ރަޝިއާ ވެކްސިންގެ އެއް ބިލިޔަން ޑޯޒު ގަތުމަށް 20 ގައުމަކުން އޯޑަރުކޮށްފި

މޮސްކޯ (އޮގަސްޓް 12) : ކޮވިޑް-19 އާ ދެކޮޅަށް ރަޝިއާއިން އުފެއްދި ވެކްސިންގެ އެއްބިލިޔަން ޑޯޒު ގަތުމަށް 20 ގައުމަކުން އޯޑަރު ލިބިފައިވާ ކަމަށްވާ ރަޝިއާ ސަރުކާރުން ބުނެފި އެވެ.

ރަޝިއާގެ ކަމާ ބެހޭ މަސްއޫލުވެރިއެއްކަމަށްވާ ކިރިލް ޑިމިޓްރީވް ވިދާޅުވީ އެގައުމުން އުފެއްދި ވެކްސިން އަކީ ފުރިހަމަ އަދި ކާމިޔާބު ވެކްސިންއެއްކަން އިލްމީ ތަހްލީލްތަކާއި ތަޖްރިބާތަކުން މުޅިން ކަށަވަރުކުރެވިފައިވާ ކަމަށާއި ނަމަވެސް ވެކްސިން އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރުމުގެ ކުރިން ކުރަން ޖެހޭ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ އިން ރެކޮމެންޑްކުރާ އެންމެ ފަހުގެ ތަޖްރިބާ އަދި ނުކުރާކަމުގަ އެވެ.

އެއީ ވެކްސިންގެ ސައެންޓިފިކް އަދި ކްލިނިކަލް ތަޖްރިބާއެއް ނޫން ކަމަށާއި އެއީ ވިޔަފާރީގެ އުސޫލުން ގައުމުތަކަށް އެކްސްޕޯޓް ކުރަންފެށުމުގެ ކުރިން ކަޑައްތުކުރަން ޖެހޭ ރައްކާތެރިކަމުގެ މެކޭނިޒަމްގައި ހިމެނޭ ތަޖްރިބާއެއްކަމަށާއި އެތައް ހާސް ބަޔަކު ހިމަނައިގެން ކުރިއަށް ގެންދަން ޖެހޭ އެތަޖްރިބާ މިއަދު ފަށާނެ ކަމަށް ޑިމިޓްރީވް ވިދާޅުވި އެވެ.

މި ތަޖްރިބާއަށް ތިން ހަފްތާ އާއި ހަތަރު ހަފްތާއާ ދެމެދުގެ މުއްދަތެއް ބޭނުންވާއިރު ބޭރުގައުމުތަކުން ލިބިފައިވާ އެއް މިލިޔަން ޑޯޒަށް ބޭނުންވާ ވެކްސިން އުފައްދަން ފަށާނީ މި ތަޖްރިބާއަށް ފަހު އަންނަ ސެޕްޓެމްބަރު މަހުގެ މެދެއްހާ ހިސާބުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިއާގެ އެންމެ ކުރިއަރާފައިވާ ބޮޔޮމެޑިކަލް ރީސާޗް މަރުކަޒު ކަމަށްވާ "ގަމާލެޔާ ނެޝަނަލް ރިސާޗް ސެންޓަރު" ން އުފެއްދި ވެކްސިން އިންސާނުންގެ ގަޔަށް ޖެހުމުން އިންސާނުގެ ހަށިގަނޑުގައި ވަގުތުން އެންޓި ބޮޑީސް އާއި ޓީސެލްތައް އުފައްދަން ފަށާ ކަމަށާއި ކޮވިޑް-19 އާ އަދި ކޮރޯނާ ވައިރަސްގެ އެހެން ބާވަތްތަކުން ހަށިގަނޑު ފުރިހަމައަށް ދިފާއު ކުރެވޭވަރަށް އެންޓި ބޮޑީސް އާއި ޓީސެލްތައް ހަފްތާއެއްގެ ތެރޭގައި އުފައްދާކަން ކްލިނިކަލް ތަޖްރިބާތަކުން ކަށަވަރު ކުރެވިފައިވާކަން އެމަރުކަޒުގެ ސައެންޓިސްޓުން ވަނީ ކަށަވަރުކޮށް ދެއްވައިފަ އެވެ.

މިއާއެކު ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިންވަނީ އެއީ ސިއްހީ ގޮތުން ރައްކާތެރި ވެކްސިނެއްގެ ގޮތުގައި ރަޝިޔާގެ ސިއްޙަތާ ބެހޭ ވުޒާރާގައި އެވެކްސިން ރަޖިސްޓްރީ ކުރިކަން އިއްޔެ ކަށަވަރުކޮށް ދެއްވައިފަ އެވެ. ވެކްސިންގެ ރައްކާތެރިކަމާ ބެހޭ ތިން ވަނަ މަރުހަލާ ނުނިންމައި ރަޝިއާއިން މިވެކްސިން ރަޖިސްޓްރީކޮށް އަދި ރަޝިޔާގެ ބައެއް ރައްޔިތުންނަށް މިވެކްސިން އިއްޔެ ދިނުމުން އެމެރިކާއާ ޔޫރަޕްގެ ބައެއް ގައުމުތައްވަނީ މި ވެކްސިންގެ އިތުބާރު ގެއްލޭފަދަ ގޮތަކަށް ފާޑުކިޔައި އޭގެ އަގުވައްޓާލަން މަސައްކަތް ކޮށްފަ އެވެ.

ރަޝިޔާގެ މީޑީއާ ބުނާ ގޮތުން އެމެރިކާއާއި ޔޫރަޕްގެ ފާޑުކިޔުމުގެ ފަހަތުގައި ވަނީ ސައެންޓިފިކް ހަގީގަތެއް ނޫންނެވެ. ވިޔަފާރީގެ ވާދަވެރި ކަމެވެ.

އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އުފައްދާ ވެކްސިންތައް ދެވަނަ މަރުހަލާގައި އިންސާނުންގެ ގަޔަށްޖަހައި ޓެސްޓް ކުރުމުން އެންޓި ބޮޑީސް އާއި ޓީސެލްތައް އުފެއްދި ނަމަވެސް އެވެކްސިންތަކުން ކޮވިޑް-19 އާ އަދި ކޮރޯނާ ވައިރަސްގެ އެހެން ބާވަތްތަކުން ހަށިގަނޑު އެއްކޮށް ދިފާއު ކުރެވޭ ވަރަށް އެންޓި ބޮޑީސް އާއި ޓީސެލްތައް އުފައްދާފައިނުވާ ކަމަށް ވެއެވެ. ކްލިނިކަލް ތަޖްރިބާގެ ތިން ވަނަ މަރުހަލާއަކަށް ދާން އެގައުމުތަކަށް މަޖްބޫރުވީ އެކަމުގެ ސަބަބުން ކަމަށް ރަޝިޔާގެ ސައެންސްވެރިންނާ ހަވާލާދީ އެގައުމުގެ މީޑިއާ ބުނެ އެވެ.

ރަޝިއާގައި މިއަދު ފަށާއި ވެކްސިންގެ ތިން ވަނަ މަރުޙަލާގެ ތަޖްރިބާއަކީ އެފަދަ ސައެންޓިފިކް މަރުހަލާއެއް ނޫން ކަމަށާއި ކްލިނިކަލް ތިން ވަނަ މަރުހަލާ ދެ ވަނަ މަރުހަލާގެ ތެރެއިން ރަޝިއާ އަށް ކަޑައްތު ކުރެވިފައިވާ ކަމަށް އެގައުމުގެ ސައެންސްވެރިން ބުނެ އެވެ. އަދި ރަޝިއާއިން މިއަދު ފަށާ ތިންވަނަ މަރުހަލާގެ ތަޖްރިބާއަކީ ވިޔަފާރީގެ އުސޫލުން ގައުމުތަކަށް އެކްސްޕޯޓް ކުރަން ފެށުމުގެ ކުރިން ކަޑައްތުކުރަން ޖެހޭ ރައްކާތެރިކަމުގެ މެކޭނިޒަމްގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ހިމަނާފައިވާ ތަޖްރިބާއެއް ކަމަށް ވެސް ރަޝިޔާގެ މަސްއޫލުވެރިން ވިދާޅުވެ އެވެ.

ރަޝިއާގެ ވެކްސިންގައި ސައެންޓިފިކް އެއްވެސް މައްސަލައެއް ނޫޅޭކަން ކަށަވަރުކޮށް ދިނުމުގެ ގޮތުން ރައީސް ވްލަޑިމީރު ޕޫޓިންގެ އަންހެން ދެ ދަރިކަނބަލުންގެ ތެރެއިން އެއްބޭފުޅެއްގެ ގަޔަށް އިއްޔެ އެ ވެކްސިން ޖަހާފައިވާ އިރު ސައިޑް އިފެކްޓެއްގެ ގޮތުގައި އާދައިގެ ވަރަކަށް ހުން އައުން ފިޔަވައި އެހެން އެއްވެސް މައްސަލައެއް އޭނާގެ ހަށިގަނޑުން ނުފެންނަ ކަމަށް ރަޝިޔާގެ މަސްއޫލުވެރިން ވިދާޅުވި އެވެ. ޕޫޓިން ވެސް ވަނީ އެކަން ކަށަވަރުކޮށް ދެއްވައިފަ އެވެ.

ޕޫޓިން ވަނީ އެ ވެކްސިންގެ ސައިޑް އިފެކްޓުގެ ސަބަބުން އިން އިންސާނުންނަށް އެއްވެސް ގެއްލުމެއް ނުލިބޭކަމާއި އޭގެ ސަބަބުން ހަށިގނޑުގައި ކޮރޯނާ ވައިރަސް އާ ދެކޮޅު އިމިއުނިޓީ އުފެދޭކަން ސައެންޓިސްޓުން ކަށަވަރުކޮށްދީފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ އިން ވެސް ރަޝިޔާގެ ވެކްސިންގެ އިލްމީ ހަގީގަތާއި އޭގެ ގާބިލްކަމަށް އެއްވެސް ޝައްކެތް ނުކުރެ އެވެ. ނަމަވެސް ވެކްސިން ރެޖިސްޓްރީ ކޮށްފައި ވަނީ ވެކްސިން ވިޔަފާރީގެ ގޮތުން އުފައްދަން ފެށުމުގެ ކުރިން ކުރަން ޖެހޭ ތިން ވަނަ ތަޖްރިބާ ނުކޮށް ކަމަށްވާތީ އެޖަމްއިއްޔާގެ ހިތްހަމަނުޖެހުން އެމައްސަލާގައި ރަޝިއާގެ ވެކްސިން އަށް އެބައޮތެވެ. އެކަން ހައްލުކުރުމަށް ޓަކައި ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާގެ މަސްއޫލުވެރިން ގެންދަނީ ރަޝިއާ އާ ވާހަކަ ދައްކަމުންނެވެ.

އެމެރިކާ އިން ވަނީ ރަޝިއާގެ ވެކްސިންގެ ސަލާމަތާ މެދު ޝައްކު އުފައްދައިފަ އެވެ. އެމެރިކާގެ ހެލްތު ސާވިސް އާ ބެހޭ އިދާރާގެ ސެކްރެޓަރީ ޖެނެރަލް އެލެކްސް އަޒާ ވަނީ ވެކްސިންގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމުގައި ރަޝިއާ މާބޮޑަށް އަވަސް އަރުވާލައިގެން އުޅޭކަމަށް ތުހުމަތު ކުރައްވައިފަ އެވެ. ނަމަވެސް ރަޝިއާގެ ވެކްސިންގައި އުޅޭނެކަމަށް ބެލެވޭ އެއްވެސް ސައެންޓިފުކް މައްސަލައެއް އަދި އެވެކްސިން ޖެހުމުން ކުރިމަތިވާނެ ސިއްޙީ މައްސަލައެއް އަޒާއަށް ހާމަކޮށް ދެވިފައެއް ނުވެ އެވެ.

ރަޝިއާގެ ވެކްސިން އަށް ދީފައިވާ ނަމަކީ "ސްޕޮޓްނިކް ވީ" އެވެ. އެއީ ރަޝިޔާ ނިސްބަތްވި ކުރީގެ ރޫސީވިލާތް (ސޮވިއެޓް ޔުނިޔަން) އިން އުފައްދައި ޖައްވަށް އެންމެ ފުރަތަމަ ފޮނުވާލި ސެޓަލައިޓްގެ ނަމެވެ. އެމެރިކާގައި ސެޓަލައިޓް އުފެއްދުމުގެ ރީސާޗު ވެސް ނުފަށާ ދުވަސްވަރެއް ކަމަށްވާ 1957 ވަނަ އަހަރު ސޮވިއެޓް ޔުނިޔަން އިން ދުނިޔެއަށް ކުއްލި ގޮތަކަށް ސެޓަލައިޓެއް ފޮނުވުމުން އެމެރިކާއަށް ވަނީ ކުއްލި ސިހުމެއްލިބިފަ އެވެ.

އެމެރިކާއިން ސެޓަލައިޓެއް އުފައްދަން މަސައްކަތް ފެށީ ވެސް އެއަށްފަހު އެވެ. އެ ސެޓަލައިޓަކީ ރައްކާތެރި އެއްޗެއް ނޫންކަމާ އެސެޓަލައިޓް އޮބިޓުން ކައްސާލައި ދުނިޔެއަށް ވެއްޓި ދުނިޔެއަށް ނުރައްކާތެރިވާނެކަމުގެ އިންޒާރު އެދުވަސްވަރު އެމެރިކާއިން ތަކުރާރުކޮށް ދެމެން ގެންގޮސް ރަޝިއާގެ ޓެކްނޮލޮޖީގެ އަގު ވައްޓާލަން މަސައްކަތް ކުރިނަމަވެސް އެފަދަ އެއްވެސް ހާދިސާއެއް ރަޝިޔާގެ ސެޓަލައިޓަށް ކުރިމަތިވެފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް