ޕީޖީއާ ހިއްސާ ނުކުރާނެ މައުލޫމާތެއް ނުހުންނާނެ: އޭސީސީ

މިނިވަން މުއައްސަސާ ކޮމިޓީގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ --- ސަންފޮޓޯ / ފަޔާޒު މޫސާ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނެރަލް ގެ އޮފީސް މަސައްކަތް ކުރަނީ ވަރަށް ގުޅިގެން ކަމަށާއި، ޕީޖީއާ ހިއްސާނުކުރާނެ މައުލޫމާތެއް ނުހުންނާނެ ކަމަށް އޭސީސީގެ ރައީސް، މަރްޔަމް ޝިއުނާ މިއަދު ވިދާޅުވެއްޖެއެވެ.

ޝިއުނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީީމް (އަދުން ހުސައިން) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އަދުން ހުސައިން ވިދާޅުވީ ޕީޖީގެ ފަރާތުން، އޭސީސީގައި ބައެއް ކަހަލަ މައުލޫމާތު ހޯދުމަށް އެދުމުން، އެ މައުލޫމާތު ނުދެވޭނެ ކަމަށް ބުނެ އޭސީސީން ޖަވާބުދީފައިވާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެގޮތަށް ޖަވާބުދީފައި ވާނެތޯ އާއި އެހެން ކަމަށް ވާނަމަ އެއީ ގާނޫނުއަސާސީއާ ހިލާފަށް ކުރެއްވި ކަމެއް ކަމަށް ގަބޫލުކުރަންތޯ މެމްބަރު ސުވާލު ކުރެއްވިއެވެ.

މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން ޝިއުނާ ވިދާޅުވީ އެންޓިކޮރަޕްޝަން ނިޒާމުގައި ހުރި އުނި ކަންތައްތަކާއި އަދި ރަނގަޅު ކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން އޭސީސީއާއި ޕީޖީ ގުޅިގެން ހާއްސަ ޕްރޮޖެކްޓެއް ހިންގަން ރާވާފައިވާ ކަމަށެވެ.

"އެ ޕްރޮޖެކްޓުގެ ދަށުން ޕީޖީން އޭސީސީއަށް ފޮނުވި ސިޓީއެއްގައި މި އިންނަނީ، އޭސީސީން މިހާރު ބަލަމުންދާ ހުރިހާ ކޭސްތަކުގެ ތަފްސީލާ، ކޭސްތައް ހުށަހެޅުނު ތާރީހާ، ތުހުމަތު ކުރެވޭ ފަރާތަކީ ކޮބައިތޯ، މިހެން ގޮސް ވަރަށް ބައިވަރު ތަފްސީލާއެކު އެދިފައި ވަނީ ލިސްޓެއް ފޮނުވަން،" ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ އެ ޕްރޮޖެކްޓުގެ މައިގަނޑު މަގްސަދަކީ ވަކި ޓާގެޓެއް ކަނޑައަޅައިގެން މި އަހަރު ނިމެން ވާއިރަށް ދައުވާކުރަން ފޮނުވޭނީ ކޮން މައްސަަލަތަކެއް ތޯ ކަނޑައެޅުން ކަމަށެވެ.

އަދި ޕީޖީގެ ސިޓީއާ ގުޅިގެން ފޮނުއްވި ޖަވާބުގައި، ހުރިހާ މައުލޫމާތެއް އެއްފަހަރާ ފޮނުވަން "ރިޒަވޭޝަންސް" ހުރިކަމަށް ވިދާޅުވ ކަމަށެވެ. ޝިއުނާ ވިދާޅުވީ އޭސީސީން ބަލަމުން އަންނަ ހުރިހާ މައްސަލައެއްގެ ހުރިހާ ތަފްސީލެއް ޕީޖީ އޮފީހަށް ފޮނުވައިދޭން އެދިފައި މިވަނީ މުޅިން އަލަށެވެ.

"އެހެންވީމަ އަޅުގަނޑުމެން ތެރޭގައި މަޝްވަރާކޮށްފައި އެވަގުތު އަޅުގަނޑުމެން ނިންމީ އަޅުގަނޑުމެންގެ ރިޒަވޭޝަންތަކެއް އެބަހުއްޓޭ،" ޝިއުނާ ވިދާޅުވިއެވެ.

ހަމައެއާއެކު އެ ޖަވާބުގައި އޭސީސީން ބަލަމުން އަންނަ މައްސަލަތަކުގެ ތެރެއިން ދައުވާ ކުރެވޭނެ ކަމަށް ބެލެވޭ ހުރިހާ ކޭސްތަކާއި މިހާރު ޑިއުޓީ ޕްރޮސެކިއުޝަންގައި ހުރި ހުރިހާ ކޭސްތަކެއްގެ ހުރިހާ ތަފްސީލެއް ޕީޖީއަށް ފޮނުވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

ހަމައެއާއެކު އެކަމާ ގުޅިގެން އިތުރަށް މަޝްވަރާ ކުރުމަށް، ބައްދަލުވުމެއް ބާއްވަން ވެސް އެދިވަޑައިގެން ކަމަށާއި، އަދި އެގޮތަށް އެ ބައްދަލުވުން ކުރިއަށް ވެސް ގެންގޮސްފައިވާ ކަމަށް ވެސް ޝިއުނަ ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ގާނޫނުއަސާސީއާ ހިލާފަށް އަޅުގަނޑު ފޮނުވި ރެސްޕޯންސް އެކޭ. އަޅުގަނޑުމެން ތެރޭގައި މަޝްވަރާކޮށްފައި އެ މައުލޫމާތާ ގުޅޭގޮތުން އިތުރަށް މަޝްވަރާކުރަން ވެގެން ޕީޖީ އާ ބައްދަލުވެސް ކުރިން. އެ ބައްދަލުވުމުގައި ޕީޖީ ވެސް އެއްވެސް ވަރަކަށް މިކަމާ ގުޅޭގޮތުން ކޮންސާނެއް ރެއިސް ކޮށްފައެއް ނުވެ،" ޝިއުނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެކަމާ ގުޅޭގޮތުން ޕީޖީ އާއި ދެބޭފުޅުން ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް ޝިއުނާ ވިދާޅުވިއެވެ. އަޅުގަނޑު ޕާސަނަލީ ގުޅާފަ ވެސް ޑިސްކަސް ކޮށްފަ ހުންނާނެ.

ޝިއުނާ ވިދާޅުވީ މަޖިލީހަށް ކޭސް ލިސްޓް ފޮނުވި ހިސާބުން ޕީޖީއަށް ވެސް ކޭސް ލިސްޓު ފޮނުވަން ނިންމާފައިވާ ކަމަށާއި ޕީޖީ އޮފީހަށް އޭސީސީން އެއްބާރުލުން ނުދޭ ވާހަކައާ، ތަހުގީގު ތަކާ ގުޅުންހުރި މައުލޫމާތު ޕީީޖީ އޮފީހަށް ނުދޭ ވާހަކައަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

ހަމައެއާއެކު ހަފްތާއަކު އެއްފަހަރު ޕީޖީއާ ބައްދަލުވާ ކަމަށާއި، އެ ބައްދަލުވުންތަކުގައި ކޭސްތަކާ ގުޅޭގޮތުން މަޝްވަރާކުރާއިރު ޕީޖީއާ ހިއްސާނުކުރެވޭނެ މައުލޫމާތެއް ހުންނާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑަށް ގަބޫލުކުރެވެނީ އަޅުގަނޑު ޕީޖީއާ ހިއްސާ ނުކުރާނެ މައުލޫމާތެއްތަކެއް ނުހުންނާނެ. އަޅުގަނޑުމެން ހަމަ ވަރަށް ގުޅިގެން މި މަސައްކަތް ކުރަނީ ޕީޖީ އޮފީހާ" ޝިއުނާ ވިދާޅުވިއެވެ.

comment ކޮމެންޓް