ޖޯ ބައިޑެންގެ ރަނިން މޭޓަކަށް ކަމަލާ ހެރިސް

އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން ވަނީ އޭނާގެ ރަނިން މޭޓަކަށް ކަމަލާ ހެރިސް ހިޔާރު ކުރައްވާފަ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (އޮގަސްޓު 13): އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑެސީ ގާތްގަނޑަކަށް ޔަގީން ކުރައްވާފައިވާ އެގައުމުގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންގެ ރަނިން މޭޓަކީ ސެނެޓަރު ކަމަލާ ހެރިސްކަން އިއުލާންކޮށްފި އެވެ.

އެމެރިކާގެ ނައިބު ރައީސް ކަމަށް ވާދަ ކުރައްވާ އެންމެ ފުރަތަމަ ކަޅު ނަސްލުގެ އަންހެނަކަށްވެ ވަޑައިގެންފައިވާ ހެރިސްއަކީ ޑިމޮކްރެޓިކް ޕާޓީގެ މިއަހަރުގެ ރިޔާސީ ޓިކެޓު ހޯއްދަވަން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް އޭނާގެ ކެމްޕެއިނަށް ބޭނުންވާ ވަރަށް ފައިސާ ނުލިބުމުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ކެމްޕެއިން ނިންމަވާލެއްވި އެވެ.

ކެލިފޯނިއާގެ ސެނެޓަރެއް އަދި ކުރީގެ އެޓާނީ ޖެނެރަލް ކަމަށްވާ ހެރިސް ރަނިން މޭޓަކަށް ހިޔާރު ކުރެއްވިކަން ޓުވިޓާ މެދުވެރިކޮށް އިއުލާން ކުރައްވުމުން ބައިޑެން ވަނީ އެއީ އޭނާއަށް ލިބިލައްވާ "ވަރަށް ބޮޑު ޝަރަފެއް" ކަމަށް ވިދާޅުވެފަ އެވެ. އަދި ހެރިސް އަކީ އާއްމު ރައްޔިތު މީހާއަށްޓަކައި ބިރެއް ނެތި މަސައްކަތް ކުރައްވާ، އެގައުމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިވިލް ސާވެންޓުގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

މީގެ އިތުރުން ކެލިފޯނިއާގެ އެޓާނީ ޖެނެރަލްގެ ގޮތުގައި ހެރިސް މަސައްކަތް ކުރެއްވި އިރު ބައިޑެންގެ ދަރިފުޅު އަދި ޑެލަވެޔާގެ ކުރީގެ އެޓާނީ ޖެނެރަލް ބޯ ބައިޑެެންއާ އެކު ހެރިސް މަސައްކަތް ކުރެއްވިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑު ބަލަން ހުރިން [ބޯ އާއި ހެރިސް] ބޮޑެތި ބޭންކުތަކާ ކުރިމަތިލާ، މަސައްކަތް ކުރާ މީހުން ބާރުވެރިކޮށް، އަންހެނުންނާއި ކުޑަކުދިން އަނިޔާއިން ރައްކާތެރި ކުރި މަންޒަރު. އަޅުގަނޑު އޭރު ވެސް ފަހުރުވެރިވި އަދި މި ކެމްޕެއިންގައި އަޅުގަނޑުގެ ބައިވެރިއަކީ އެއީކަން މިހާރު ބުނަން ފަހުރުވެރިވޭ،" ބައިޑެން ވިދާޅުވި އެވެ.

ބައިޑެންގެ އެންމެ ދޮށީ ދަރިފުޅު ކަމަށްވާ ބޯ ވަނީ ކެންސަރު ބަލީގައި 2015 ވަނަ އަހަރު އަވަހާރަވެފަ އެވެ.

ބައިޑެންގެ ރަނިން މޭޓު އިއުލާން ކޮށްފައި ވަނީ އޭނާ ރަސްމީކޮށް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަމަށް އައްޔަން ކުރާނެ ޑިމޮކްރެޓިކް ކޮންވެންޝަން އަންނަ ހޯމަ ދުވަހުން ބުރާސްފަތި ދުވަހަށް ބާއްވަން ތައްޔާރު ވަމުންދާ ދަނޑިވަޅެއްގަ އެވެ. އެ ކޮންވެންޝަންގައި ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް ވާހަކަ ދައްކަވާނެ އެވެ.

އެމެރިކާގައި އަންނަ ނޮވެމްބަރު ތިނެއްގައި ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ބައިޑެން އާއި ހެރިސްއާ ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަ ކުރައްވާނީ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނައިބު ރައީސް މައިކް ޕެންސް އެވެ.

comment ކޮމެންޓް