މިޔަންމާގެ ޖަރީމާތަކާ ގުޅުން ހުރި ހެކި ފޭސްބުކުން ހިއްސާ ނުކުރޭ: އދ

މިޔަންމާގައި ހިންގި ޖަރީމާތަކުގެ ސަބަބުން އެތައް ހާސް ރޮހިންގާއިންނަށް އެގައުމު ދޫކޮށް ދާން މަޖުބޫރުވި -- ފޮޓޯ: ރޮއިޓާސް

އދ. (އޮގަސްޓު 12): މިޔަންމާގައި ހިންގާފައިވާ ޖަރީމާތައް ތަހުގީގު ކުރުމުގައި އދ.ގެ ކަމާ ބެހޭ ތަހުގީގީ އިދާރާއަށް އެއްބާރުލުން ދޭނެ ކަމަށް ފޭސްބުކުން ބުނި ނަމަވެސް، އެ ތަހުގީގުގައި ބޭނުން ކުރެވިދާނެ ހެކި ފޭސްބުކުން ނުދޭ ކަމަށް އދ. އިން ބުނެފި އެވެ.

އދ.ގެ އިންޑިޕެންޑެންޓް އިންވެސްޓިގޭޓިވް މެކޭނިޒަމް އޮން މިޔަންމާ (އައިއައިއެމްއެމް)އިން ބުނި ގޮތުގައި އެގައުމުގައި ހިންގާފައިވާ ޖަރީމާތަކާ ގުޅުން ހުރި "މުހިއްމު އަދި ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ ފަދަ މައުލޫމާތުތަކެއް" ފޭސްބުކަށް ލިބިފައިވެ އެވެ. ނަމަވެސް ފާއިތުވި އަހަރު ދުވަހު ބޭއްވި މަޝްވަރާތަކުގައި އެ ކުންފުނިން ވަނީ އެ މައުލޫމާތު ހިއްސާ ކުރަން ދެކޮޅު ހަދައިފަ އެވެ.

"އަދި މިހާތަނަށް ފޭސްބުކުގެ ފަރާތުން އައިއައިއެމްއެމް އަށް އެއްވެސް އެއްޗެއް ލިބިފައި ނުވޭ، ނަމަވެސް މަޝްވަރާތައް އަދިވެސް ދަނީ ބާއްވަމުން އަދި އަޅުގަނޑު އުއްމީދު ކުރަން ކުރިއަށް އޮތް ތަނުގައި އެ މުހިއްމު ހެކިތައް ލިބޭނެ ކަމަށް،" އައިއައިއެމްއެމްގެ ވެރިޔާ ނިކޮލަސް ކުމްޖަން ވިދާޅުވި އެވެ.

މިޔަންމާގައި ހިންގާފައިވާ ބައިނަލްއަގުވާމީ ޖަރީމާތަކާ ބެހޭ ހެކި ހޯދުމަށް ޓަކައި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން އައިއައިއެމްއެމް އެކުލަވާލީ 2018 ވަނަ އަހަރުގަ އެވެ.

ފޭސްބުކުން އދ.އާ ހިއްސާ ކުރަން ދެކޮޅު ހަދަނީ ކޮން ހެއްކެއް ކަމެއް އައިއައިއެމްއެމްއިން ނުބުނެ އެވެ. ނަމަވެސް މިދިޔަ ހަފްތާގައި އެ ކުންފުނިން ވަނީ މިޔަންމާގެ އަސްކަރިއްޔާ އާއި ފުލުހުންގެ މެމްބަރުންތަކެއް ފޭސްބުކުގައި ހިއްސާ ކުރި ޕޯސްޓުތަކާއި ދެއްކި ވާހަކަތަކެއް ހާމަ ކުރަން ދެކޮޅު ހަދާފަ އެވެ. އެ މައުލޫމާތު ހޯދަން މަސައްކަތް ކުރީ، މިޔަންމާއިން 2017 ވަނަ އަހަރު އެގައުމުގައި ގަތުލްއާންމެއް ހިންގި ކަމަށް ބުނެ އެ މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅާފައިވާ ގެމްބިއާއިންނެވެ.

މިޔަންމާގެ އަސްކަރިއްޔާއިން އޮގަސްޓު 2017ގައި، ގިނަ އަދަދެއްގެ ރޮހިންގާއިން ދިރިއުޅޭ ރާހީން ސްޓޭޓުގައި ފެށި އަނިޔާވެރި އަސްކަރީ އޮޕަރޭޝަނުގައި ބައެއް އަވަށްތައް އެއްކޮށް އަންދާލައި، އާންމު ރައްޔިތުންނަށް އަނިޔާކޮށް، ރޭޕްކުރިކަމަށް އދ.ގެ އިންވެސްޓިގޭޓަރުން ބުނެ އެވެ. އޭގެ ސަބަބަބުން އެތައް ހާސް ރޮހިންގާއިންނަށް މިޔަންމާ ދޫކޮށް ދާން މަޖުބޫރުވި އެވެ. އަދި އދ.އިން ވަނީ އެއީ ނަސްލެއް ނެތިކޮށްލުމުގެ ގޮތުގައި ސިފަކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް