އައިސޮލޭޝަނަށް ގެންދަން ގުޅީ ޖަނާޒާގެ ކަންކަން ކުރިއަށް ދަނިކޮށް

މެއި 28، 2020: މަޖީދީމަގުގައި އެމްބިއުލައިން ހަރަކާތްރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ކޮވިޑް19 ޖެހިގެން ރާއްޖެއިން މަރުވި މީހާގެ ޖަނާޒާގެ ކަންކަން ކުރިއަށް ދަނިކޮށް، އޭނާ އައިސޮލޭޝަނަށް ގެންދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގުޅި ކަމަށް އާއިލާއިން ބުނެފިއެވެ.

މިއަދު މަރުވެފައި ވަނީ އުމުރުން 67 އަހަރުގެ މީހެކެވެ. އޭނާއަކީ އިއްޔެ އައިޖީއެމްއެޗަށް ގެންގޮސް އެމަޖެންސީ ރެސްޕޮންސް (އީއާރު)ގައި ފަރުވާ ދެމުންދިޔަ މީހެކެވެ.

އޭނާގެ އާއިލާގެ ފަރާތުން ސޯޝަލް މީޑިއާގައި މައުލޫމާތު ހާމަކުރަމުން ބުނެފައި ވަނީ، މިކަމުގައި އެޗްޕީއޭ އިން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން އޭނާއަކީ ހައި ރިސްކް ގްރޫޕުގެ މީހަކަށް ވާތީ، އައިސޮލޭޝަނަށް ގެންގޮސްދޭން ތަކުރާރުކޮށް އާދޭސް ކުރަމުން ދިޔަ ކަމަށާއި، ނަމަވެސް ނިޔާވި އިރުވެސް އައިސޮލޭޝަނަށް ގެންދެވިފައި ނުވާކަމަށް އާއިލާއިން ބުންޏެވެ.

"އާދޭސްކޮށްކޮށް ތިއްބައި ވަކިވެގެން އެ ދިޔައީ ފުރާނައެއް،" އެކަކު ބުނެފައިވެއެވެ.

މިއަދު ނިޔާވި މީހާއަށް ބޮޑުބޭބެ ކިޔާ މީހަކު ބުނީ، ބޮޑުބޭބެ އައިސޮލޭޝަނަށް ގެންދަން އެޗްޕީއޭ އިން ގުޅީ، ޖަނާޒާގެ ކަންކަން ކުރިއަށް ދަނިކޮށް ކަމަށެވެ.

މީގެ އިތުރުން އެ ގޭގައި ތިބި ޑައިރެކްޓް ކޮންޓެކްޓުންގެ ސާމްޕަލް ވެސް ނުނަގާ ކަމަށާއި، ގެ މޮނިޓަރިން އަށް ލާފައިވާކަމުގެ ލިޔުން ވެސް ލިބުނީ މިއަދު ކަމަށް އާއިލާއިން ބުންޏެވެ.

މި ކޭސްއާ ގުޅިގެން އެޗްޕީއޭއަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އަދި އެޗްޕީއޭ މުޅިން ފެއިލްވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން އެޗްޕީއޭގެ ބަހެއް އަދި ނުލިބެއެވެ.

comment ކޮމެންޓް