ހިޔާނާތުގެ "ބޮޑު" މައްސަލައެއްގައި ދައުވާކުރަން ފޮނުވަން ތައްޔާރުވެއްޖެ

އޮކްޓޯބަރ 15، 2019: އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒުމޫސާ

މި ހަފްތާގައި ހިޔާނާތުގެ "ބޮޑު" މައްސަލައެއްގައި ދައުވާކުރަން ފޮނުވަން ތައްޔާރުވެފައިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އޭސީސީގެ މެމްބަރުން ވަނީ ހާޒިރުކޮށްފައެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ މެމްބަރު އިބްރާހިމް ޝަކީލް ވިދާޅުވީ އޭސީސީން ތަހުގީގުކުރަމުން އަންނަ 18 މައްސަލައެއް އޮތީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި ކަމަށާއި އޭގެ އިތުރަށް ހަތް މައްސަލައެއް މި މަހުގެ ނިޔަލަށް ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވޭނެ ކަމަށެވެ.

"މި މައްސަލަތަކުގެ ތެރެއިން، ބޮޑު މައްސަލައެއް ފޮނުވަން ތައްޔާރުވަމުން މި ދަނީ. އަޅުގަނޑުމެންގެ މިހާރުގެ ޓާގެޓަކީ މި ހަފްތާގެ ބުރާސްފަތި ދުވަސް،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޖެހިގެން އަންނަ ހަފްތާގައި ވެސް އިތުރު މައްސަލައެއްގައި ދައުވާކުރަން ޕީޖީއަށް ފޮނުވޭނެ ކަމަށް އުންމީދުކުރާ ކަމަށް ޝަކީލް ވިދާޅުވިއެވެ.

ނަމަވެސް އެ މައްސަލަތަކުގެ ތަފްސީލެއް އޭނާ ނުދެއްވައެވެ. ޝަކީލްގެ ވާހަކައާ ގުޅުގެން އޭސީސީގެ ރައީސް މަރްޔަމް ޝިއުނާއާ "ސަން" އިން ސުވާލުކުރުމުން، ވިދާޅުވީ ބުރާސްފަތި ދުވަހު އެ މައްސަލައިގެ ތަފްސީލް ހާމަވާނެ ކަމަށެވެ.

އޭސީސީން ތަހުގީގުކުރަމުން އަންނަ އެންމެ ބޮޑު މައްސަލައަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައެވެ. އެ މައްސަލައިގައި އޭސީސީ އާއި ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން އަންނަނީ ބޮޑު ތަހުގީގެއް ހިންގަމުންނެވެ.

ޖުލައި މަހުގެ 23 ވަނަ ދުވަހު އެސެޓް ރިކަވަރީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަދު ހަފްތާތަކެއްގެ ތެރޭގައި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން ފަސް މީހަކަށް ދައުވާކުރަން ފޮނުވާނެ ކަމަށް، ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވިއެވެ.

ނަމަވެސް ކޯޓަށް ފޮނުވަން ތައްޔާރުވެފައިވަނީ ކޮން ބައެއްގެ މައްސަލަތައް ކަމެއް ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ. މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާ މީހުންގެ ތެރޭގައި މިނިސްޓަރެއް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހިމެނޭތޯ "ސަން" އިން ސުވާލުކުރުމުން އަސްއަދު ވިދާޅުވީ ހެކި ލިބިފައިވާނަމަ ކޯޓަށް ފޮނުވަން ތައްޔާރުވެފައިވާ ފަސް މީހުންގެ ތެރޭގައި އެ ފަރާތެއް ހިމެނޭނެ ކަމަށެވެ.

އަދި އެ ފަރާތްތަކުގެ ނަންތައް ވެސް ހާމަވަނީ ކޯޓާ ހިސާބުން ކަމަށް އަސްއަދު ވިދާޅުވިއެވެ.

comment ކޮމެންޓް