އެންއައިސީއަށް ކުރިމަތިލީ މީހުންގެ ނަންތައް މަޖިލީހަށް ހުށަހަޅުއްވައިފި

ރައްޔިތުން މަޖިލިސް ކުރާ ގެ -- ސަން ފޮޓޯ

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ތިން މެމްބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމުތަކަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި އެކަމަށް އިޖާބަދެއްވި ހުރިހާ އެންމެންގެ ނަންތައް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އެންއައިސީގެ ނައިބު ރައީސް ހައްސާން ހަމީދާއި ކޮމިޝަނު މެމްބަރުން އަހްމަދު އަމީން އަދި ޚަދީޖާ އަބްދުﷲ ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވާފައެވެ.

އެބޭފުޅުން އިސްތިއުފާ ދެއްވާފައި ވަނީ ތިން ބޭފުޅުން ހިމެނޭގޮތަށް، ކޮމިޝަންގެ ހަތަރު މެމްބަރަކު ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.

އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.

މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ، މަގާމުން ވަކިކުރަން ފެންނަ ކަމަށް ނިންމި ހަތަރުވަނީ މެމްބަރަކީ އެންއައިސީގެ ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު ސުލައިމާނެވެ. އެ ހަތަރު މެމްބަރުންނަކީވެސް ކުރީ ސަރުކާރުން އެންއައިސީއަށް އައްޔަންކުރި ބޭފުޅުންނެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެންއައިސީގައި ދެން އިންނަވަނީ އެ ކޮމިޝަނަށް މި ސަރުކާރުން އައްޔަން ކުރެއްވި، ކާނަލް (ރޓޑ) އަހްމަދު ޖިހާދެވެ. ޖިހާދު ކޮމިޝަނަށް އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

އެންއައިސީއަށް މެމްބަރުން ވަކި ކުރެއްވުމުގެ ބާރު އޮންނާނީ ރައީސަށެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް، އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.

comment ކޮމެންޓް