"އޭނަ އަހަރެން ދޫކޮށްލާފަ ދަމުން އަހަންނާ ދިމާލަށް ކީ އެއްޗެހި ދުވަހަކުވެސް މި ހިތަކުން ނުފިލާނެ. މިއަދު އަހަރެންގެ ހިތުގައި އޭނާއާ ދޭތެރޭ ނަފްރަތު އޮތަސް އެ ބަސްތަކުގެ ސަބަބުން އަހަރެންގެ އަރުގައި ލީ ހިތި ރަހަ އެތައް ދުވަހެއް ވަންދެން އަހަރެންގެ އަރުގައި ލި. ޒީއާ ދިމާވަންދެން ވެސް. އެންމެ ފުރަތަމަ ޒީއާ ދެމެދު އުފެދުނު އިޙްސާސްތައް ހިންދައިލަން އަހަރެން އެހާ މަސައްކަތް ކުރީ އެހެންވެ." އަރްޒަން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ޒީޝާންގެ ހިތުގައި އުފެދިގެން އުޅޭ ސުވާލުތަކަށް ޖަވާބު ދެވޭތޯ އަރްޒަން މަސައްކަތް ކުރިއެވެ.

"ޒީ... އަހަރެ.."

"އައި ބިލީވް ޔޫ..." އަރްޒަންގެ ވާހަކަ ވަކި ހިސާބަކުން މެދު ކަނޑައިލުމަށްފަހު، އަވަސް އަވަހަށް ޒީޝާން ބުނެލިއެވެ. ޒީޝާން ބުނި ވާހަކަ ޤަބޫލުނުކުރެވޭފަދަ ގޮތަކަށް އަރްޒަންއަށް ބުމަ އަރުވައިލެވުނެވެ. އިތުރަށް ޔަޤީން ކޮށްދިނުމުގެ ގޮތުން ޒީޝާން ބޯ ޖަހައިލިއެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކޮށްލަމުން ޒީޝާން އަރްޒަންގެ އަތުގައި ހިފައްޓައިލިއެވެ. އޭނާ ގޮނޑީގައި އޭނާގެ ގާތުގައި އިން ޖާގައިގައި އަތް ޖައްސައިލަމުން އަރްޒަން ގާތު އިށީނުމަށް ބުނެލިއެވެ.

ޒީޝާންގެ އެއް ފަރާތުގައި އިށީނދެލުމަށްފަހު، އަރްޒަން ޒީޝާންގެ އެއް އަތުގައި ހިފައްޓައިލިއެވެ. އެއަށްފަހު އޭނާ އެއަތަށް ބާރުކޮށްލިއެވެ.

"އަހަންނަށް އިތުބާރުކުރެވޭތަ؟" އަރްޒަންގެ ސުވާލާއެކު ޒީޝާން ބޯ ޖަހައިލިއެވެ.

"އަހަރެން ޙަޔާތަށް އައި އެންމެ ފުރަތަމަ އަންހެން ކުއްޖަކީ ބަތޫލް. އެއަށްފަހު ޒީ..." އަރްޒަން އަނެއްކާ ވެސް އެ މައުޟޫއަށް ވާހަކަ ފެށިއެވެ. ޒީޝާން އެކަން ހުއްޓުވަން އުޅުމުން ވެސް އަރްޒަން ބުނީ އޭނާ އެ ދެމެދުގައި އެފަދަ ކަމެއް ސިއްރުކޮށްފައި ބާއްވަން ނޭދޭކަމުގައެވެ. ކޮންމެވެސް ވަރަކަށް މާޒީގެ ވާހަކަތައް އަރްޒަން ކިޔައިދިނެވެ. އޭނާ ބުނީ އޭނާއާއި ޒީޝާންއާ ދެމެދުގައި އެކަމާ ގުޅުވައިގެން އިތުރު މައްސަލައެއް ޖެހެން ބޭނުންނުވާ ކަމުގައެވެ.

އެކަމުން އެކަނި ވެސް އަރްޒަން އެ ގުޅުމާމެދު ކިހާ ސީރިއަސްކަން ޒީޝާންއަށް ފަހުމްވެގެން ދިޔައެވެ. އެއާއެކު އޭނާއަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވިގެން ދިޔައެވެ. މާފަށް އެދެމުން ޒީޝާން އިސްޖަހައިލިއެވެ. ޒީޝާންގެ އިސް އުފުލުވައިލަމުން އަރްޒަން ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލިއެވެ.

ދެމެދުގައި އޮތް ނުތަނަވަސްކަމާއި، ޝައްކާ ވަހުމުގެ ބޯ ފާރު ފުނޑުފުނޑުވެ، އެ ދެމެދުގައި ކުރިލާ ހެދެން ފެށި ލޯބި އިތުރަށް ފުންވެގެން ދިޔައެވެ. އެކަކު އަނެނަކަށް ކުރާ އިތުބާރު ދެގުނަވެގެން ދިޔައެވެ. ދެމީހުން ވެސް އެރޭ އަޒުމެއް ކަނޑައެޅިއެވެ. ދިމާވާ ކޮންމެ ކަމެއްގައި ހަޤީގަތް ނުބަލާ ގޮތެއް ނުނިންމުމަށެވެ. ވާހަކަ ދައްކައިގެން ހައްލުކުރުމަށެވެ. ދެމީހުންގެ ދެމެދުގައި އިތުބާރާ ލޯބި ދެމެހެއްޓޭނީ އެގޮތަށް ކަމުގައި ވާތީއެވެ. އަދި އެ ދެމެދުގައި އޮތް އިތުބާރު ވަރުގަދެވެގެން ދާނީ ވެސް އެހެން ކަމުގައި ދެމީހުންނަށް ޤަބޫލުކުރެވުނީތީއެވެ.

އެދަތުރަކީ ދެމީހުން ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވި ދަތުރެއްކަމުގައި ވިއެވެ. ބާޒާރުކުރަން ގޮސް އުޅުމުގެ ތެރޭގައި އަރްޒަން ޒީޝާންގެ އަތުގައި ހިފައްޓައިލަމުން އެހެންމީހުންނާ ތަންކޮޅެއް ދުރަށްޖެހިލިއެވެ. އެފަދަ ފުރުސަތަކަށް ބަލަބަލައި ހުރި ޒޭބާ އޭނާގެ ފޯނުގައި އެ މަންޒަރު ރައްކާކޮށްލިއެވެ. ތުންފަތުގައި ދުވެލި ވިހަގަދަ ހިނިތުންވުމާއެކު އޭނާ އެ ދެމީހުންނަށް ބަލައިލިއެވެ.

އެނބުރި ހޮޓެލަށް އައިސް އޭނާ އެ ފޮޓޯގަނޑު ރާކިންއަށް ފޮނުވައިލިއެވެ. އެއަށްފަހު ރާކިން އަދިވެސް ޒީޝާންއަށް އިންތިޒާރު ކުރާނީތޯ ސުވާލުކޮށްލިއެވެ. ރާކިން އެ މެސެޖު ބެލިކަން ޒޭބާއަށް އެނގުނެވެ. ރާކިންގެ ފަރާތުން ޖަވާބެއް ނައިކަމުގައި ވިޔަސް އެކަން އެގޮތަށް ކުރެވުމުން އެކަނިވެސް އޭނާގެ ހިތަށް ހިންހަމަޖެހުން ލިބުނެވެ. ފަހަރުގައި އެ ފެނިފައިވެސް ރާކިން ޒީޝާންމަތިން އުންމީދު ކަނޑައިލާ ފޫހިވެދާނެއެވެ. އެހެންވެއްޖެ ކަމުގައި ވާނަމަ ފަހަރެއްގައި އޭނާއަށް ރާކިންގެ ޙަޔާތުން ޖާގައެއް ލިބިދާނެއެވެ. ހުވަފެނީ ދުނިޔެއަކަށް ގެއްލިފައި ހުރި ޒޭބާ އައިސް އެނދުމައްޗަށް ވެއްޓިގަތެވެ. ފޯނަށް އިރުއިރުކޮޅަކާ ބަލައިލެވެނީ ރާކިންގެ ފަރާތުން ކޮންމެވެސް ޖަވާބެއް އޭނާއަށް ލިބޭނެކަމަށް އުންމީދު ކުރެވޭތީއެވެ. އެހިތް ރާކިންއަށްޓަކައި ބޭޤަރާރު ވެފައި ވާވަރު ރާކިންއަށް އެނގޭނެނަމައެވެ.

*****

އާރާއާ މެދު އުފެދިގެން އުޅޭ އިޙްސާސްތައް ބާރުގަދަ ނަމަވެސް އަދިވެސް އާރާގެ ޙާލަތު އިޙްސާސްކުރެވޭތީ ޖިނާންއަށް އޭނާގެ ހިތުގެ ޙާލު އާރާގެ ކުރިމަތީގައި ބަންޑުން ކޮށްލާކަށް ނުކެރެއެވެ. ދެވަނަ ފަހަރު އާރާ އެހެން މީހަކަށް ލިބޭކަށް އޭނާ ނޭދެއެވެ. އެހެންނަމަވެސް އެ ހިތުގެ ހާލު އާރާ ގާތު ބުނާނެހާ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ހިތްވަރުކޮށްފައި ޒީޝާން ގާތު އެ ވާހަކަ ދައްކަން އެންމެ ފަހުން ޖިނާން ނިންމިއެވެ. އޭނާގެ ހިތުގައި އާރާއާމެދު އިންތިހާ ލޯބިވެއެވެ. އެ ވާހަކަ އޭނާ ކޮންމެވެސް މީހަކާ ހިއްސާކުރަން ބޭނުމެވެ. އެހެންނޫނީ އޭނާ މޮޔަވެދާނެއެވެ. އަމިއްލަ މީހާގެ ފިނޑިކަމާ ހެދިވެސް ޖިނާން އަމިއްލަ ނަފުސަށް މަލާމާތްކުރެއެވެ. ބިރުގަންނަނީ އޭނާގެ ހުށައެޅުމާ އާރާ ދެކޮޅުހަދާފާނެތީއެވެ. އެ ދެމެދުގައި އޮތް އެކުވެރިކަން ފުނޑުފުނޑުވެދާނެތީއެވެ.

އާރާއާ ދެމީހުން ގަމަށް ކުރި ކުރި ދަތުރުގައި ވެސް ދެމީހުން އުޅުނީ އެހާ އެކީގައެވެ. އާރާއާ އެކު އެކަނިވާ ކޮންމެ ވަގުތެއްގައި އޭނާގެ ހިތުގެ ޙާލު ބަޔާން ކުރުމަށް އޭނާގެ ހިތް ބާރު އެޅި ނަމަވެސް, އެކަން ކުރުމަށް އޭނާގެ ސިކުނޑި ތަން ނުދެނީއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން, އަދިވެސް އާރާއަށް އޭނާގެ ހިތުގައި ހިނގާ ޖަޒުބާތުތަކުގެ ކުޑަވެސް ހިލަމެއް ނުވެއެވެ.

"އާރޫ. ބައިދަވޭ... ރަފްހާންއާއެކު އެ ރިލޭޝަން ނިންމައިލުމަށްފަހު، ދެން އިތުރު ރިލޭޝަންއަކަށް ދާކަށް ޚިޔާލެއް ނުކުރަންތަ؟ ފަހަރެއްގައި އެހެން މީހެއްގެ އެހީތެރިކަމާއެކު ވެސް ތި ޚިޔާލްތަކާ ދުރުވެދާނެ. އަދި އާރޫ އެހެން މީހެއްގެ ހައްޤަކަށްވީމަ ރަފްހާން ފޫހި ވެސް ވެދާނެއެއްނު!" ޖިނާން, އާރާ އާ ދެމެދު ދެކެވުނު ވާހަކައެއްގެ ތެރެއިން އަހައިލިއެވެ. އޭނާގެ މަޤްސަދަކަށްވީ, އާރާގެ ވިސްނުން ހުރި ނެތްގޮތެއް ބަލައިލުމެވެ.

"ކޮންމެ ކޮންމެ މީހަކާ އެކީ ރިލޭޝަންއަކަށް ހަމަ ހުރެހުރެފަ ދިޔުން ވެސް އެހާ ފަސޭހައެއް ނޫން... އަނެއްކޮޅުން ދެވަނަ ފަހަރަށް ވެސް މި ކަހަލަ ލަނޑެއްލިބިދާނެ... އެހާ އަވަހަށް އަނެއްކާ ރިލޭޝަންއަކަށް ދާން ރަނގަޅުވާނެބާއޭ ވެސް ހިތަށް އަރާ..." އާރާ ހިނިތުންވެލަމުން ބުނެލިކަމުގައި ވިޔަސް, އެހިނިތުންވުމުގެ ފަހަތުގައި ވަނީ ވޭނާ ހިތާމައެވެ. އުދާސްކަމާއި, ކަންބޮޑުވުމެވެ. އެ ހިނދު ޖިނާން, އޭނާގެ ހިތުގެ ޙާލު އާރާގެ ކުރިމަތީގައި ބަނޑުންކޮށްލަން ބޭނުންވި ނަމަވެސް އޭނާ ކެތް ތެރިވިއެވެ.

*****

އެއާރޕޯޓް މަސައްކަތް ނިންމައިލާފައި, ގެއަށް ދާންވެގެން ނުކުތްތަނާ ކަމާލުގެ ފޯނަށް ޖައުފަރު ގުޅިއެވެ.

"އަހަރެން ބުނީމެއްނު ހޯދަން ޖެހޭ ބައެއް އެއްޗެހި ހުންނާނެޔޭ... " ޖައުފަރު ބުނެލިއެވެ.

"ކޯންޗެއް ބޭނުންވަނީ؟ އަވަހަށް ބުނޭ!!..." ކަމާލު އަހައިލިއެވެ.

"އަހަރެން ބޭނުންވޭ އޭނާގެ އާއިލާމީހުންނާ ބެހޭ މައުލޫމާތު. ބޮޑަށް ރަނގަޅީ މަންމަގެ މައުލޫމާތު. ދެން އޭނާ ގެންގުޅޭ ކޮންމެވެސް އެއްޗެއް... ނޫނީ އޭނާގެ އިސްތަށި... ލިބޭނެތަ މިއެއްޗެހި؟" ޖައުފަރު ސުވާލުކޮށްލިއެވެ.

"ނަމާ އެއްޗެހި ހޯދިދާނެ. އެކަމަކު އަހަރެން ކިހިނެއް އޭނާގެ އެއްޗެއް ހޯދާނީ؟..." ކަމާލު ވިސްނިއެވެ.

"ކޮންމެ ގޮތަކުންވެސް މި އެއްޗެހި ބޭނުންވާނެ!"

"އާނ... ބަލާނަން. އިތުރު އެއްޗެއް ބޭނުންވާނެތަ؟" ކަމާލު ސުވާލުކޮށްލިއެވެ.

"އާނ...ކުރީ ފަހަރެކޭ އެއްގޮތަށް ކުކުޅެއް ބޭނުންވާނެ. އިތުރު ކަމެއް ބޭނުންވަންޏާ އަހަރެން އަންގައިލާނަން!" ޖައުފަރު ފޯނު ބޭއްވިއެވެ.

ކަމާލުއާ ވާހަކަ ދައްކައިލާފައި އެނބުރިލި ވަގުތު ޖައުފަރަށް، އޭނާގެ ގާތުން ބާރު ވައިރޯޅިއެއް ދިޔަކަމުގެ އިޙްސާސްކުރެވުނެވެ. އެ ހިނދު، މޭޒުމަތީގައި ހުރި ގަނޑުތައް ވެސް ވަޔާ ތަންތަނަށް ބުރައިގެން ދިޔައެވެ. އޭނާއަށް ބަލައިލެވުނީ ކުޑަ ދޮރާ ދިމާލަށެވެ. ދޮރު ހުރީ ލައްޕާފައެވެ. ވަށައިގެން ބަންދުވެފައި ހުރި އެ ގޭތެރެއަށް އެފަދަ ވައިރޯޅިއެއް ޖެހުމުގެ އެއްވެސް ސަބަބެއް ނެތެވެ. ވީ ކީއްކަން ޖައުފަރަށް ދެނެގަނެވުނެވެ. ދޫކޮށްލި ފުން ނޭވާއާއެކު އޭނާ ހަމަޖެހިލިއެވެ. އެމޫނުމައްޗަކުން ކަމަކާ ކަންބޮޑުވެފައި ހުރި ކަމުގެ އެއްވެސް އަލާމާތެއް ނުފެނެއެވެ.

މޭޒުދޮށަށް ޖެހިލައި އޭނާ އެތަނުގައި ހުރި ފުޅި ބައްތީގެ އެހީގައި އެތަނުގައި ހުރި ގަނޑުތަކަށް ބަލަން ފެށިއެވެ. އަދި ތަޅުން މައްޗަށް ވެރުނު ގަނޑުތައް ނަގާ އެ ތަރުތީބުކުރަން ފެށި އެވެ.

*****

އެރޭ ހަތަރު ދަމުވެސް ކަމާލު ވިސްނީ ޖައުފަރު އެބުނި އެއްޗެއް ހޯދާނެ ގޮތަކާ މެދުގައެވެ. އޭނާގެ ނަސީބު އަތުގައި ހިފީ ކަންނޭގެއެވެ. އޭގެ އަނެއްދުވަހު މާ ބޮޑު މަސައްކަތަކާ ނުލާ އޭނާ އެބޭނުންވާ ކަންތައްވެސްވާ ގޮތް ވެއްޖެއެވެ.

އެމަރޖެންސީކޮށް ބޯޓެއް ޖައްސަން ޖެހުމުން އެތެރެ އިރުގަނޑަކަށް ހަލަބޮލިވިނަމަވެސް ކަންތައްތައް ހަމައަކަށް އެޅިލުމާއެކު، ކަމާލަށްވެސް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

އޭނާ ރައުދާ އިން މޭޒު ކައިރިއަށް ޖެހިލިއިރު ރައުދާ އިނީ ފޯނެއްގައެވެ. އެކޮޅުން ކުރި ސުވާލުގެ ޖަވާބުގައި ހުސްކޮށް ހުރި ގޭޓުގެ ނަންބަރު ބުނެލުމަށްފަހު، ރައުދާ ފޯނު ބޭއްވިއެވެ. ފަހަތުގައި މީހަކު ހުރިފަދަ އިޙްސާސްއާއެކު ރައުދާ ފަހަތް ބަލައިލިއެވެ. އަތުގައި އޮތް ގަލަން މޭޒުމަތީގައި ބާއްވައިލި ރައުދާ، ކަމާލަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

"ނައިސް ޕެން..." ކަމާލު ބުނެލިއެވެ. ލިޔެލާގެ ފަރުމާހުރި އެ އެގަލަން ޖައުފަރަށް ރީތިވިއެވެ. ހަޤީގަތުގައި އޭނާ ބޭނުންވީ ރައުދާ އާ ވާހަކަދައްކައިލާށެވެ. އެހެންވެ ކޮންމެވެސް ވާހަކައެއް ފެށީއެވެ.

"އާނ... އެއީ އަޔާންގެ ގަލަމެއް. އިއްޔެ އޮޅިގެން ގެނެވިފަ!" ރައުދާ ފޮރުވުމެއްނެތި ބުނެލިއެވެ. ވަގުތުން އެ ގަލަމަށް ކަމާލުގެ ނަޒަރު ހުއްޓުނެވެ. އޭނާގެ ވިސްނުން އެކި ގޮތްގޮތަށް އެނބުރެން ފެށިއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އެގަލަން އޭނާ އެބަ ނަގަން ޖެހެއެވެ. ކަމާލުގެ މަކަރުވެރިކަން އެއްވެސް ވަރަކަށް ރައުދާއަކަށް ރޭކާނުލައެވެ. އޭނާ އެގަލަން ރަނގަޅަށް ޖައުފަރަށް ދައްކައިލިއެވެ. އެއަށްފަހު، އެ މޭޒުމަތީގައި ބާއްވައިލިއެވެ.

ކަމާލު ފުރުޞަތުގެ ބޭނުންހިފީ ރައުދާ ކާން ދިޔަ ގަޑީގައެވެ. ސިއްރު ސިއްރުން އެ ގަލަން އޭނާ ނެގިއެވެ. އެއަށްފަހު ޖީބަށްލަމުން އެއްމިޔަކުން ހީލިއެވެ.

"އޭނަ އަދި ކަލޭ ވަރިކުރިޔަސް މިހިސާބުން މި ކުޅިގަނޑެއް ނުނިމޭނެ. އޭނަ ޖެހޭނީ މަރުވެސް ވާން! އެއަށްފަހު ރައުދާވާނީ އަހަރެންގެ މީހަކަށް... ހެހެ. ހަމައެކަނި އަހަރެންގެ..." ކަމާލަށް މަޑުމަޑުން ވާހަކަ ދެކެވުނެވެ. އެކަން ދެނެގަނެވި އޭނާ ވަށައިގެން ބަލައިލިއެވެ. ނަސީބަކުން މީހަކަށް އަޑު އިވުނުހެނެއް ހިޔެއްނުވެއެވެ. ކަމާލު އައިސް އޭނާގެ މޭޒު ދޮށުގައި އިށީނދެ ކޮންޕިއުޓަރަށް ނަޒަރު ހުއްޓައިލިއެވެ.

*****

އެއާރޕޯޓުން އަރްޒަންއާ ޒީޝާންއާ، ދެމީހުން ނުކުތީ ދާދި އެކުއެކީގައެވެ. އެވަގުތު އަރްޒަންގެ ފޯނަށް މެސެޖެއް އައުމާއެކު، އޭނާ ފޯނު ބަލައިލިއެވެ. މެސެޖުގައި ލިޔެފައިވާ އެއްޗެއް ފެނި، އަރްޒަންއަށް ދެބުމަ ގާތް ކޮށްލެވުނެވެ. އަރްޒަންގެ މޫނަށް ބަލަން ހުރި ޒީޝާންއަށް، ރީތިކޮށް އަރްޒަންއަށް، އައި ބަދަލު ފާހަގަ ކުރެވުނެވެ.

ޒީޝާންއަށް ބަލައިލި އަރްޒަން އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލަމުން އެ އަސަރު ނިކަން އަވަސްއަވަހަށް ފޮރުވައިލިއެވެ. އެއީ ބަތޫލްގެ މެސެޖެކެވެ. އޭގައި އޮތީ އޭނާ ހުރީ އަރްޒަންއާއެކު އުޅެން ތައްޔާރަށް ކަމަށްބުނެފައެވެ. އޭރު ވީ ލޯބި އަދިވެސް އަރްޒަންގެ ހިތުގައި ވާނޭކަން އޭނާއަށް ގަބޫލުކުރެވޭ ކަމުގައި ބަތޫލް މެސެޖުގައި ބުނެފައި އޮތެވެ.

ނަންބަރު ބްލޮކް ކޮށްލުމަށްފަހު، އަރްޒަން ޒީޝާންއަށް ބަލައިލަމުން މާދަމާ ދިމާވާނޭކަމުގައި ބުނެލިއެވެ. އަދި ގެއަށް ގޮސް އަރާމުކޮށްލައިގެން ޒީޝާންއަށް ގުޅާނޭ ކަމުގައި ބުނެލިއެވެ. ޒީޝާން ކުޑަކޮށް ބޮލުގައި ރިއްސާތީ އުޅޭތީ ގެއަށް ގޮސް އެއްޗެއް ކައިގެން ބޭސް ކެއުމަށް ވެސް އަރްޒަން އެދުނެވެ. ޒީޝާން ބޯ ޖަހައިލިއެވެ. އެއަށްފަހު އޭނާ ކާރާ ދިމާލަށް ހިނގައިގަތެވެ.

*****

ކުރެވެން އުޅެނީ ވަރަށް ބޮޑުކަމަކަށްވާތީ، ޖައުފަރު އެކަމަށްޓަކާ ވަރަށް ބޮޑެތި ތައްޔާރީތައް ވާން ފެށިއެވެ. މީގެ ކުރިންވެސް އޭނާ އެފަދަ އެތައް ކަމެއްކޮށްފައި ވެއެވެ. މީހުންނަށް ގެއްލުންދީ މީހުންގެ ދިރިއުޅުން ހަލާކުކޮށްލައިގެން ވެސް އޭނާގެ އަމިއްލަ އެދުން ފުއްދެނިކޮށް އެ ނިމުނީއެވެ. ބޭނުންވާވަރަށް ފައިސާ ލިބެނިކޮށް ނިމުނީއެވެ. އެކަމުން އަނެކަކަށް ވާނެ ދެރައަކަށް ވިސްނާކަށް އެއްގޮތަށްވެސް އޭނާ ބޭނުމެއްނޫނެވެ.

ކަމާލު އޭނާ ބުނި ސާމާނު އެރޭ ގެނެސްދިނެވެ. ޖައުފަރު ބުނީ އެކަމަށް ވާންޖެހޭ ތައްޔާރީތައް ކުރަނީ ކަމުގައެވެ. އެރޭ ކަމާލު ދިޔައީ އެޑްވާންސް ލާރިވެސް ދީފައެވެ. އެކަމަކުގެ ސަބަބުންވެސް ޖައުފަރަށް ލިބިފައިވަނީ އިތުރި ފޯރިއެކެވެ. އަވަހަށް ފައިސާ ލިބޭނީ އަވަހަށް މަސައްކަތް ނިންމީމައެވެ.

*****

ރައުދާއާ އަޔާންއާ ދެމީހުންގެ އުޅުމަށް ބަދަލުތަކެއް އަންނާތީ ނިއުމާއަށް ވެސް ފާހަގަ ކުރެވުނެވެ. އަޔާން ކާން ނުކުންނަ ގަޑީގައިވެސް ރައުދާ ނުނިކުންނާތީ އެއްދުވަހު އެކަމާ ބެހޭގޮތުން ނިއުމާ އަޔާން އާ ސުވާލުކޮށްލިއެވެ.

"ވެދާނެ ދަރިފުޅު އެބޯޓްވީމަ އެކަމުގެ ސަބަބުން ކުރި އަސަރުންކަމަށް އެހެންވަނީ..." މަންމައަށް ދޮގެއް ހަދަލަމުން އަޔާން ، އިތުރަށް އެއްވެސް އެއްޗެއް ނުބުނެއެވެ. ކައިގެން އޭނާ ވަނީ ކޮޓަރިއަށެވެ. އޭރު ރައުދާ އުޅެނީ ފާހާނައިގައެވެ. އެނދުގައި އޮށޯވެލި އަޔާން ފޯނާ ކުޅެން ފެށިއެވެ.

ފެންވަރައިގެން ނުކުތް ރައުދާ ޑްރެސިން ޓޭބަލް މަތީގައި އޮތް ފުނާ ނަގާ އޭނާގެ ބޮލުގައި ފުނާ އަޅަން ފެށިއެވެ. ލޯގަނޑުން ފެންނަމުން ދިޔަ އަޔާންގެ ސޫރައަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ރައުދާ އަޔާން އާ ދިމާލަށް އެނބުރިއްޖެއެވެ.

"މިހެން ނޫޅެ ދެމީހުން ވަރިވިޔަސް މާ ރަނގަޅުވާނެ" ރައުދާ އަތުގެ ހަރަކާތްތައް މަޑު ޖައްސައިލިއެވެ.

ރައުދާ އެހެން ބުނުމާއެކު އަޔާން ވެސް ފޯނުން ނަޒަރު ވަކިކޮށްލަމުން ރައުދާއަށް ބަލައިލިއެވެ. އެއަށްފަހު އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އިތުރު އެއްޗެއް ބުނާ ޚިޔާލެއް އޭނާ ނުކުރެއެވެ. ކޮޓަރިން ނުކުމެގެން ބޭރަށް މިސްރާބުޖެހި އަޔާންގެ ކަންފަތުގައި އޭރުވެސް ރައުދާގެ އެ ޖުމްލަތައް ގުގުމަމުން ދިޔައެވެ. އާއެކެވެ. އޭނާވެސް ރައުދާ މަތިން ފޫހިވެއްޖެއެވެ. ވީއިރު ވަރިކޮށްލީމަ ނިމުނީ ހެއްޔެވެ؟ އެފަދަ ވިސްނުންތަކެއް ސިކުނޑިއަށް އައި ކަމުގައިވިޔަސް ވަގުތުން ރައުދާ ވަރިކޮށްލުމަށް އޭނާގެ ޒަމީރު ތަނެއްނުދިނެވެ.

*****

ނިދަން އޮށޯވެ އޮތް ރާކިންގެ ނަޒަރު އޭނާގެ އަތުގައި އޮތް ފޯނަށް ހުއްޓިފައިވާއިރު އޭގައި އަޅުވާފައިވަނީ ޒޭބާ އޭނާއަށް ފޮނުވި ފޮޓޯގަނޑެކެވެ.

ފޯނު ހިފައްޓާފައިވާ އަތަށް ރާކިން ބާރުކޮށްލިއެވެ. އޭނާގެ ދެބުމަ ގޮށްޖެހި، ރުޅި އައިވަރުން މީހާގެ އަތަށް ވެސް ހިސާބެއްގެ ތުރުތުރު އެޅުމެއް ވެރިވެއްޖެއެވެ. މީހާ ހަމަޖެހެން މަސައްކަތް ކުރިނަމަވެސް އެކަން ކުރަން ރާކިންއަށް އުނދަގޫވިއެވެ. އަތުގައި އޮތް ފޯނު އަތުގެ ކޮޅަށް ހޫރައިލުމާއެކު، އޭނާ ދަތްކުނޑި ވިކައިލިއެވެ. ފޯނު ފާރުގައި ޖެހުނު ގޮތަށް ފުނޑުފުނޑުވިއެވެ. ރާކިންގެ ހިތާ ސިކުނޑީގައި ސޫރަވެފައިވަނީ، އަރްޒަންއާ ޒީޝާންއާ ދެމީހުންގެ އެ ތަސްވީރެވެ. ޒީޝާންގެ އަތުގައި ހިފައްޓާލައިގެން އަރްޒަން ހުރިއިރު، ޒީޝާން ހުރީ އަރްޒަންގެ މޫނަށް ބަލަހައްޓައިގެންނެވެ. އެ މޫނުމަތީގައިވަނީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. އެކަމުން ރާކިންގެ ހިތަށްތަދުވިއެވެ. އެ ދެމީހުންގެ ގުޅުން ހީނަރުވުމަށް އެދި އޭނާ، ހިތާ ހިތުން ދުޢާ ވެސް ކުރިއެވެ. ބަދުދުޢާ ކުރުމަކީ ކިހާ ގޯސްކަމެއްކަން އެނގޭ ހާލުގައެވެ. ރާކިންއަށް އޭނާގެ ހިތުގެ އިޙްސާސްތަކުގެ މައްޗަށް ބާރު ނުފޯރުވުނީ އެވެ. ޝައިޠާނާގެ މައްޗަށް އޭނާއަށް ގަދަ ނުވެވުނީއެވެ.

(ނުނިމޭ)

comment ކޮމެންޓް