ.

އަންނަ އޮކްޓޯބަރު މަހުގެ 23ން ނޮވެމްބަރު ހަތަރަކާ ދެމެދު މެޗުތައް ކުރިއަށްދާއިރު، މާލޭގައި މެޗުތައް ކުޅެން ހަމަޖެހިފައިވާ ދެ ގަޑި އަކީ ހަވީރު 3:30 އާއި ރޭގަނޑު 9:30 އެވެ. އެހެންކަމުން ހުރިހާ މެޗެއް ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިހާރު ވަނީ ނިންމާ ފައިނަލް ޝެޑިއުލް އާއްމު ކޮށްފަ އެވެ.

މިހާރު އޮތް ގޮތުން ބޭރުން އަންނަ ހުރިހާ ޓީމުތަކެއް ރާއްޖެ އައިސް 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހޭނެ އެވެ. އެޗްޕީއޭއިން މިފަހުން ނެރުނު ގައިޑްލައިންގައި ވާގޮތުން ބޭރުން އަންނަ މީހުންގެ ތެރެއިން ކަރަންޓީން ވާން ނުޖެހޭނީ ހަމައެކަނި ޓުއަރިސްޓް ވިސާގައި އައިސް ރިސޯޓްތަކަށް ދާ ފަތުރުވެރިންނެވެ.

މީގެ އިތުރުން ކޮވިޑްގެ ނުރައްކާ މިފަހުން އަނެއްކާވެސް ބޮޑުވުމާ އެކު ކުޅިވަރުތަކާއި، މުބާރާތްތަށް މަޑު ޖައްސާލުމަށް އެޗްޕީއޭއިން އެންގުމާ އެކު ގައުމީ ޓީމުތަކުގެ ޕްރެކްޓިސްތައް ވެސް މެދުކަނޑާލާފައިވާ އިރު އޭއެފްސީއަށް ވެސް ޓީމުތަކުގެ ޕްރެކްޓިސްތައް ވަނީ ފެށޭ ގޮތް ނުވެފަ އެވެ.

ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގައި މި ވަގުތު ވާދަކުރަމުން އަންނަނީ ރާއްޖޭގެ ދެ ޓީމު ކަމަށްވާ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ގްރޫޕްގައި މި ފަހަރު ރާއްޖޭގެ ދެ ޓީމެއް ވާދަކުރާއިރު، މީގެ ކުރިން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާޒިޔާ އާއި ޓީސީ ވަނީ މާޗު މަހު 12 ވަނަ ދުވަހު ވާދަކޮށްފަ އެވެ. އެ ދުވަހު ޓީސީ ނުކުތީ ބަންގްލަދޭޝްގައި އެ ގައުމުގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށެވެ. އަދި އިންޑިއާގައި މާޒިޔާ ވަނީ އެ ގައުމުގެ ޗެންނާއީ ސިޓީ އެފްސީއާ ދެކޮޅަށް ކުޅެފަ އެވެ.

comment ކޮމެންޓް